ގޯލްޑަން ފުޓްސެލް ޗެލެންޖުގެ ކުއާޓާ ފައިނަލުގައި ތ. ތިމަރަފުށްޓާއި ގއ. ދެއްވަދޫ ވާދަކުރަން ޖެހިއްޖެ އެވެ.
މިރޭ އޮތް ގަދަ 16 ވަނަ ބުރުގައި މި ދެ ރަށް ފަސޭހަކަމާއެކު މޮޅުވެފައިވާއިރު މާރަންދޫ މައްޗަށް ތިމަރަފުށިން ކުރިހޯދީ 0-3 ގެ ނަތީޖާއިންނެވެ. އަދި ކެޔޮދޫ މައްޗަށް ދެއްވަދޫ އިން ކުރިހޯދާފައިވަނީ 2-4 ގެ ނަތީޖާއިންނެވެ.
ދެއްވަދޫ އާއި ކެޔޮދޫ މެޗަށް ބަލާއިރު ފުރަތަމަ ހާފު ނިމުނީ އަހްމަދު ރާހިލް ރަޝީދު އާއި އަހުނަފް ރަޝީދު ގޯލެއް ޖަހައި 0-2 ގެ ނަތީޖާއިން މޮޅުވެގެންނެވެ.
ދެވަނަ ހާފު ފަށައިގެން ދެ މިނެޓު ތެރޭ ކެޔޮދޫގެ ނާއިލް މުހައްމަދު ނަސީރު ގޯލެއް ޖަހައި މެޗުގެ ފޯރި ގެނައިނަމަވެސް ދެއްވަދޫއިން ވަނީ ދެ ގޯލު ޖަހައި މެޗުގެ ނަތީޖާ 1-4 އަށް ބަދަލުކޮށްފަ އެވެ. މި ގޯލުތައް ޖަހާފައިވަނީ އަހުނަފް ރަޝީދު އަދި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި އަލީ ހައިޝަމް އެވެ. މެޗު ނިމެނިކޮށް ކެޔޮދޫގެ ދެވަނަ ގޯލު ޖެހީ އަހްނަފު ރައްޔާން އާދަމް އެވެ.
ތިމަރަފުށި - މާރަންދޫ މެޗުގެ ފުރަތަމަ ގޯލު ފެނިގެންދިޔައީ ފުރަތަމަ ހާފު ނިމެން ސިކުންތުކޮޅަކަށް ވެފައި ވަނިކޮށެވެ. މި ގޯލު ތިމަރަފުށްޓަށް ޖަހައިދިނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި އަބްދުﷲ ޒިޔާން އެވެ.
ދެވަނަ ހާފުގައި ދެވަނަ ގޯލު ވެސް ޖެހީ ޒިޔާން އެވެ. ތިން ވަނަ ގޯލަކީ މާރަންދޫގެ ހުމައިދު ހުސައިން އަތުން ބައިކޮޅަށް ވަތް ގޯލެކެވެ.
ކުއާޓާ ފައިނަލުގައި ދެއްވަދޫ އާއި ތިމަރަފުށި ބައްދަލުކުރާ މެޗު އޮންނާނީ އަންނަ އާދީއްތަ ދުވަހުގަ އެވެ.










