ދެއްވަދޫ އިން ހޯޑެއްދޫ ބޮޑުތަފާތަކުން ބަލިކޮށް ސަޕޯޓަރުން ހައިރާންކޮށްލައިފި

އައިޝަތު ރުވާ ރިފްޢަތު | 1 ދުވަސް ކުރިން - 23 ޖެނުއަރީ 2026 23:26
ދެއްވަދޫގެ މުހައްމަދު އަބްދުﷲ. އޭނާ ވަނީ މި މެޗުގައި ހެޓްރިކް ހަދާފައި. / ފޮޓޯ: ގޯލްޑަން
ދެއްވަދޫގެ މުހައްމަދު އަބްދުﷲ. އޭނާ ވަނީ މި މެޗުގައި ހެޓްރިކް ހަދާފައި. / ފޮޓޯ: ގޯލްޑަން
ޚުލާސާ

ޒޯން ބުރުގެ ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި ދެއްވަދޫ މޮޅުވެފައިވަނީ 2-8 ގެ ނަތީޖާއިން.

ގޯލްޑެން ފުޓްސަލް ޗެލެންޖު 2026 ގެ ޒޯން ބުރުގެ ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި ހޯޑެއްދޫ 2-8 ގެ ނަތީޖާއިން ބަލިކޮށް ދެއްވަދޫ އިން އެ ރަށުގެ ސަޕޯޓަރުން ހައިރާންކޮށްލައިފި އެވެ.

މިރޭ 22:00 ގައި ފެށި މި މެޗުގެ ކުރީ ކޮޅުގައި ގޯލެއް ޖަހައި ޝިފާޒު އާދިލް (މަޓާ ތުއްތު) ވަނީ ދެއްވަދޫ އަށް ލީޑު ހޯދައިދީފަ އެވެ. ދެވަނަ ގޯލު ނަސޫހް ސައީދު (ނަސްޓޭ) ޖަހައިދިން އިރު ދެއްވަދޫގެ ތިން ވަނަ ގޯލު ޖަހައިދިނީ މުހައްމަދު އަބްދުﷲ (މޯޑު) އެވެ. ހޯޑެއްދޫ ފުރަތަމަ ހާފުގައި ޖެހި ހަމަ އެކަނި ގޯލު ކާމިޔާބުކުރީ އަހްމަދު ޝާނިއު އަބްދުލް ޣަނީ އެވެ. ފުރަތަމަ ހާފު 1-4 ގެ ނަތީޖާއިން ނިމުނު އިރު ހަތަރު ވަނަ ގޯލު ޖެހީ މޯޑު އެވެ.

ދެވަނަ ހާފުގައި ދެއްވަދޫގެ ފަސް ވަނަ ގޯލު ޖަހައި މޯޑު ވަނީ އޭނާގެ ހެޓްރިކް ކާމިޔާބުކޮށްފަ އެވެ. މި މެޗުގައި މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ހޯދީ އޭނާ އެވެ.

ދެއްވަދޫގެ ހަވަނަ ގޯލު ޖަހައިދިނީ ޒުވާން ހުނަރުވެރި ކުޅުންތެރިޔާ މީޝާން މުޖީބު އަންވަރު (މީޝު) އެވެ. ހަތް ވަނަ ގޯލު މިގުދާދް ސައީދު (ކަޅޭ) ޖަހައިދިން އިރު އަށްވަނަ ގޯލު ޖަހައިދިނީ ކެޕްޓަން އަހުނަފް ރަޝީދު (އަހުއްކޮ) އެވެ. ހޯޑެއްދޫގެ ދެވަނަ ގޯލު ޖަހައިދިނީ މުހައްމަދު މާޔަން ނިޔާޒެވެ.

މި މޮޅާއެކު ސެމީގެ ޖާގަ ހޯދުމަށް ދެއްވަދޫ މިވަނީ ފިޔަވަޅަކާ ގާތަށް ޖެހިލާފަ އެވެ. ދެއްވަދޫ ދެން ކުޅެން ޖެހޭނީ ސ. މަރަދޫ އާއެވެ.

ދެއްވަދޫ މި މުބާރާތާ ކުރިމަތިލި އިރު އެ ރަށުގެ ގިނަ އަދެއްގެ ކުޅުންތެރިން ތައިލެންޑުގައި ކުރިއަށްދާ ސާފް ފުޓްސަލް މުބާރާތުގައި ގައުމު ތަމްސީލު ކުރަން ގޮސް ތިބިކަން ފާހަގަކޮށްލެވެ އެވެ. މުބާރާތް ނިމުމުން އެ ކުޅުންތެރިން ދެއްވަދޫ ޓީމާ ބައިވެރިވާނެ ކަމަށް އެ ޓީމުގެ މެނޭޖަރު ޝިއުޒް ފަރީދު ވަނީ ޚުލާސާ އަށް މައުލޫމާތު ދީފަ އެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

1 ރިއެކްޝަންސް / 1 ކޮމެންޓް

0%
0%
0%
0%
0%

އަކިރިގާ

18 ގަޑިއިރު ކުރިން - 13:16

ދެއްވަދޫ މީހުންނަކީ ބޮޑު ޖޯކެއް. ފައިސާ އޮތިއްޔާ ކޮންމެ ރަށަކުންވެސް ކުޅުންތެރިން ޖެހިދާނެ