ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން މިހާތަނަށް 260 މީޓަރުގެ ސަރަހައްދެއް ޝީޓް ޕައިލްކޮށްފި އެވެ.
މި މަޝްރޫއުގެ އަދާހަމަ ހިއްސާކުރަމުން މަސައްކަތް ކުރިއަށް ގެންދާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން އެކްސްގައި ހިއްސާކުރި ޕޯސްޓެއްގައި ބުނީ، ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ ދަށުން ޖުމްލަ 260 މީޓަރުގެ ސަރަހައްދެއް ޝީޓް ޕައިލްކުރުމުގެ މަސައްކަތާއެކު މަސައްކަތް އެއްކޮށް ނިންމާލެވިފައިވާ ކަމަށެވެ.
މީގެ އިތުރުން 105 މީޓަރުގެ ކީވޯލް ހެދުމުގެ މަސައްކަތް ވެސް އެއްކޮށް ނިންމާލެވިފައިވާ ކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ.


އެމްޓީސީސީން ބުނީ ފެން ހިންދާ ނިޒާމާއި، ކޭބަލް ޖަންކްޝަންތައް ބެހެއްޓުމުގެ 90 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ. އަދި މިހާރު ކުރިއަށްދަނީ ބިން ހިއްކުމާއި އެންކާ ބްލޮކް ޖެހުމުގެ މަސައްކަތް ކަމަށް ވެސް އެ ކުންފުނިން ވަނީ ހާމަކޮށްފަ އެވެ. މީގެ ތެރެއިން ވެސް ބިން ހިއްކުމުގެ މަސައްކަތުގެ 65 އިންސައްތަ މަސައްކަތް އެއްކޮށް ނިންމާލެވިފައިވާ ކަމަށް އެ ކުންފުނިން ވަނީ ހާމަކޮށްފަ އެވެ.
ބޮޑުތަކުރުފާނު މަގު ހެދުމުގެ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ ދަށުން، މާލޭގެ ލޯކަލް މާރުކޭޓް ސަރަހައްދުން ފެށިގެން ނޯތު ހާބަރާ ހަމައަށް 250 މީޓަރުގެ ސަރަހައްދެއް ތާރު އަޅައިގެން ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް ވަނީ ހަމަޖެހިފަ އެވެ. މި މަޝްރޫއުގެ ދަށުން އެއްގަމު ތޮށި ހަ މީޓަރަށް ބޭރަށް ޖައްސައި މަގު ފުޅާކުރުމަށް ނިންމާފައިވާއިރު، މި މަސައްކަތް ނިމުމުން އެ މަގަކީ ދެކޮޅަށް ދުއްވޭ، ހިނގާ ބިނގާވެ އުޅޭ ފަރާތްތަކަށް ބޭނުންކުރަން ފަސޭހަ މަގުތަކަކަށްވެގެންދާނެ އެވެ. މީގެ އިތުރުން ބޮޑުތަކުރުފާނު މަގު ތަރައްގީކޮށް ނިމުމުން މާލޭގެ މަގުތަކަށް ދިމާވެފައިވާ ފެންބޮޑުވުމުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިގެންދާނެ އެވެ.
އެމްޓީސީސީގެ އަމާޒަކީ، އަންނަ ރަމަޟާން މަހުގެ ކުރިން ބޮޑުތަކުރުފާނު މަގު ހެދުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތްތައް އެއްކޮށް ނިންމައި، އާންމު ދަތުރުފަތުރަށް އެ މަގު ހުޅުވާލުމެވެ.








