ކުރިއަށް އޮތް ރޯދަ މަހުގެ ފުރަތަމަ ހަފްތާއަށް ފަހު އީދު ބަންދު ނިމެންދެން ސްކޫލުތައް ބަންދުކުރަން ނިންމައިފި އެވެ.
އެޑިއުކޭޝަން މިނިސްޓްރީން އާއްމުކޮށްފައިވާ މި އަހަރުގެ އެކެޑަމިކް ކަލަންޑަރުގައިވާ ގޮތުން ކުރިއަށް އޮތް ރޯދަ މަހު ދަރިވަރުން ކިޔަވަން ޖެހޭނީ ފެބްރުއަރީ 22 ފެށިގެން 26 އާ ހަމަޔަށެވެ. އެއީ ރޯދަ މަހުގެ ފުރަތަމަ ހަފްތާ އެކަންޏެވެ.
ކުރީ އަހަރެކޭ އެއްގޮތަށް މިއަހަރުވެސް ސަރުކާރުން ނިންމާފައިވަނީ ރޯދަ މަހުގެ ފަހު ދިހަ ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި ހެދުމަށެވެ. ކަލަނއޑަރުގައިވާ ގޮތުން މި އަހަރުގެ ރޯދަ މަހުގެ ފަހު ދިހައަކަށް ވާނީ މާޗް 10 އިން 19 އަށެވެ. އެއަށް ފަހު 20 މާޗަކީ ފިތުރު އީދެވެ. އަދި އީދު ތިން ދުވަހަށް ފަހު ސުކޫލް ދަރިވަރުންނަށް ކިޔެވުން ފެށޭނީ މާޗު 23 ގައި އެވެ. އެހެންކަމުން 26 ފެބްރުއަރީ އިން ފެށިގެން 23 މާޗުގެ ނިޔަލަށް ދަރިވަރުންނަށް ޗުއްޓީ ލިބޭނެ އެވެ.
ރޯދަ މަހާއި ގުޅިގެން ދަރިވަރުންނަށް ޗުއްޓީ ލިބުން ކަމުގައި ވީނަމަވެސް މިފެށޭ އާ ޓާމުގެ ކިޔެވުން މި ޖެނުއަރީ މަހުގެ 27 ފެށޭނެ އެވެ. އަދި 26 ފެބްރުއަރީގެ ނިޔަލަށް ދަރިވަރުން ސުކޫލަށް ހާޒިރުވެ ކިޔަވަން ޖެހޭނެ އެވެ. ރޯދަ މަހުގެ ފުރަތަމަ ދުވަހަކީ 18 ފެބްރުއަރީ ބުދަ އެވެ.
އެޑިއުކޭޝަން މިނިސްޓްރީން މިދިޔަ ބުދަ ދުވަހު އާންމު ކުރި 2026 ގެ އެކެޑެމިކް ކަލަންޑަރުގައި މިހުރިހާ ތާރީހެއް ވަރަށް ސާފުކޮށް ފެންނަން ހުންނާނެ އެވެ. ސޯޝަލް މީޑިއާގައި އެކަން އިއުލާނު ކުރަމުން އެމިނިސްޓްރީ އިން ބުނެފައިވަނީ 2026ގެ ދިރާސީ ކަލަންޑަރުގެ އެންމެ ފަހުގެ އަދާހަމަ މިހާރު ވާނީ މިނިސްޓްރީގެ ވެބްސައިޓްގައި އާއްމުކުރެވިފައި ކަމަށެވެ. މި ކަލަންޑަރުގައި ދިރާސީ އަހަރު މުހިއްމު ތާރީހުތަކަށް އެއްވެސް ބަދަލެއް ގެނެވިފައިނުވާނެ ކަމަށެވެ. ނަމަވެސް 2026 ވަނަ އަހަރުގެ މަތީ ސާނަވީ އިމްތިހާނުތަކުގެ ތާރީހުތަކާއި ރައްޔިތުންގެ މަޖިލިސް ހުޅުވާ ދުވަސް ފާހަގަކުރެވިފައިވާނެ ކަމަށެވެ.
2025 ވަނަ އަހަރުގެ ޑިސެމްބަރު 25 އިން ފެށިގެން ޖެނުއަރީ 27 ހަމަޔަށް ނިމިގެން މިދަނީ ވެސް ސުކޫލް ދަރިވަރުންނަށް ބޮޑު ޗުއްޓީ އެކެވެ. ކުޑަ ދުވަސްކޮޅެއްގެ ކިޔެވުމަށްފަހު ދެން ކުރިއަށް އޮތީވެސް ބޮޑު ޗުއްޓީ އެކެވެ.






