ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ހަރަކާތްތައް ވަރުގަދަކުރުމުގެ ގޮތުން އެ ޕާޓީގެ ޒުވާނުންގެ ގޮފި ނުވަތަ ޔޫތު ވިންގުގެ ހިންގާ ކޮމިޓީ ރަސްމީކޮށް އިންތިހާބުކޮށްފި އެވެ.
މި އިންތިހާބުގައި ޕީއެންސީގެ ޔޫތު ވިންގުގެ ރައީސަކަށް ހޮވިފައިވަނީ ގުރައިދޫ ދާއިރާގެ މަޖިލިސް މެންބަރު ހަނާން މުހައްމަދު ރަޝީދެވެ. ޒުވާނުންގެ ބައިވެރިވުން އިތުރުކުރުމުގެ މަގުސަދުގައި އެކުލަވާލި މި ކޮމިޓީގައި ހަނާންއާއެކު ޖުމްލަ 15 މެންބަރުން ތިއްބަވާނެ އެވެ. މީގެ ތެރޭގައި ސިޔާސީ މައިދާނުގައި އަންހެނުންގެ ދައުރު ފުޅާކުރުމުގެ ގޮތުން ފަސް އަންހެން މެންބަރުން ވެސް ވަނީ ހިމަނާފަ އެވެ.
ޕީއެންސީ ޔޫތު ވިންގުގެ ހިންގާ ކޮމިޓީ:
އެމްޕީ ހަނާން މުހައްމަދު ރަޝީދުގެ އިތުރުން މި ކޮމިޓީގައި ހިމެނިވަޑައިގަންނަވާ މެންބަރުންނަކީ;
- މުހައްމަދު ފިރުޒުލް އަބްދުﷲ ހަލީލު،
- މުހައްމަދު ޔައީޝް އިސްމާއީލް،
- މުހައްމަދު އަލްސަން އަހުމަދު،
- އިބްރާހީމް އަބާން އަބްދުއްލަތީފް،
- އިފްނާން އަބްދުﷲ،
- އަލީ ހަސީން،
- މަލްޝާ ޝަރީފް،
- ލުޖައިނުﷲ ޒުހައިރު،
- ހަސަން ޝަހީދު،
- ފާތުމަތު ޝައުފާ ސަލީމް،
- އާމިނަތު ރަނާ ހުސައިން ޝިހާމް،
- ހިންދު ތައުފީގް
- އާމިނަތު ޝަޖަން.
ޒުވާނުންނަކީ ޕާޓީގެ އެންމެ ބޮޑު ރައުސްމާލުކަން ފާހަގަކުރައްވައި، އަލަށް އިންތިހާބުވި ކޮމިޓީގެ މެންބަރުންނަށް ޕީއެންސީގެ ލީޑަޝިޕުން ވަނީ ހޫނު މަރުހަބާއެއް ކިޔާފަ އެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ޒުވާނުން ބާރުވެރިކުރުވުމަށާއި، ސިޔާސީ މައިދާނުގައި ޒުވާނުންގެ ދައުރު ފުޅާކުރުމަށް ބޮޑު އިސްކަމެއް ދެއްވާއިރު، މި ކޮމިޓީގެ ސަބަބުން ޕާޓީގެ ހަރަކާތްތަކަށް އިތުރު ދިރުމެއް ލިބިގެންދާނެ ކަމަށް އެ ޕާޓީން ވަނީ ބުނެފަ އެވެ.
ޕީއެންސީން މިހާރު މަސައްކަތް ކުރަމުންދަނީ ޕާޓީގެ އެތެރޭގެ ހިންގުން ހަރުދަނާކޮށް، ކުރިއަށް އޮތް ތަނުގައި ޒުވާނުންނަށް ހާއްސަ ގިނަ ހަރަކާތްތަކެއް ހިންގުމަށެވެ. މިގޮތުން ޕާޓީގެ ސިޔާސީ މަސައްކަތްތަކުގައާއި ސަރުކާރުގެ ސިޔާސަތުތައް ރައްޔިތުންނަށް ފޯރުކޮށްދިނުމުގައި ޒުވާނުންގެ މި އާ ކޮމިޓީން އިސް ދައުރެއް އަދާކުރާނެ ކަމަށް އެ ޕާޓީން ބުންޏެވެ.
ސަރުކާރުގެ މައި ޕާޓީގެ ގޮތުގައި ޕީއެންސީ އޮތްއިރު، ޕާޓީގެ އެކި ގޮފިތައް ހަރުދަނާކުރުމަކީ ރައީސް މުއިއްޒު ދެއްވާ އިރުޝާދެއްގެ މަތިން ކުރިއަށްދާ މަސައްކަތްތަކެކެވެ. މި އާ ކޮމިޓީއާއެކު ޒުވާނުންގެ ބައިވެރިވުން އިތުރުވެ، ސަރުކާރުގެ މަޝްރޫއުތަކާއި ސިޔާސަތުތަކަށް ޒުވާނުންގެ ތާއީދު އިތުރުކުރުމަށް ބޮޑު ބާރަކަށް ވެގެންދާނެކަަމަށް ޕީއެންސީން އުންމީދުކުރެ އެވެ.










