"އަދަދު" ނޫހުން އާންމުކުރި "އައިޝާ" ޑޮކިއުމެންޓްރީއާ ގުޅިގެން ފުލުހުން ހިންގަމުންދާ ތަހުގީގަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަންގަވައިގެން ކުރިއަށްގެންދާ ތަހުގީގެއް ނޫން ކަމަށާއި، އެއީ ޕްރޮސިކިއުޓާ ޖެނެރަލް އޮފީހުގެ އެންގުމަކަށް ހިންގާ ތަހުގީގެއް ކަމަށް ރައީސް އޮފީހުގެ އިސް ތަރުޖަމާނު މުހައްމަދު ހުސެއިން ޝަރީފް (މުންދު) ވިދާޅުވެއްޖެއެވެ.
ސްޕޯކްސް ޕާސަންގެ ފަރާތުން މީޑިއާތަކަށް މައުލޫމާތު ދެއްވުމަށް ބޭއްވި "ޕްރެސާ ވިތް ދަ ސްޕޮކްސް" ގައި މުންދު މިއަދު ވިދާޅުވީ، އެ މައްސަލަ ތަހުގީގުކޮށްދިނުމަށް ސަރުކާރުގެ އެއްވެސް އިދާރާއަކުން ވެސް އެދިފައި ނުވާނެ ކަމަށެވެ.
"މިހާރު ހިނގަމުންދާ އިންވެސްޓިގޭޝަނަކީ، އެކެއް، ރައީސުލްޖުމްހޫރިއްޔާ އަންގަވައިގެން ކުރި ކަމެއް ނޫނޭ. ދޭއް، ސަރުކާރުން އަންގައިގެން ކުރި ކަމެއް ނޫނޭ،" މުންދު ވިދާޅުވިއެވެ.
މުންދު ވިދާޅުވީ އަދަދު ނޫހުގެ ޑޮކިއުމަންޓަރީގެ ދެ ތަހުގީގެއް ކުރާ ކަމަށެވެ. އެގޮތުން ފުލުހުން ތަހުގީގު ކުރަނީ ގާނޫނުތަކުން ދީފައިވާ މިނިވަން ކަމުގެ އިންފާރުން ބޭރުން އަދަދު ނޫހުން ކުރި މަސައްކަތެއް ކަމަށާއި ދެން ތަހުގީގެއް ކުރަނީ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން ކަމަށެވެ.
މައުލޫމާތު ލިބިފައިވާގޮތުަގައި މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުން މި މައްސަލައިގައި "އަދަދު" ނޫހަށް ލިޔެކިޔުމުން މައްސަލަ ބަލާކަން ވަނީ އަންގާފައެވެ.
އަދި ޕީޖީ އޮފީހުން މި މައްސަލަ ބަލަން ފުލުހުންނަށް އަންގާފައިވަނީ މި މަހުގެ 19 ވަނަ ދުވަހުއެވެ. މި މައްސަލައާ ގުޅިގެން މިދިޔަ ހޯމަ ދުވަހުގެ ރޭ ފުލުހުން ވަނީ "އަދަދު" ނޫހުގެ އޮފީހަށް ވަދެ، ތަހުގީގަށް ބޭނުންވާ ބައެއް ތަކެތި ގެންގޮސްފައެވެ. މީގެ އިތުރުން އެ ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާ އާއި އެޑިޓަރު ހަސަން މުހައްމަދު އިއްޔެ ފުލުހަށް ހާޒިރުކޮށް ބަޔާން ނަގާފައިވެއެވެ.
މުންދު ވިދާޅުވި ގޮތުގައި، ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަކީ ގާނޫނުއަސާސީން ކަށަވަރުކޮށްދޭ ހައްގަކަށް ވީނަމަވެސް، އެކަން އޮންނަންވާނީ އިސްލާމްދީނުގެ ހުދޫދުތަކުގެ ތެރޭގައެވެ. އަދި އެ ޑޮކިއުމެންޓްރީގައި ކުރެވިފައިވާ ތުހުމަތުތަކަކީ ސީރިއަސް އެލިގޭޝަންތަކެއް ކަމަށާއި، އެކަން ސަބްސެންޓިއޭޓް ނުކުރެވޭނަމަ އެއީ ކުށެއް ކަމަށް ވެސް މުންދު ފާހަގަކުރެއްވިއެވެ.
މި މައްސަލަ ތަހުގީގުކުރަން ޕީޖީގައި އެދެން ރައީސަށް ޖެހިވަޑައިނުގަންނަވާނެ ކަމަށް މުންދު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ޕީޖީން އިސްނަންގަވައިގެން ފުލުހުންނަށް އެކަން ތަހުގީގުކުރަން އަންގާފައިވަނީ ޖިނާއީ ކުށެއް ހިނގާފައިވޭތޯ ބެލުމުގެ ގޮތުން ކަމަށެވެ. ފުލުހުންގެ ޗިޓުގައިވާ ގޮތުން، އެ ޑޮކިއުމެންޓްރީގައި ރައީސް މުއިއްޒަށް ގަޒްފުގެ ތުހުމަތު ކޮށްފައިވާ ކަމަށް ބަޔާންކޮށްފައިވެއެވެ.
މިއީ ރައީސް އޮފީހުގެ އާ ތަރުޖަމާނު މުހައްމަދު ހުސެއިން ޝަރީފް މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު ނޫސްވެރިންނާ ބައްދަލުކުރެއްވި ފުރަތަމަ ފަހަރެވެ.








