ލޭންޑް ޔޫސް ޕްލޭނަށް ގެނައި ބަދަލާއެކު ގިރާވަރުފަޅުން ގޯތި ލިބުނު އެންމެނަށް އާ ލޮޓް ނަންބަރުތައް ކަނޑައެޅުމަށްޓަކައިި އަލުން ގުރުއަތު ނެގުމަށް ނިންމައިފި އެވެ.
ކޮންސްޓްރަކްޝަން މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ ގިރާވަރުފަޅުގެ ކުރީގެ ލޭންޑް ޔޫސް ޕްލޭނުގައި 610 ގޯތި މަދުވާ ކަމަށެވެ. އެހެންވެ އިއްޔެ އާއްމުކުރި އާ ލޭންޑް ޔޫސް ޕްލޭނުގައި އެ 610 ގޯތި ހިމަނައިގެން ޖުމްލަ 4,072 ގޯތި ގިރާވަރުފަޅުން ދޫކުރުމަށް ހިމަނާފައިވާނެ ކަމަށް ބުންޏެވެ.
އަދި މި ބަދަލާ ގުޅިގެން، "ބިންވެރިޔާ" ސްކީމްގެ ދަށުން ގިރާވަރުފަޅުން ގޯތި ލިބިފައިވާ ފަރާތްތަކަށް ކަނޑައެޅިފައިވާ ބިމުގެ ސަރަހައްދުތަކަށް ބަދަލު އަންނާނެތީ، އާ ލޮޓް ނަންބަރުތައް ކަނޑައެޅުމަށްޓަކައި އަލުން ގުރުނެގުމަށް މިނިސްޓްރީން ވަނީ ނިންމާފަ އެވެ.
މިިނިސްޓްރީން ބުނީ މި ގުރުއަތުލުން އޮންނާނީ 31 ޖެނުއަރީ ވާ ހޮނިހިރު ދުވަހުގެ ހެދުނު 09:30 ގައި ސޯޝަލް ސެންޓަރުގެ ހޯލުގައި ކަމަށެވެ.
ގިރާވަރުފަޅުން ދޫކުރާ ގޯތީގެ އަދަދާއި ބޮޑުމިނުގެ ތަފްސީލު؛
- 1250 އަކަފޫޓުގެ 2603 ގޯތި
- 1650 އަކަފޫޓުގެ 1214 ގޯތި
- 2050 އަކަފޫޓުގެ 254 ގޯތި
- 2450 އަކަފޫޓުގެ 01 ގޯތި
މިނިސްޓްރީން ބުނީ ގޯތިލިބޭ ފަރާތްތަކަށް ލިބިގެންދާ ޕްލޮޓްގެ ގުރުއަތުނެގުމުގެ ކަންކަން ކުރިއަށް ގެންދާނީ އެކަމަށް ކަނޑައަޅާ އެ މިނިސްޓްރީގެ މުވައްޒަފުން ކަމަށެވެ.
އަދި ގިރާވަރުފަޅުން ގޯތި ލިބިފައިވާ ފަރާތްތަކުގެ ތެރެއިން ކޮންމެ ޕްލޮޓަކަށް އެއް ފަރާތަށް ގުރުނެގުމަށް ހަމަޖެހިފައިވާ ސަރަހައްދަށް ވަދެވޭނެ ކަމަށާއި ގޯތި ލިބޭ ފަރާތްތަކެއްގެ ބަދަލުގައި އެހެން ފަރާތަކުން ހާޒިރުވާނަމަ އެކަން އަންގައިދޭ ލިޔުމާއި އަދި ގޯތީގެ ވެރިފަރާތުގެ އައިޑީ ކާޑުގެ ކޮޕީގެ އިތުރުން ބަދަލުގައި ހާޒިރުވާ ފަރާތުގެ އައިޑީ ކާޑުގެ ކޮޕީއެއް ގެންދަން ޖެހޭނެ ކަމަށްވެސް ބުންޏެވެ.
މީގެ އިތުރުން ގުރުއަތުނެގުން ކުރިއަށްދާއިރު ގޯތި ލިބިފައިވާ ފަރާތަށް ހަމަޖެހިގެންދާ ޕްލޮޓް ހިޔާވެހި ޕޯޓަލްއިން ވަގުތުން ފެންނާނެ ކަމަށް މިނިސްޓްރީން ބުންޏެވެ. އަދި އެފަރާތަކަށް ލިބޭ ފްލޮޓް ނަންބަރު އެސްއެމްއެސްގެ ޒަރިއްޔާއިންވެސް އަންގާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
މި ގުރުއަތުލުން ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން ވަގުތުން ދުރަށް ދައްކާނެ އެވެ.










