މާލެ ސިޓީގެ މޭޔަރު ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފަށްޓަވާފައި ހުރި މުހިންމު މަސައްކަތްތައް ނިންމުމަށްޓަކައި، ސިޓީ ކައުންސިލަށް ވާދަކުރާ ޕީއެންސީގެ ކެނޑިޑޭޓުންނަށް ވޯޓު ދޭންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ޕާލިމަންޓަރީ ލީޑަރު އިބްރާހީމް ފަލާހު ވިދާޅުވެއްޖެއެވެ.
މާފަންނު ދެކުނު ދާއިރާގެ ކެމްޕެއިން ޖަގަހަ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ފަލާހު ވިދާޅުވީ، މާލެ ސިޓީގެ ހުރިހާ ރައްޔިތުންވެސް މާލެ އަށް ވާދަކުރާ ޕީއެންސީގެ ކައުންސިލް މެންބަރުންނާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީއަށް ވާދަކުރާ ކެންޑިޑޭޓުންނަށް ތާއިދުކޮށް ވޯޓުދެއްވާނެކަން ޔަގީން ކުރައްވާ ކަމަށެވެ.
ފަލާހު ވިދާޅުވީ ރައީސް ޑރ. މުއިއްޒު ވިދާޅުވި ފަދައިން ކައުންސިލަރުން ހޮވަންޖެހޭނީ ސަރުކާރު ޖަވާބުދާރީ ކުރުވަން ނޫންކަމަށާއި، ކައުންސިލަރުން ހޮވަންޖެހޭނީ ސަރުކާރުން ފަށާފައިވާ މުހިންމު ގިނަ މަޝްރޫއުތައް ބާރު ސްޕީޑުގައި ނިންމުމަށް ސަރުކާރަށް އެއްބާރުލުން ދިނުމަށް ކަމަށެވެ.
ފަލާހު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައި ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން މިހާރުވެސް ވަނީ ވަރަށް ގިނަ މަޝްރޫއުތަކެއް ފަށްޓަވާފައެވެ. ވަކިން ހާއްސަކޮށް މާލެ ސިޓީގެ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން އެތައް ހާސް ބިމަކާއި ފުލެޓަށް ކުރިމަތިލުމަށް މިހާރު އިއުލާނު ކުރައްވާފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ.
މީގެ އިތުރުން، ރާއްޖޭގެ އެކި ރަށްރަށާއި ސިޓީތަކުގައި ހައުސިން މަޝްރޫއުތައް އިއުލާނުކޮށް، ބައެއް މަޝްރޫއުތަކުގެ އަމަލީ މަސައްކަތް ފަށާފައިވާކަން ފަލާހު ފާހަގަކުރެއްވި އެވެ. އޭނާ ވިދާޅުވީ ސަރުކާރުގެ މި ތަރައްގީގެ ދުވެލި ދެމެހެއްޓުމަށްޓަކައި ސަރުކާރަށް އެއްބާރުލުންދޭނެ ކެންޑިޑޭޓުން އިންތިހާބު ކުރުން މުހިންމު ކަމަށެވެ.










