ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންނަށްޓަކައި ރެއާއި ދުވާލު ކުރައްވަމުންދާ ބުރަ މަސައްކަތްޕުޅުގައި، އެމަނިކުފާނަށް އެއްބާރުލުންދީ ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރާނެ ކައުންސިލެއް އޮތުން މުހިންމު ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު ވިދާޅުވެއްޖެ އެވެ.
މާފަންނު ދެކުނު ދާއިރާގެ ކެމްޕެއިން ޖަގަހަ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ފަސްޓް ލޭޑީ ސާޖިދާ ވިދާޅުވީ، މި ސަރުކާރާ ދެކޮޅު ވިސްނުމުގައި މަސައްކަތް ކުރައްވާނެ ކެންޑިޑޭޓުންތަކެއް ހޮވައިގެން ރައްޔިތުންނަށް ލިބޭނެ އެއްވެސް ފައިދާއެއް ނެތް ކަމަށެވެ. އެކަމަނާ ފާހަގަކުރެއްވި ގޮތުގައި، ރައީސް މުއިއްޒަކީ ގިނަގުނަ ސިޔާސަތުތަކަކާއެކު ރައްޔިތުންނަށްޓަކައި އެތައް ކަމެއް ކޮށްދިނުމަށް ރެއާއި ދުވާލު ނުނިދާ މަސައްކަތް ކުރައްވާ ބޭފުޅެކެވެ.
މާލެ ސިޓީގެ މޭޔަރުކަމަށް ކޮންގްރެސް ޕާޓީގެ ފަރާތުން ވާދަކުރައްވާ މޫސާ އަލީ ޖަލީލާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ސާޖިދާ ވިދާޅުވީ، މޫސާ ޢަލީ ޖަލީލަކީ 1988 ނޮވެންބަރު 3 ގެ އުދުވާނީ ހަމަލާއިން ގައުމު ސަލާމަތްކުރުމަށް ބޮޑު ގުރުބާނީއެއް ވެވަޑައިގެންނެވި ބޭފުޅެއް ކަމަށެވެ. އަދި އެފަދަ ގުރުބާނީއެއް ގައުމަށްޓަކައި ވެވަޑައިގަތް ބޭފުޅެއްގެ ހިތްޕުޅުގައި ގައުމަށް އޮންނާނެ ލޯތްބާއި، ގައުމަށްޓަކައި މަސައްކަތްކުރައްވާނެ ގޮތް އެއްވެސް މީހަކަށް ނޯޅޭނެ ކަމަށްވެސް އެކަމަނާ ވިދާޅުވި އެވެ.
ދާދި ފަހުން ރައީސް މުޢިއްޒު ވެސް ވަނީ މޫސާ އަލީ ޖަލީލު މޭޔަރު ކަމަށް ވާދަކުރައްވަނީ އެމަނިކުފާނު އެދިވަޑައިގެން ކަމަށާއި، އެއީ އެމަނިކުފާނުގެ "ޗޮއިސް" ކަމަށް ވިދާޅުވެފަ އެވެ.
މާފަންނު ދެކުނު ދާއިރާއަށް އިޝާރާތް ކުރައްވައި މެޑަމް ސާޖިދާ ވިދާޅުވީ، އެކަމަނާއަކީ އެ ދާއިރާގެ ބޭފުޅަކަށް ނުވިއަސް، އެ ދާއިރާގައި ވަރަށް ގިނަ ދުވަހު އުޅުއްވާފައިވާ ކަމަށް ވިދާޅުވެފަ އެވެ. އަދި އެ ދާއިރާ މީގެ ކުރިން އޮތްގޮތް ހަނދުމަފުޅު ހުންނަ ކަމަށާއި، ނަމަވެސް އެ ދާއިރާގެ ތަރައްގީއަށް ކުރިން ވެފައިވާ އިހުމާލުތައް ރައްޔިތުން މާބޮޑަށް ހަނދާން ހުންނާނެ ކަމަށް އެކަމަނާ ވިދާޅުވި އެވެ.
ލޯކަލް ކައުންސިލް އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އޭޕްރީލް މަހުގެ 4 ވަނަ ދުވަހުއެވެ. މި އިންތިހާބުގައި ވާދަކުރަން ބޭނުންވާ ކެންޑިޑޭޓުންނަށް ނަން ހުށަހެޅުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން މިހާރު ވަނީ ހުޅުވާލާފައެވެ. ސަރުކާރު ހިންގާ ޕީއެންސީން އަންނަނީ މި އިންތިހާބަށް ފޯރިއާއެކު ތައްޔާރުވަމުންނެވެ.










