ނ. އަތޮޅުގެ ސިއްހީ ހިދުމަތްތައް އިތުރަށް ހަރުދަނާކުރުމަށް ސަރުކާރުން ކުރައްވާ މަސައްކަތުގެ ދަށުން، އެ އަތޮޅު ވެލިދޫގައި ސީ އެމްބިއުލާންސްގެ ހިދުމަތް ރަސްމީކޮށް އިފްތިތާހްކޮށްފި އެވެ.
މި ހިދުމަތަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިދިޔަ އަހަރުގެ ޖުލައި މަހުގެ 23 ވަނަ ދުވަހު ވެލިދޫ ރައްޔިތުންނާ ބައްދަލުކުރައްވައި، 2026 ވަނަ އަހަރުގެ ޖަނަވަރީ މަހުން ފެށިގެން އެ ރަށަށް ހާއްސަ ސީ އެމްބިއުލާންސްއެއް ގާއިމުކޮށްދެއްވާނެ ކަމަށް ވެވަޑައިގަތް ވައުދުފުޅުގެ ދަށުން ފެށުނު ހިދުމަތެކެވެ.
މިހާތަނަށް ނ. އަތޮޅުގައި ސީ އެމްބިއުލާންސްގެ ހިދުމަތް ދެމުން އައީ ހަމައެކަނި ނ. މަނަދޫގައި އޮންނަ އުޅަނދުންނެވެ. ނަމަވެސް ބައެއް ހާލަތްތަކުގައި ބަލިމީހުން މާލެއަށް އުފުލަން ޖެހުމުގެ ސަބަބުން އަތޮޅުތެރޭގައި ބަލިމީހުން އުފުލުމަށް ބޮޑެތި ދަތިތަކަކާ ކުރިމަތިވަމުން ދިޔަ އެވެ. ވެލިދޫގައި އަލަށް ފެށި މި ހިދުމަތާއެކު މި ދަތިތަކަށް ބޮޑު ހައްލެއް ލިބިގެންދާނެ ކަމަށް ޑިފެންސް މިނިސްޓްރީން ފާހަގަކުރި އެވެ.
ވެލިދޫގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުން ޑިފެންސް މިނިސްޓަރުގެ ނައިބު ފާތިމަތު މިޒުނާ އަލީ ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ ވައުދުފުޅާ އެއްގޮތަށް މި މަސައްކަތް ކުރިއަށް ގެންދިއުމުގައި ރައީސްގެ ފަރާތްޕުޅުން ބޮޑު އެހީތެރިކަމެއް ލިބުނު ކަމަށެވެ. އަދި ނ. އަތޮޅަކީ ފަތުރުވެރިކަމުގެ ސިނާޢަތް ފުޅާވަމުން އަންނަ ސަރަހައްދަކަށް ވުމުން، މި ޚިދުމަތަކީ އިހްތިސާދީ ގޮތުންނާއި ސިއްހީ ގޮތުން ލިބުނު ބޮޑު ކުރިއެރުމެއްކަން މިޒުނާ ފާހަގަކުރެއްވި އެވެ.
ޑިފެންސް މިނިސްޓްރީން އިތުރަށް ހާމަކުރިގޮތުގައި، މިއަހަރުގެ ތެރޭގައި ދައުލަތުގެ ހަރަދުގައި މުޅިން އަލަށް 9 ސީ އެމްބިއުލާންސް ހޯދައި، ރާއްޖޭގެ އެކި ރަށްރަށުގައި ހިދުމަތް ފެށުމަށް ވަނީ ރޭވިފަ އެވެ. މީގެ އިތުރުން ހިދުމަތް މެދުކެނޑިފައިވާ 3 ރަށެއްގައި އަލުން ހިދުމަތް ފެށުމަށާއި، މިހާރު ބޭނުންކުރާ ސީ އެމްބިއުލާންސް ފްލީޓް އަޕްގްރޭޑް ކުރުމުގެ މަސައްކަތްވެސް ބާރުމިނުގައި ކުރިއަށްދާ ކަމަށް އެ މިނިސްޓްރީން ފާހަގަކުރި އެވެ.










