ނޫސްވެރިކަމުގެ މިނިވަންކަމަކީ އިސްލާމްދީނާއި ގާނޫނުއަސާސީގެ އިމުން ބޭރުވެ، މީހުންގެ އަބުރާއި އިއްޒަތަށް އަރައިގަނެ ފުރައްސާރަކޮށް ބުލީކުރުމުގެ ނިޒާމަކަށް ބަދަލުވެއްޖެ ނަމަ މުޅި މުޖުތަމައު ފަސާދަވެ ހަލާކުވެގެން ހިނގައިދާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ޑރ. ޝަހީމް ވިދާޅުވީ، ދިވެހިރާއްޖޭގައި ހިޔާލުފާޅުކުރުމުގެ ފުރިހަމަ މިނިވަންކަން ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ ކަމަށާއި، ރާއްޖެއަކީ ދުނިޔޭގެ ނިސްބަތުން ވެސް ނޫސްވެރިކަމުގެ މިނިވަންކަން އެންމެ ފުޅާ ދާއިރާއެއްގައި އޮތް އެއް ގައުމަށް ވާންޖެހޭނެ ކަމަށެވެ. ނަމަވެސް، މި މިނިވަންކަމުގެ ބޭނުން ހިފަންވާނީ ޒިންމާދާރުކަމާ އެކު، މުޖުތަމައުގައި ހުންނަ ނޭދެވޭ ކަންކަމާއި ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރާ ގައުމީ އަގުހުރި މަސައްކަތެއްގެ ގޮތުގައި ކަމަށް މިނިސްޓަރު ފާހަގަކުރެއްވި އެވެ.
ކަންކަމަށް ބިނާކުރަނިވި ގޮތެއްގައި ފާޑުކިޔުމަކީ މައްސަލައެއް ނޫން ނަމަވެސް، ޒާތީ ގޮތުން ދިމާކުރުމާއި ދޮގު ވާހަކަ ފެތުރުމަކީ އިސްލާމީ ޝަރީއަތުގައި ކަނޑައެޅިގެން ނަހީކުރައްވާފައިވާ ކަންކަން ކަމަށް މިނިސްޓަރު ޝަހީމް ވިދާޅުވި އެވެ. މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި، މިހާރަކަށް އައިސް ބައެއް މީޑިއާތަކާއި ސޯޝަލް މީޑިއާގެ ވަގު އެކައުންޓްތަކުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި، އެމަނިކުފާނުގެ އާއިލާގެ ބޭފުޅުންނާއި، ވަޒީރުންގެ އަބުރަށް އަމާޒުކޮށް ހަގީގަތާ ހިލާފު ވާހަކަތައް ފަތުރަމުންދަނީ މީގެ ކުރިން ރާއްޖޭގައި ނުދެކޭ މިންވަރަށެވެ.
"އިންސާނެއްގެ އަބުރާއި ކަރާމަތަކީ އޭނާގެ އެންމެ ބޮޑު ރައުސްމާލު ކަމަށްވާއިރު، އެ ރައްކާތެރިކުރުމަކީ އިސްލާމީ ޝަރީއަތުގެ މަތިވެރި މަގްސަދުތަކުގެ ތެރޭގައި ހިމެނޭ ކަމެއް،" މިނިސްޓަރު ހަނދާންކޮށްދެއްވި އެވެ. މިއީ އިންސާފަށް ލޯބިކުރާ އެއްވެސް ރައްޔިތަކު ބަލައިގަންނާނެ ކަމެއް ނޫން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
މި ސަރުކާރުން ނޫސްވެރިކަމުގެ މިނިވަންކަމަށް ދޭ އަހައްމިއްޔަތުކަން ފާހަގަކުރައްވަމުން ޝަހީމް ވިދާޅުވީ، ރައީސް މުއިއްޒު ކޮންމެ ހަފުތާއަކު ނޫސްވެރިންނާ ބައްދަލުކުރައްވައި ސީދާ ސުވާލުތަކަށް ޖަވާބުދެއްވުމަކީ މައުލޫމާތު ހާމަކުރުމަށް ދޭ އިސްކަމުގެ ހެކިތަކެއް ކަމަށެވެ. މިނިސްޓަރު ވަނީ ނަޒާހަތްތެރިކަމާ އެކު މަސައްކަތްކުރާ ނޫސްވެރިންގެ އަގުވަޒަންކުރައްވައި، ނޫސްވެރިކަމަކީ ނަގުދީ ވިސްނުމާއި ބިނާކުރަނިވި ފާޑުކިޔުމުގެ މައްޗަށް ހިނގާ ނިޒާމަކަށް ހެދުމަށް އިލްތިމާސްކުރައްވާފަ އެވެ.









