"އާއިލީ ބޯހިޔާވަހިކަން" ޕްރޮގްރާމުގެ ދަށުން ދޫކުރާ ގޯޗާއި ފުލެޓަށް އެދި މިހާތަނަށް ޖުމްލަށް 1,616 އެޕްލިކޭޝަން ހުށަހަޅާފައިވާ ކަމަށް ހައުސިން މިނިނސްޓްރީން ބުނެފި އެވެ.
ހައުސިން މިނިސްޓްރީން ހާމަކޮށްފައިވާގޮތުގައި މިހާތަނަށް ގޯއްޗަށް އެދި 456 ފަރާތަކުން ވަނީ އެޕްލިކޭޝަން ހުށަހަޅާފަ އެވެ. އަދި ފުލެޓަށް އެދި ހުށަހަޅާފައި ވަނީ 1،160 އެޕްލިކޭޝަނެވެ.
"ބޯހިޔާވަހިކަން އެންމެނަށް" ސިޔާސަތުގެ ދަށުން ބޯހިޔާވަހިކަމުގެ ފުރަތަމަ ސްކީމުން ދެވޭ ފުލެޓާއި ގޯތީގެ އަދަދަށް ބަލާއިރު؛
- ގްރޭޓާ މާލެ ސަރަހައްދުންނާއި ރަސްމާލެ ހިމެނޭހެން ދޫކުރުމަށް ހަމަޖެހިފައިވަނީ 15،000 ގޯތި. އެއީ މާލޭގެ ރަށްވެހިންނަށް 10،000 ގޯތި، މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުންނަށް 3،000 ގޯތި، އަދި މައިމުޅަވެފައިވާ މީހުންނަށް 500 ގޯތި
- މާލެ ސަރަހައްދުން ދޫކުރުމަށް ހަމަޖެހިވަނީ 7،900 ފްލެޓް. އެއީ މާލޭގެ ރަށްވެހިންނަށް 4،000 ފްލެޓް، މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުންނަށް 1،500 ފްލެޓް އަދި ހާއްސަ އިސްކަންދޭ ކެޓަގަރީތަކަށް 2،400 ފްލެޓް
- ގޯތި ދޫކުރުމުގެ ތެރޭގައި މާލޭގެ ރަށްވެހިންނަށް 10،000 ގޯތި، މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުންނަށް 3،000 ގޯތި، އަދި މައިމުޅަވެފައިވާ މީހުންނަށް 500 ގޯތި ހިމެނޭ
- މީގެ އިތުރުން މާލޭގެ ހަނި ގޯޅިތަކުގައި ހުރި ގޯތިތަކާއި ލާޖައްސައިގެން ގޯތި ބަދަލުކުރާ ފަރާތްތަކަށް 1،500 ގޯތި ވަނީ ހާއްސަކޮށްފަ. ކުރީގެ ސްކީމަކުން އެކެއް ނުވަތަ ދެ ކޮޓަރީގެ ފްލެޓް ލިބިފައިވާ މީހުންގެ ތެރެއިން ދަރިން ތިބި މިންވަރަށް ބަލައި، ވަކި ޝަރުތުތަކަކާއެކު ތިން ކޮޓަރީގެ ފްލެޓަށް އެދި ހުށައެޅުމުގެ ފުރުސަތު މިސްކީމުގެ ދަށުން ލިބިގެންދާނެ
ބޯހިޔާވަހިކަމުގެ ފުރަތަމަ ސްކީމަށް އެދި ހުށައެޅުމަށް، މިމަހުގެ 18 ވަނަ ދުވަހު ވަނީ ހުޅުވާލެވިފައި އެވެ. މި ސްކީމުގެ ދަށުން ފުލެޓްތަކަށް އެދި ހުށައެޅޭނީ އެޕްރިލް މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށެވެ. އަދި ގޯއްޗަށް އެދި ހުށައެޅޭނީ މާޗު މަހުގެ ހަތަރު ވަނަ ދުވަހުގެ ނިޔަލަށެވެ.





