މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަންގެ ގާނޫނާ ފެށުނީއްސުރެ ދެކޮޅު ހަދަމުން އަންނަ މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ)އިން އެ ގާނޫނު ހުއްޓުވަން ހައިކޯޓަށް ހުށަހަޅައިފި އެވެ.
މިފަހުން "އަދަދު" ނޫހުން ޝާއިއުކުރި ސިޔާސީ ކާޓޫނެއްގެ މައްސަލަ މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުން ބަލަން ފެށުމުން އެމްޖޭ އޭއިން ވަނީ އެކަމާ ދެކޮޅަށް ބަޔާނެއް ނެރެ އެއީ މީޑިއާ ކޮންޓްރޯލްކުރުން ކަމަށް ބުނެފަ އެވެ.
އެ މައްސަލައާ ވިއްދައިގެން އެ ޖަމިއްޔާއިން އިއްޔެ ނޫސްވެރިންގެ ބައްދަލުވުމެއްވެސް ބޭއްވި އެވެ. އަދި އެއާ ގުޅުވައިގެން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ އާ މީޑިއާ ގާނޫނަކީ "ނޫސްވެރިކަން ކޮންޓްރޯލްކުރަން" ހެދި ގާނޫނެއް ކަމަށް ކުރާ ތުހުމަތު ތަކުރާރުކޮށްފަ އެވެ. އަދި ނޫސްވެރިންނަށް ގާނޫނުއަސާސީން ލިބިދީފައިވާ މިނިވަންކަމަށް އެ ގާނޫނުން ހުރަސް އަޅާ ކަމަށް އެމްޖޭއޭ އިން ގަބޫލުކުރާ ކަމަށްވެސް ވަނީ ބުނެފަ އެވެ.
އެހެންކަމުން ދުސްތޫރީ މައްސަލައެެއްގެ ގޮތުގައި އެ މައްސަލަ ހައި ކޯޓަށް ހުށަހެޅުމަށް ފަހު، މައްސަލައާ މެދު ގޮތެއް ނިމުމުގެ ކުރިން މީޑިއާ ކޮމިޝަނުން އެއްވެސް މީޑިއާއަކަށް އަދަބު ދިނުން ހުއްޓުވުމަށްޓަކައި ވަގުތީ އަމުރަކަށް ވެސް އެދިފައިވާ ކަމަށް ބުންޏެވެ.
ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މީޑިއާތައް ރެގިއުލޭޓްނުކުރެވި ނޫސްވެރިކަމުގެ މިންގަނޑުން ބޭރުން ބައެއް މީޑިއާ ތަކުން ހަރަކާތްތެރިވާތީ މީޑިއާތައް ރެގިއުލޭޓްކޮށް އިތުރަށް ބާރުވެރިކުރުމަށް މި ސަރުކާރުން ވަނީ އާ ގާނޫނެއް އެކުލަވާލާފަ އެވެ. މީޑިއާތައް ރެގިއުލޭޓް ކުރުމަށް ކުރިން ހަދާފައި އޮތް ބްރޯޑްކާސްޓިން ކޮމިޝަނާއި މީޑިއާ ކައުންސިލަށް އެއްވެސް ވަރަކަށް މީޑިއާތައް ރެގިއުލޭޓު ނުކުރެވޭތީ އާ ގާނޫނުގެ ދަށުން އެ ދެތަންވެސް އުވާލައި ހެދީ ހުރިހާ މީޑިއާއެއްް ރެގިއުލޭޓްކުރެވޭނެ އެއް ކޮމިޝަނެވެ. އެއީ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނެވެ.
މީޑިއާ ބިލު މަޖިލީހަށް ހުށަހެޅީއްސުރެ އެމްޖޭއޭ އިން އައީ އެ ބިލާ ދެކޮޅު ހަދަމުންނެވެ. އެގޮތުން އެ ޖަމިއްޔާ އިސްވެ އޮވެ ބިލާއި ބެހޭގޮތުން ހަގީގަތާއި ހިލާފު ވާހަކަ ދައްކައި މުޒާހަރާވެސް ކުރި އެވެ.
އާ ގާނޫނާ ދެކޮޅަށް އެމްޖޭއޭގެ އެންމެ ބޮޑު ޝަކުވާ އަކަށްވީ މީޑިއާތައް ރެގިއުލޭޓް ކުރުން ހުއްޓުވުމެވެ. އަދި ރެގިއުލޭޓް ކުރާ ނަމަ ކުރަންޖެހޭނީ އެ ޖަމިއްޔާއަށް ގަބޫލުކުރެވޭ މިންގަނޑުތަކެއްގެ ތެރެއިން ކަމަށް ދިޔައީ ބުނަމުންނެވެ. ނަމަވެސް އެމްޖޭއޭ ވުޖޫދުގައި އޮންނަތާ 15 ވަރަކަށް އަހަރުވީއިރު އެއިން އެއްވެސް ކަމެއް އެ ޖަމިއްޔާއަށް ކުރެވިފައެއް ނެތެވެ.










