"އަދަދު" ނޫހުގެ 'ސިޔާސީ ކާޓޫން' ސެގްމެންޓުގައި ޝާއިއުކުރި ކާޓޫނެއްގެ މައްސަލަ ބަލަމުން އަންނާތީ އެ ކާޓޫނު މީސްމީޑިއާގައި ދައުރުނުކުރަން، މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުން މިއަދު އަންގައިފި އެވެ.
އެ ކޮމިޝަނުން ނެރުނު އިއުލާނެއްގައި ވަނީ، މިދިޔަ ބުރާސްފަތި ދުވަހުގެ ހެނދުނު 9:25 އާއި 9:30 އާ ދެމެދު އަދަދު ނޫހުން ޝާއިއުކުރި ކާޓޫނު ނެގުމަށް އެ ނޫހަށް އަންގާފައިވާ ކަމަށެވެ. އެއާއެކު، އެ މައްސަލަ ބަލައި ނިމެންދެން އެއްވެސް މީޑިއާ އަކުން އެ ކާޓޫނު ދައުރު ނުކުރަން ކޮމިޝަނުން ވަނީ އަންގައިފަ އެވެ.
އެ ދުވަހު މީޑިއާ ކޮމިޝަނުން އަދަދު ނޫހަށް ފޮނުވި ސިޓީއެއްގައި ވަނީ، 'އަދަދު'ގެ ސޯޝަލް މީޑިއާގައި މަކަރާއި ހީލަތާ ގުޅެވޭހެން ދޭހަވާ ގޮތަށް ޝާއިއުކުރި ކާޓޫނަކީ އިސްލާމްދީނުގެ އަސާސްތަކަށް ފުށޫއަރާ ކަންތައްތަކެއް ހުރި ކާޓޫނެއް ކަމަށް ތުހުމަތުކުރެވޭ ކަމަށް ބުނެފަ އެވެ. އެހެންކަމުން އެ މައްސަލަ ކޮމިޝަނުން ބަލަމުންދާ ކަމަށްވެސް ވަނީ ބުނެފަ އެވެ.
މީޑިއާ ކޮމިޝަނުގެ ސިޓީއަށް ރައްދުދީ އަދަދު ނޫހުން އެ ކޮމިޝަނަށް ފޮނުވި ސިޓީގައި ބުނެފައިވަނީ އެ ކާޓޫނުން ދައްކުވައިދެނީ "މިސްކިތުގައި ނަމާދަށް ހުރި މީހަކު އިމާމު މީހާގެ ޖީބުން ފައިސާ ވަގަށް ނަގާ މަންޒަރު" ކަމަށެވެ. އަދި އެ ކާޓޫނުގެ އަމާޒަކީ ދިވެހި މުޖުތަމައުގައި ވައްކަމުގެ މައްސަލަތައް އިތުރުވަމުންދާ މިންވަރު ދައްކުވައިދިނުން ކަމަށާއި އެ ކާޓޫނަކީ އިސްލާމްދީނަށް ނުވަތަ އިސްލާމްދީނުގެ ޝިއާރަކަށް ތައުހީނުކުރުމުގެ ގޮތުން ޝާއިއުކުރި ކާޓޫނެއް ކަމަށް ދޭހަކުރެވޭނެ އެއްވެސް ހަމައެއް އޮތް ކަމަށް ނުވިސްނޭ ކަމަށްވެސް، އަދަދު ނޫހުގެ ސީއީއޯ، ހުސެން ފިޔާޒު މޫސާ މީޑިއާ ކޮމިޝަނަށް ފޮނުވި ސިޓީގައިވެ އެވެ.
ނަމަވެސް އަދަދު ނޫހުގެ ކާޓޫނާއި ގުޅިގެން ސޯޝަލް މީޑިއާގައި ވަނީ އެ ނޫހަށް ވަރަށް ބޮޑަށް ފާޑުކިޔަން ފަށާފަ އެެވެ. އަދި އެފަދަ މަންޒަރެއް ދައްކުވައިދޭ ގޮތަށް ކާޓޫނު ކުރެހުމަކީ ދީނަށް ފުރައްސާރަކުރުމުގެ އަމަލެއް ކަމަށާއި އޭގެ އިތުރުން ކާޓޫނޫން ދައްކުވައިދޭ މަންޒަރާއި އަދަދު ނޫހުން އެ ދިފާއު ކުރަން ދައްކާ ވާހަކަތައް ދިމާނުވާ ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.
އަދަދު ނޫހުގެ 'ސިޔާސީ ކާޓޫން' ސެގްމެންޓުގެ ކޮންމެ ކާޓޫނެއްވެސް މިހާތަނަށް ކުރަހާފައިވަނީ ކޮންމެވެސް މީހަކާއި ނުވަތަ ބަޔަކާއި ގުޅުވައި އެ މީހަކު ނުވަތަ ބަޔަކު ސިފަވާ ގޮތަށެވެ.' އޭގެ ތެރެއިން ގިނަ ކާޓޫނުތަކުގައި ހުރީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް އަމާޒުކޮށް އެމަނިކުފާނު ސިފަވާފަދަ ގޮތަކަށް ކުރަހައިފަ އެވެ. މައްސަލަޖެހިގެން އުޅޭ ކާޓޫނުގައިވެސް ސިފަކޮށްދީފައިވަނީ އެމަނިކުފާނެވެ.





