ވަތަނީ ހިދުމަތުގެ ޓްރެއިނިންގެ ދެވަނަ ބުރަށް ހޮވުނު ބައިވެރިން ތަމްރީނަށް ފުރައިފި

ހައްވާ މިރުފާ | 1 ގަޑިއިރު ކުރިން - 25 ޖެނުއަރީ 2026 11:33
ވަތަނީ ހިދުމަތުގެ ޕްރޮގްރާމްގެ ދެވަނަ ބެޗް މާފިލާފުއްޓަށް ފުރުމުގެ ތެރެއިންް---ފޮޓޯ: އެމްއެންޑީއެފް
ވަތަނީ ހިދުމަތުގެ ޕްރޮގްރާމްގެ ދެވަނަ ބެޗް މާފިލާފުއްޓަށް ފުރުމުގެ ތެރެއިންް---ފޮޓޯ: އެމްއެންޑީއެފް
ޚުލާސާ

ނޭޝަނަލް ސާވިސް އިނީޝިއަލް ޓްރެއިނިންގެ ދެވަނަ ބުރަށް ހޮވުނު 350 ބައިވެރިން ތަމްރީނަށް ޅ. މާފިލާފުއްޓަށް އިއްޔެ ވަނީ ފުރާފަ

ނޭޝަނަލް ސާވިސް އިނީޝިއަލް ޓްރެއިނިންގެ ދެވަނަ ބުރަށް ހޮވުނު ބައިވެރީން ތަމްރީނު ހެދުމަށް ފުރައިފި އެވެ.

އެމްއެންޑީއެފްގެ އޮފިޝަލް އެކްސްގައި އިއްޔެ ހިއްސާ ކުރި ޕޯސްޓެެއްގައި ބުނެފައިވަނީ ނޭޝަނަލް ސާވިސް އިނީޝިއަލް ޓްރެއިނިންގެ ދެވަނަ ބުރަށް 350 ބައިވެރިން ހޮވިފައިވާ ކަމަށާއި އެ ހުރިހާ ބައިވެރިންވެސް ތަމްރީނު ހެދުމަށް އިއްޔެ ފުރައިފި ކަމަށެވެ. އަދި މި ބައިވެރިން ޅ. މާފިލާފުށީގައި ތިން މަސް ދުވަހުގެ ތަމްރީނު ފުރިހަމަކުރާނެ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފަ އެވެ.

ނޭޝަނަލް ސާވިސް ނުވަތަ ވަތަނީ ހިދުމަތުގެ ޕްރޮގްރާމަކީ ގައުމިއްޔަތަށް ލޯބިކުރާ، ޒިންމާދާރު، ޖިސްމާނީ، ރޫހާނީ އަދި ނަފްސާނީ ގޮތުން ދުޅަހެޔޮ ދިވެހި ރައްޔިތެއް ބިނާކޮށް, މަސައްކަތަށް އަހުލުވެރި, އަހުލާގު ރަނގަޅު ހަރުދަނާ ޒުވާން ޖީލެއް ބިނާކުރެއްވުމަށް، ރައީސް ޑރ. މުހައްމަދު މުއިއްޒު އިސްނަންގަވައިގެން ރާއްޖޭގައި މުޅިން އަލަށް ފަށަން ނިންމި ޕްރޮގްރާމެކެވެ.

އެގޮތުން ދިފާއީ ވުޒާރާއިން ބުނެފައިވާގޮތުގައި މިފަހަރުގެ ނޭޝަނަލް ސާވިސް އިނީޝިއަލް ޓްރެއިނިންގެ ދެވަނަ ބުރުގައި 112 ރަށަކުން 286 ފިރިހެން، އަދި 64 އަންހެން، ދަރިވަރުން ހިމެނޭހެން ޖުމްލަ 350 ދަރިވަރުން ބައިވެރިވެ އެވެ. މިޕްރޮގްރާމުގެ ފުރަތަމަ ބުރުގައި 108 ރަށަކުން 350 ޒުވާނުން ތަމްރީނުތަކުގައި ބަައިވެރިވި އެވެ. އެފަހަރު ބައިވެރިވީ 64 އަންހެން ދަރިވަރުންނާއި 286 ފިރިހެން ދަރިވަރުންނެވެ. އެއިން 344 ދަރިވަރުންވަނީ ތަމްރީނު ފުރިހަމަކޮށް ދަސްވެނިވެފަ އެވެ.

ދިވެހިރާއްޖޭގެ ނޭޝަނަލް ސާވިސް ނުވަތަ ދިވެހި ވަތަނީ ހިދުމަތުގެ ދެވަނަ ބުރަށް ހޮވުނު 350 ބައިވެރިން ތަމްރީނުތައް ފުރިހަމަކުރާނީ ޅ. މާފިލަފުށީގައި ހުންނަ އެމްއެންޑީއެފް ކޮމްޕޮސިޓް ޓްރެއިނިން ސެންޓަރުގަ އެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%