ޗައިނާގެ ދިފާއީ ވުޒާރާއިން މިދިޔަ ހަފްތާގައި ވެރިކަންކުރާ ކޮމިއުނިސްޓް ޕާޓީގެ އަސްކަރީ އިސް ދެ އޮފިޝަލުން ކަމަށްވާ ޖެނެރަލް ޗަންގް ޔޫކްސިއާ އާއި ޖެނެރަލް ލިއު ޗެންލީ އާ ދެކޮޅަށް ސުލޫކީ އަދި ގާނޫނާއި ގަވައިދާ ހިލާފު ވުމުގެ ތަހުގީގެއް ފެށިފަހުން، އެ ތުހުމަތުތަކުގެ އިތުރު މައުލޫމާތު ހާމަވާން ފަށައިފި އެވެ.
މަސްދަރުތަކުން ބުނާ ގޮތުގައި ޕޮލިޓްބިއުރޯގެ މެމްބަރު އަދި ސެންޓްރަލް މިލިޓަރީ ކޮމިޝަންގެ ނައިބު ރައީސް ޖެނެރަލް ޗަންގް، ޗައިނާގެ ނިއުކްލިއާ ހަތިޔާރުގެ ޕްރޮގްރާމުގެ މައުލޫމާތު އެމެރިކާއަށް ދިނުމުގެ އިތުރަށް ޕްރޮމޯޝަންގެ ބަދަލުގައި ރިޝްވަތު ގަބޫލުކުރި ކަމުގެ ސާބިތު ހެކި ވަނީ ލިބިފަ އެވެ.
ވޯލް ސްޓްރީޓް ޖާނަލް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި އޭނާގެ މައްޗަށް ތުހުމަތު ކުރެވެނީ ޕާޓީގެ އެއްބައިވަންތަކަމަށް ބުރޫއަރާ ޕާޓީގެ ތެރޭގައި ނުފޫޒުގެ ނެޓްވޯކްތައް އުފެއްދުމަށް ބޭނުންކުރާ ސިޔާސީ ގްރޫޕެއް އުފައްދައި ހިންގެވުމެވެ. އަދި ސެންޓްރަލް މިލިޓަރީ ކޮމިޝަންގެ ބާރު ނަހަމަ ގޮތުގައި ބޭނުންކޮށް، އަސްކަރީ ޕްރޮކިއުމަންޓް އެޖެންސީ ބެލެހެއްޓެވުމުގައި ކޮރަޕްޝަން ހިންގި ކަމުގެ ތުހުމަތު ވެސް ކުރެވެ އެވެ.
މަސްދަރުތަކުން ބުނާ ގޮތުގައި ޖެނެރަލް ޗަންގްއަށް ޝައްކު ކުރެވުނު އެއްކަމަކީ އަސްކަރީ ޕްރޮކިއުމަންޓް ނިޒާމުގެ ގިނަ މަގާމުތަކަށް މީހުން އިސްކުރުމުގެ ބަދަލުގައި ބޮޑެތި އަދަދުތަކުން ރިޝްވަތު ހޯދުމެވެ. އޭނާގެ މައްޗަށް ކުރެވުނު އެންމެ ބޮޑު ތުހުމަތަކީ ޗައިނާގެ ނިއުކްލިއާ ހަތިޔާރާ ބެހޭ އަސާސީ ފަންނީ މައުލޫމާތު އެމެރިކާއަށް ފޯރުކޮށްދިނުމެވެ. އޭނާއާ ދެކޮޅަށް ހުށަހަޅާފައިވާ ބައެއް ހެކިތައް ލިބިފައި ވަނީ ދާދި ފަހުން ތަހުގީގު ކުރަމުން އަންނަ ޗައިނާ ނޭޝަނަލް ނިއުކްލިއާ ކޯޕަރޭޝަންގެ ކުރީގެ ޑިރެކްޓަރު ޖެނެރަލް ގުއޯ ޖޫންގެ ފަރާތުންނެވެ.
ރައީސް ޝީ ޖިންޕިން ވަނީ މި މައްސަލަ ފުންކޮށް ކޮނުމަށް ހާއްސަ ޓާސްކް ފޯހެއް އުފައްދަވައި، 2007 އިން 2012 އަށް ޝެނިއަންގް މިލިޓަރީ ރީޖަންގެ ލީޑަޝިޕް، ޗަންގްގެ ލީޑަޝިޕް ދިރާސާކުރައްވާފަ އެވެ. ޖެނެރަލް ޗަންގް އާއި ޖެނެރަލް ލިއު ޗުންލީގެ ބެލުމުގެ ދަށުން ކުރިއެރުން ލިބުނު އޮފިސަރުންގެ މުވާސަލާތީ ސާމާނު ވެސް ކަމާބެހޭ ފަރާތްތަކުން ވަނީ ހިފަހައްޓާފަ އެވެ.
ޖެނެރަލް ޗަންގް ޔޫޝިއާއަކީ އެއް ޒަމާނެއްގައި ރައީސް ޝީ ޖިންޕިން އެންމެ އިތުބާރު ކުރެއްވި އަސްކަރީ އެކުވެރިޔާގެ ގޮތުގައި ބެލެވިފައިވާ ބޭފުޅެކެވެ.
ތަހުގީގު ކުރާ ފަރާތްތަކުން ބުނާ ގޮތުގައި މިއީ މައޮ ޒެޑޮންގްގެ ވެރިކަމަށް ފަހު ޗައިނާގެ އަސްކަރީ ލީޑަޝިޕަށް އެރި އެންމެ ބޮޑު ލޮޅުންގަނޑެވެ. އަދި މިއީ ޗައިނާގައި ހިނގި ހައިރާންވެ އަންތަރީސްވާންޖެހޭ ވަރުގެ ބޮޑު ކަމެކެވެ. ޖެނެރަލް ޗަންގްއަކީ "ރެޑް ޕްރިންސް" (އިންގިލާބީ އިސް ލީޑަރުންގެ ދަރިކޮޅުގެ)ގެ ތެރެއިން ބޭފުޅެކެވެ. އޭނާގެ ބައްޕައަކީ ދާހީލީ ހަނގުރާމައިގެ ދުވަސްވަރު ޝީ ޖިންޕިންގެ ބައްޕަފުޅާއެކު ހަނގުރާމަ ކުރެއްވި ބޭފުޅެކެވެ.










