އާގު ބޯޓުތަކަށް 24 ގަޑިއިރު ޕޯޓް ލިމިޓް އޭރިޔާއަށް ވަދެވޭ ގޮތަށް ހަދައިފި

މުހައްމަދު ޖަމްޝަތު | 1 ގަޑިއިރު ކުރިން - 25 ޖެނުއަރީ 2026 15:44
މާލެ ވިޔަފާރި ބަނދަރު. އާގު ބޯޓުތަކަށް 24 ގަޑިއިރު ހިދުމަތްދޭން މިހާރު ވަނީ ފަށައިފަ---ފޮޓޯ: ޓްރާންސްޕޯޓް
މާލެ ވިޔަފާރި ބަނދަރު. އާގު ބޯޓުތަކަށް 24 ގަޑިއިރު ހިދުމަތްދޭން މިހާރު ވަނީ ފަށައިފަ---ފޮޓޯ: ޓްރާންސްޕޯޓް
ޚުލާސާ

ކުރިން އޮންނަ ގޮތުން ރޭގަނޑު 12 ގެ ފަހުން އަންނަ ބޯޓުތަކަށް ހިދުމަތްދޭން ފަށާނީ ފަތިހު 6:00 ގެ ފަހުން.

ރާއްޖެއަށް އަންނަ އާގު ބޯޓުފަހަރަށް މިއަދުން ފެށިގެން 24 ގަޑިއިރު ޕޯޓް ލިމިޓް އޭރިޔާއަށް ވަދެވޭގޮތަށް ހުޅުވާލަން ސަރުކާރުން ނިންމައިފި އެވެ.

މި ބަދަލު ގެންނަން ނިންމާފައިވާކަން އިއުލާނު ކުރައްވަމުން ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްްގައި ވިދާޅުވީ މިއީ ފާއިތުވި 38 އަހަރު ތެރޭގައި އަމަލުކުރަމުން އައި އުސޫލޫ ބަދަލުކޮށް އިގުތިސާދީ ގޮތުން އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ.

މީގެ ކުރިން 1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން މާލޭ ވިޔަފާރި ބަނދަރަށް އަންނަ ބައިނަލްއަގުވާމި އުޅަނދުތަކުން އަމަލުކުރަމުން އައި އުސޫލަކި، ރޭގަނޑު 12 ޖެހުމަށްފަހު އަންނަ ބޯޓުފަހަރު ހެނދުނު ހައެއް ޖަހަންދެން ބޭރުގައި މަޑުކުރުމެވެ. ނަމަވެސް، ރާއްޖެއަށް އަންނަ އުޅަނދުތައް ގިނަވަމުންދާތީ، ގައުމުގެ އިގްތިސާދަށް ފައިދާވާނެހެން ކޮންމެ ވަގުތެއްގައިވެސް ބަނދަރަށް ވަދެވޭނެ އިންތިޒާމުތައް ގާއިމުކުރުމަށް ސަރުކާރުން މިހާރު ވަނީ ކަނޑައަޅާފަ އެވެ

މިނިސްޓަރު އަމީން ވިދާޅުވީ އަދި މި ބަދަލާއެކު ކުރިންވެސް އުޅަނދުފަހަރަށް ދެމުން އައި ކްލިޔަރެންސް ދިނުމާއި ޕައިލޮޓޭޖުގެ ހިދުމަތް ދިނުމުގެ ކަންކަންވެސް 24 ގަޑި އިރު ހިނގަމުން ދާނެ ކަމަށެވެ. އަދި މި ނިންމުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ހަރުދަނާ ސިޔާސަތުތަކުގެ ދަށުން ގެނެވުނު ވަރަށް މުހިންމު ހެޔޮ ބަދަލެއް ކަން މިނިސްޓަރު އަމީންވަނީ ސިފަކުރައްވާފަ އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ފާހަގަކުރި ގޮތުގައި މި އާ ބަދަލާއެކު، އުޅަނދުފަހަރުގެ ރައްކާތެރިކަން ކަށަވަރުކުރުމާއި، އިންޓަނޭޝަނަލް ޝިޕް އެންޑް ޕޯޓް ފެސިލިޓީ ސެކިއުރިޓީ ކޯޑުގެ މިންގަނޑުތަކާ އެއްގޮތަށް ދޭންޖެހޭ ހުއްދަތަކާއި ޕައިލޮޓޭޖްގެ ހިދުމަތްތައް މެދުނުކެނޑި ލިބޭނެ އެވެ. މީގެ ސަބަބުން ބޯޓުފަހަރު ދުއްވާ ފަރާތްތަކުން ބޭރުގައި މަޑުކުރަންޖެހުމުން ކުރިން ހިނގާ އިތުރު ހަރަދުތައް ސަލާމަތްވެ، ވަގުތު ސަލާމަތްކުރުމަށް ބޮޑު ލުޔެއް ލިބިގެންދާނެ އެވެ.

މި ނިންމުމަކީ މާލޭ ކޮމާޝަލް ޕޯޓަކީ ބައިނަލްއަގުވާމީ ފެންވަރުގެ އިތުބާރު ހުރި ތަނަކަށް ހެދުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ. އަދި މިއީ ރާއްޖޭގެ ކަނޑު ދަތުރުފަތުރުގެ ދާއިރާ ތަރައްގީވެ، ރާއްޖެ އަންނަ އުޅަނދުފަހަރުގެ އަދަދު އިތުރުވުމަށް މަގުފަހިވެގެންދާނެ ކަމެކެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%