މިދިޔަ ސަރުކާރުން ކަނޑުން ދީފައިވާ ގޯތިތަކަށް މި ސަރުކާރުން ބިން ހިއްކައި ނިންމައިފި

އައިޝަތު ރުވާ ރިފްޢަތު | 11 ގަޑިއިރު ކުރިން - 24 ޖެނުއަރީ 2026 18:39
ހުޅުމާލެ ފޭސް 3 ހިއްކާފައިވާ ސަރަހައްދު. / ފޮޓޯ: ޚުލާސާ
ހުޅުމާލެ ފޭސް 3 ހިއްކާފައިވާ ސަރަހައްދު. / ފޮޓޯ: ޚުލާސާ
ޚުލާސާ

މުޅި ޖުމްލަ ހިއްކާފައިވަނީ 63 ހެކްޓަރުގެ ބިން. ބިންވެރިޔާގެ ސްކީމުގެ ދަށުން ހުޅުމާލެ ތިންވަނަ ފިޔަވަހިން މުޅި ޖުމްލަ 1،351 ގޯތި ދިނުމަށް ވަނީ ހަމަޖެހިފައި.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ރިޔާސީ އިންތިހާބާ ދިމާކޮށް ހުޅުމާލެ އިން ދީފައިވާ ގޯތިތައް އޭގެ ހައްގުވެރިންނަށް ހަވާލުކޮށްދެވުމުގެ ގޮތުން ހިއްކަން ފަށާފައިވާ ހުޅުމާލެ ފޭސް 3 އެއްކޮށް ހިއްކައި މަސައްކަތް ނިންމާލައިފި އެވެ.

ހުޅުމާލެ ފޭސް 3 ގެ މަޝްރޫއުގެ ދަށުން މުޅި ޖުމްލަ ހިއްކާފައިވަނީ 63 ހެކްޓަރުގެ ބިމެވެ. އެމްއޭސީއެލް އިން ހުޅުމާލެ ތިންވަނަ ފިޔަވަހީގެ ބިންހިއްކުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން (ސީއެމްސީސީ) އަށް ނިމިދިޔަ ނޮވެމްބަރު މަހުގެ ތެރޭގަ އެވެ. މި މަސައްކަތް ކުރިއަށް ގެންދިއުމަށް ދެ ޑްރެޖަރު ވަނީ ގެނެސް ބޭނުން ކުރަން ފަށައިފަ އެވެ. އެއީ 22,000 ކިއުބިކް މީޓަރުގެ ކެޕޭސިޓީ ހުންނަ "ޕްރިންސް ޑާ ނެދަލޭންޑެން" އާއި، ހަމަ އެ ކެޕޭސިޓީގެ "އޮރަންޖް" އެވެ.

ބިންވެރިޔާގެ ސްކީމުގެ ދަށުން ހުޅުމާލެ ތިންވަނަ ފިޔަވަހިން މުޅި ޖުމްލަ 1،351 ގޯތި ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. ނަމަވެސް އެ ގޯތި ދޭނެ ތަނެއް ނުވަތަ އެފަދަ ބިމެއް އޭރު ހަމަޖެހިފައި ނެތެވެ. މި ސަރުކާރާ ހަވާލުވެ ފޭސް 3 ގެ ލޭންޑް ޔޫސް ޕްލޭން އަލުން އެކުލަވާލައި ހުއްޓިފާފައިވާ ބިން ހިއްކުމުގެ މަޝްރޫއު އަލުން ފަށާފައިވަނީ ނިމިދިޔަ ނޮވެމްބަރު މަހުގެ ތެރޭގަ އެވެ.

ހުޅުމާލެ ތިން ވަނަ ފިޔަވަހި ހިއްކައި ނިންމާލާފައިވާއިރު ނިމިދިޔަ ސަރުކާރުން އެއްވެސް ޕްލޭނެއް ނެތި މާލެ ރައްޔިތުންނަށް ދޫކޮށްފައިވާ ގޯތިތައް ދޫކުރުމުގެ ގޮތުން ގުޅީފަޅުގެ އިތުރުން ގިރާވަރުފަޅުވެސް ހިއްކުމުގެ މަސައްކަތް ދަނީ ކުރިއަށެވެ. އެ ދެ ސަރަހައްދުގެ މަސައްކަތް ވެސް މި އަހަރުގެ ކުރީކޮޅު ހިއްކައި ނިންމުމަށް ތާވަލު ކޮށްފައިވާއިރު، ރައީސް ޑރ. މުޢިއްޒު އެންމެ އިސްކަމެއް ދެއްވައިގެން ކުރިއަށް ގެންދާ މަޝްރޫއު ކަމަށްވާ، ފުށިދިއްގަރުފަޅު ހިއްކުމުގެ މަސައްކަތް މިއަހަރުގެ މާޗު ނުވަތަ އޭޕްރީލް މަސްތެރޭ އެއްކޮށް ހިއްކައި ނިންމާލެވޭނެ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފަ އެވެ.

ރަސްމާލެ އަކީ ރާއްޖޭގެ ތާރިހުގައި ހިއްކާ އެންމެ ބޮޑު ފަޅެވެ. ޖުމްލަ 1،153 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވާއިރު ފުރަތަމަ ފިޔަވަހީގައި އެ ސަރަހައްދުން 15،000 ގޯތި ދޫކުރުމަށް ވަނީ ހަމަޖެހިފަ އެވެ. އެ ސަރަހައްދުން ބިމަށް ކުރިމަތިލުމުގެ ފުރުސަތު މިދިޔަ އާދީއްތަ ދުވަހު ހުޅުވާލާފައިވާއިރު މާލެ ސަރަހައްދުން ދޫކުރުމަށް ހަމަޖެހިފައިވާ 7،900 ހައުސިން ޔުނިޓަށް ކުރިމަތިލުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލާފަ އެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%