އީރާނާއި ދެކޮޅަށް އަސްކަރީ އެއްވެސް ޙަރަކާތެއް ހިންގާކަށް ތިމަންނަމެންގެ ކަނޑުގެ ސަރަޙައްދާއި ވައިގެ ސަރަޙައްދެއް އެއްވެސް ބަޔަކަށް ނުދޭނެ ކަމަށް ޔުނައިޓެޑް ޢަރަބި ޢިމާރާތުން ބުނެފިއެވެ.
ޔޫއޭއީގެ ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ތެހެރާނަށް އެއްވެސް ޙަމަލާ އެއް ދޭން އެއްވެސް ލޮޖިސްޓިކަލް ސަޕޯޓެއް ޔޫއޭއީގެ ސަރުކާރުން ނުދޭނެ ކަމަށެވެ. އަދި ޔޫއޭއީން ދެކެނީ މިހާރު ދިމާވެފައިވާ ދަތިތަކަށް ޙައްލެއް ހޯދުމަށް އެންމެ ފައިދާހުރި ގޮތަކީ މަޝްވަރާކޮށް، ބައިނަލްއަޤްވާމީ ޤާނޫނުތަކަށް ތަބާވެ، ދައުލަތުގެ އިސްތިޤްލާލަށް އިޙްތިރާމް ކޮށްގެން ކަމަށް ވެސް އެ ބަޔާނުގައި ވެއެވެ.
އީރާނުގެ އިޤްތިޞަދު ގޯސްވަމުންދާ ދަނޑިވަޅުގައި އެމެރިކާ އާއި އިސްރާއީލުގެ އެޖެންޓުން ގުޅިގެން ދަނީ މިދިޔަ މަހުއްސުރެ އީރާނުގެ ބައެއް ސިޓީތަކުގައި ސަރުކާރާއި ދެކޮޅަށް މުޒާހަރާތައް ކުރަމުންނެވެ. މި މައްސަލައިގައި ތެހެރާނާއި ވޮޝިންޓަނާއި ދެމެދު ވަނީ ވަރަށް ބޮޑަށް ނުތަނަވަސް ވެފައެވެ.
އެމެރިކާގެ މަތިންދާބޯޓު އުފުލާ ބޯޓު ޔޫއެސްއެސް އަބްރަހަމް ލިންކަން އާއި އެއާއެކު ތިން ޑިސްޓްރޯޔަރެއް މިހާރު އޮތީ އީރާނު ހިމެނޭ ސަރަޙައްދުގައެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނީ އީރާނުގެ ޙާލަތު ވަރަށް ގާތުން ބަލަމުންދާ ކަމަށެވެ.
އެމެރިކާއާއި އިސްރާއީލުން އީރާނުގެ ވެރިކަމުގެ ނިޒާމު ބަދަލުކުރަން މަސައްކަތް ކުރަމުންދާއިރު، ތެހެރާނާއި ދެކޮޅަށް ވަރަށް ވަރުގަދަ އަސްކަރީ ފިޔަވަޅުތައް އަޅައިފާނެ ކަމަށް މުޙައްލިލުން ބުނެއެވެ.
އީރާނުން ބުނެފައި ވަނީ އެމެރިކާއިން ދޭ ކޮންމެ ޙަމަލާއަކަށް އެ ޤައުމުން ރައްދު ދޭނެ ކަމަށެވެ.










