ހަކަތައިގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ ގައުމުގެ ތަރައްގީއަށް ކޮންމެހެން މުހިންމު ކަމެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ. ރައީސް މިފަދައިން ވިދާޅުވީ، ބައިނަލްއަގްވާމީ ސާފު ހަކަތައިގެ ދުވަހުގެ މުނާސަބަތުގައި މިއަދު ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި މެސެޖެއްގަ އެވެ.
ރައީސް ވިދާޅުވީ، ހަކަތައިގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ ހަމައެކަނި ތިމާވެށީގެ ގޮތުން މުހިންމު ކަމެއް ނޫން ކަމަށާއި، އެއީ މުޅި ގައުމުގެ ތަރައްގީއާ ގުޅިފައިވާ ކަމެއް ކަމަށެވެ. އެގޮތުން މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަތުމަށާއި، ތިމާވެށި ހިމާޔަތްކުރުމުގެ އިތުރުން، ތައުލީމާއި ސިއްހީ ދާއިރާ އަދި އިގްތިސާދީ ގޮތުން ލިބޭ ފުރުސަތުތައް ފުޅާކުރުމަށްޓަކައިވެސް ހަކަތައިގެ ރައްކާތެރިކަން މުހިންމު ދައުރެއް އަދާކުރާނެކަމަށް ރައީސް ފާހަގަކުރެއްވި އެވެ.
މީގެއިތުރުން، ބައިނަލްއަގްވާމީ ފެންވަރުގައި ތިމާވެށްޓާ ރައްޓެހި ހަކަތަ ބޭނުންކުރުމުގެ މުހިންމުކަމުގެ މައްޗަށް ރައީސް އަލިއަޅުއްވާލެއްވި އެވެ. އަދި ރާއްޖެއިން މިދާއިރާއިން ގެންގުޅޭ ހަރުދަނާ ސިޔާސަތު ހާމަކުރައްވަމުން ރައީސް ވިދާޅުވީ، 2028 ވަނަ އަހަރު ނިމޭއިރު ރާއްޖޭގައި ބޭނުންކުރާ ކަރަންޓުގެ 33 އިންސައްތައަކީ އިޔާދަކުރަނިވި ހަކަތައިން އުފައްދާ ކަރަންޓަށް ހެދުމަކީ މި ސަރުކާރުގެ ވަރުގަދަ އަޒުމެއް ކަމަށެވެ.
މީގެއިތުރުން. ދުނިޔެ ހިމާޔަތްކުރުމަށްޓަކައި އިޔާދަކުރަނިވި ހަކަތައަށް ބަދަލުވުމަށް ކުރެވޭ މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް، އެންމެހައި ފަރާތްތަކުން ގުޅިގެން މަސައްކަތް ކުރުމަށް ރައީސް ވަނީ އިލްތިމާސް ކުރައްވަފައެވެ.









