ތައުލީމު އުނގެނުމާއި އުނގަންނައިދިނުމަކީ ވެސް ވަރަށް ބޮޑު ދީނީ އަދި ގައުމީ ޒިންމާއެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މި މޭރުމުން ވިދާޅުވީ އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގަ އެވެ. އެ މަނިކުފާނު ވިދާޅުވީ، އިސްލާމްދީނަށާއި ދިވެހި ގައުމަށް ލޯބިކުރާ، އުޅުމާއި ސުލޫކު ރަނގަޅު، ހަރުދަނާ އަދި ހީވާގި ދަރިންތަކެއް ގައުމުގައި ބިނާކުރެވޭނީ، ތައުލީމާއި ތަރުބިއްޔަތަށް އަހައްމިއްޔަތުކަން ދީގެން ކަމަށެވެ.
ރައީސް ވިދާޅުވީ، މި އަހަރުގެ ސްކޫލްތަކުގެ ކިޔެވުން މިއަދު ފަށާއިރު، ތައުލީމީ ދާއިރާގެ އެންމެހާ ހިންގުންތެރިންނަށާއި ޓީޗަރުންނަށް، ބެލެނިވެރިންނަށާއި ލޮބުވެތި ދަރިވަރުންނަށް ވެސް އެ މަނިކުފާނު ކާމިޔާބީއަށް އެދޭ ކަމަށެވެ. އަދި ހަމައެހެންމެ، ތައުލީމު އުނގެނުމާއި އުނގަންނައިދިނުމަކީ ދީނީ އަދި ގައުމީ ޒިންމާއެއް ކަމަށް އެ މަނިކުފާނު ފާހަގަކުރެއްވި އެވެ.
ރައީސް ވިދާޅުވީ، ދިވެހީން އެދޭ ފާގަތި ކުރިމަގު ގައުމަށް ހޯދައިދެވޭނީ މި ޒިންމާ އަދާކުރުމުގައި ހުރިހާ ފަރާތްތަކުން ވެސް އެއްބާރުލައި އިހްލާސްތެރިވީ މިންވަރަކުން ކަމަށެވެ.
މި އަހަރުގެ ކިޔެވުން މިއަދު ފަށާފައިވާއިރު، މިއީ 2020 ވަނަ އަހަރަށް ފަހު ޖެނުއަރީ މަހު ކިޔެވުން ފެށި ފުރުތަމަ އަހަރެވެ. މި އަހަރުގެ ކިޔެވުން ފަށާފައި މިވަނީ ސަރުކާރުގެ 219 ސްކޫލެއްގައި 80،715 ދަރިވަރުންނާއެކުގަ އެވެ. މީގެ އިތުރުން ދަރިވަރުންނަށް ކިޔަވައިދޭން 9،952 ޓީޗަރުން އެ ސްކޫލްތަކުގައި ހަރަކާތްތެރިވާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީގެ ތަފާސްހިސާބުން ދައްކަ އެވެ.









