އަށްޑިހަ ހާހަށްވުރެ ގިނަ ދަރިވަރުންނާއެކު ދިރާސީ އާ އަހަރުގެ ކިޔެވުން މިއަދު ފަށައިފި އެވެ. މިއީ 2020 ވަނަ އަހަރަށް ފަހު ޖެނުއަރީގައި ކިޔަވަން ފެށި ފުރަތަމަ ފަހަރެވެ.
މި އަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން ފެށި އިރު ސަރުކާރުގެ 219 ސްކޫލެއްގައި ކިޔަވައިދޭނެ އެވެ. އެ ސްކޫލުތަކުގައި 80،715 ދަރިވަރުން މި އަހަރު ތައުލީމު ހާސިލު ކުރާއިރު ދަރިވަރުންނަށް ކިޔަވައިދޭން 9،952 ޓީޗަރުން ހަރަކާތްތެރިވާނެ ކަމަށް މިނިސްޓްރީގެ ތަފާސްހިސާބުން ދައްކަ އެވެ.
ދިރާސީ އާ އަހަރުގެ ކިޔެވުން މިއަދު ފެށި ދަރިވަރުން އެނބުރި ސްކޫލަށް---ފޮޓޯ: ޚުލާސާ
އެޑިއުކޭޝަން މިނިސްޓްރީން މިދިޔަ ހަފުތާގައި އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު ދިރާސީ އާ އަހަރު ސަރުކާރު ސްކޫލްތަކުގެ ގްރޭޑު އެކެއްގައި ކިޔެވުމަށް 4،790 ދަރިވަރުން އެދިފައިވެ އެވެ. އެއީ އަތޮޅުތަކުގެ ރަށްތަކުން ގްރޭޑު އެކަކަށް ވަނުމަށް އެދުނު 3،042 ދަރިވަރުންނާއި މާލެ ސަރަހައްދުގެ ސްކޫލްތަކުގައި ގްރޭޑު އެކަކުން ޖާގަ އަށް އެދުނު 1،748 ދަރިވަރުންނެވެ.
މި އަހަރު ވެސް އަތޮޅުތަކުން މާލެ އަށް 1،530 ދަރިވަރުން ބަދަލުވެފައިވާއިރު މާލެ އިން ހުޅުމާލޭގެ ސްކޫލްތަކަށް ބަދަލުވުމަށް 836 ދަރިވަރުން އެދިފައިވެ އެވެ.
ދިރާސީ އާ އަހަރުގެ ކިޔެވުން މިއަދު ފެށި ދަރިވަރުން އެނބުރި ސްކޫލަށް---ފޮޓޯ: ޚުލާސާ
ދިރާސީ އަހަރުގެ ކިޔެވުން މިއަދު ފެށި އިރު ދަރިވަރުންނަށް މިދިޔަ އަހަރުގެ ބޮޑު ޗުއްޓީ ދިނީ ކުރިން އޮތް ގޮތަށް ޑިސެމްބަރު މަހު އެވެ. ކޮވިޑް 19އާ ގުޅިގެން އެ ބަދަލު ގެނައީ 2021 ވަނަ އަހަރު އެވެ. ބެލެނިވެރިން އެދުމުގެ މަތިން ރައީސް ޑރ. މުހައްމަދު މުއިއްޒު އެ ބަދަލު ގެންނަވައި ޑިސެމްބަރުގައި ބޮޑު ޗުއްޓީ ލިބޭ ގޮތަށް ބަދަލު ކުރެއްވުމުން، އެއީ ޑިސެމްބަރުގައި ޗުއްޓީ ލިބުނު ފުރަތަމަ އަހަރެވެ.










