އޯލެވެލްގެ އެސްއެސްސީ އިމްތިހާނުގެ މާއްދާއެއްގެ ގޮތުގައި ގުރުއާން މާއްދާ ހިމެނުމަށް ނިންމައިފާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެއްޖެ އެވެ. މިނިސްޓަރު މިހެން ވިދާޅުވީ ދިރާސީ އާ އަހަރުގެ ކިޔެވުން ފެށުމާ ގުޅިގެން ދެއްވި ހިތާބުގަ އެވެ.
މިނިސްޓަރު ޝަފީއު ވިދާޅުވީ މިއީ ކީރިތި ގުރުއާނުގެ އިލްމަށް ދަރިވަރުންގެ ހިތްތަކުގައި ލޯބިޖައްސުވައި، ގުރުއާނުގެ އިލްމަށް ދަރިވަރުން ޝައުގުވެރިކުރުވުމުގެ މަގުސަދުގައި ނިންމި ނިންމުމެއް ކަމަށެވެ. އަދި އެސްއެސްސީ އިމްތިހާނުގެ މާއްދާއެއްގެ ގޮތުގައި ގުރުއާން މާއްދާ ހިމެނުމުގެ މަސައްކަތް މިއަހަރު ޕައިލެޓުކުރެވޭނެކަމަށާއި 2027 ވަނަ އަހަރުގެ ސާނަވީ އިމްތިހާނުގައި ގުރުއާން މާއްދާ ރަސްމީކޮށް ހިމަނައި ދަރިވަރުންނަށް އެ އިމްތިހާނު ދިނުމަށް ހަމަޖެހިފައިވާކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ މި ފެށުނު ދިރާސީ އަހަރު، އެންމެ ބޮޑު އިސްކަމެއް ދޭނީ ދަރިވަރުންގެ ކިބައިގައި ރިވެތި އަހުލާގު އަށަގެންނެވުމަށެވެ. އެގޮތުން ކޮންމެ ދަރިވަރަކީވެސް، ރިވެތި އާދަތަކާއި ސިފަތަކުން ޖަރީވެފައިވާ، އެކަކު އަނެކަކަށް އިހުތިރާމް ކުރާ ދަރިވަރުން ތަކަކަށް ހެދުމަށް، ތަރުބަވީ ހާއްސަ ޕްރޮގްރާމެއް، މިއަހަރުގެ ތެރޭގައި ފަށައިގެން ކުރިއަށް ގެންދާނެކަމަށް ވިދާޅުވި އެވެ.
އޭގެ އިތުރުން އާޓިފިޝިއަލް އިންޓަލިޖެންސްގެ ބޭނުންތެރިކަން މަސައްކަތުގެ މާހައުލުގައި ބޮޑުވެފައިވާއިރު، މިފެށޭ ދިރާސީ އަހަރުވެގެންދާނީ، އޭއައިއަށް ސްކޫލުތަކުގެ މުދައްރިސުން އަހުލުވެރި ކުރުވުމުގެ ހާއްސަ ޕްރޮގްރާމްތަކެއް ކުރިއަށް ގެންދާނޭ އަހަރަކަށް ކަމަށްވެސް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.
މިނިސްޓަރު ޝަފީއު ވަނީ ކޮންމެ ދަރިވަރަކީ އަމިއްލަ އުނގެނުމަށް ޒިންމާވާ ދަރިވަރަކަށް ވުމަށް ނަސޭހަތްތެރިވެ ވަޑައިގެންފަ އެވެ. އަދި އިސްލާމް ދީނަށް ލޯބިކުރާ، މައިންބަފައިންނަށް ކިޔަމަންތެރިވެ އެކަކު އަނެކަކަށް އިހްތިރާމްކުރާ ކުދިބަޔަކަށް ވުމަށް މިނިސްޓަރު ގޮވާލެއްވި އެވެ. އަދި އުނގެނުމަށް ލިބިފައިވާ ރަނުގެ ފުރުސަތުގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފައި މުދައްރިސުން ދެކެ ލޯބިވާ އަދި މުދައްރިސުންނަށް އިހުތިރާމްކުރާ ބަޔަކަށް ވުމަށް ވެސް މިނިސްޓަރު އެދިވަޑައިގަތެވެ.
މިނިސްޓަރުގެ ހިތާބުގައި ވަނީ މިއަހަރުގެ ކިޔެވުން ފަށާއިރު ދިވެހިރާއްޖޭގެ ރަސްމީ ތަޢުލީމީ ނިޒާމަށް އިންގިލާބީ ހެޔޮ ބަދަލުތަކެއް ގެނައުމުގެ ބޮޑެތި މަސައްކަތްތަކެއް ފެށިގެން ކުރިއަށް ދާކަން ފާހަގަކުރައްވާފަ އެވެ. އަދި ހަމައެހެންމެ މިއަހަރުގެ ތެރޭގައިވެސް، މުހިއްމު ބޮޑެތި މަސައްކަތްތަކެއް ފަށައިގެން ކުރިއަށް ގެންދިޔުމަށް ރާވާފައިވާކަމަށް ވިދާޅުވި އެވެ.
އޭގެ ތެރެއިން އެއްކަމެއްގެ ގޮތުގައި މިނިސްޓަރު ފާހަގަކުރެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅާއި އެއްގޮތަށް، ރާއްޖޭގެ ފިސްކަލް އަހަރާ ދިރާސީ އަހަރު ދިމާކުރެވި، ޖެނުއަރީ މަހު ފަށާގޮތަށް ދިރާސީ އަހަރަށް ގެނެވުނު ބަދަލާއެކު މިއަދު ކިޔެވުން ފެށުމެވެ.










