ނަމާދަށް ހަޖޫ ޖަހައި "އަދަދު" ނޫހުން ކާޓޫނު ހަދައިފި

މުޙައްމަދު ޖިނާން ހުސައިން ޖަބީން | 2 ދުވަސް ކުރިން - 23 ޖެނުއަރީ 2026 18:31
"އަދަދު" ނޫހުން ނަމާދަށް ކުޑައިމީސްކޮށް ހެދި ކާޓޫނު - އަދަދު ނޫހުގެ މި ކާޓޫނުގެ ސަބަބުން މުޖުތަމަޢުގައި މިވަނީ ފިތުނައިގެ އިތުރު ދޮރެއް ހުޅުވިފަ / ފޮޓޯ: އަދަދު ނޫސް
"އަދަދު" ނޫހުން ނަމާދަށް ކުޑައިމީސްކޮށް ހެދި ކާޓޫނު - އަދަދު ނޫހުގެ މި ކާޓޫނުގެ ސަބަބުން މުޖުތަމަޢުގައި މިވަނީ ފިތުނައިގެ އިތުރު ދޮރެއް ހުޅުވިފަ / ފޮޓޯ: އަދަދު ނޫސް
ޚުލާސާ

"އަދަދު" ނޫހަކީ މީގެ ކުރިން ވެސް މިފަދަ ކާޓޫނުތައް ހަދާފައިވާ ނޫހެއް، އެހެން ނަމަވެސް އެ ނޫހާ މެދު ކަމާބެހޭ އިދާރާތަކުން އެއްވެސް ފިޔަވަޅެއް އަޅައިފައެއް ނުވޭ

ނަމާދަށް ކުޑައިމީސްވާ ގޮތަށް ”އަދަދު“ ނޫހުން ކާޓޫނު ހަދައިފި އެވެ.

"ސިޔާސީ ކާޓޫން ވޮލިއުމް 22“ގެ ނަމުގައި އަދަދު ނޫހުން އެކްސްގައި ޕޯސްޓުކޮށްފައިވާ މި ކާޓޫނުން ފެންނަނީ އިމާމު މީހާ ސަޖިދާގައި އޮންނަ އިރު މައުމޫމަކު އިމާމު މީހާގެ ޖީބަށް ފައިސާތަކެއް ލާ މަންޒަރެވެ.

އަދަދު ނޫހުން ހަދާފައިވާ މި ކާޓޫނަކަށް ގިނަ ބަޔަކު އަންނަނީ ނުރުހުން ފާޅު ކުރަމުންނެވެ. ބައެއް ފަރާތްތަކުން މި އަމަލު ސިފަކޮށްފައިވަނީ ދީނަށް ފުރައްސާރަ ކުރުމުގެ އަމަލެއްގެ ގޮތުގަ އެވެ. އެ ފަރާތްތަކުން އަންނަނީ، ނަމާދަށް ކުޑައިމީސްވާ ގޮތަށް "އަދަދު" ނޫހުން ކާޓޫނު ހެދުމުން، އެ ނޫހާއި މެދު ހަރުކަށި ފިޔަވަޅު އެޅުމަށް ގޮވާލައިފަ އެވެ.

ރާއްޖެ އަކީ 100 ޕަސަންޓް އިސްލާމް ގައުމެއް ނަމަވެސް، މާތްވެގެންވާ އިސްލާމް ދީނަށް ފާޅުގައި ހަޖޫ ޖެހުމަކީ ނަފްރަތުގެ ޢަމަލެކެވެ. އަދަދު ނޫހުން މިވަރުގެ ބޮޑު ނަފްރަތެއް އުފައްދައި ޤައުމު ފިތުނަކޮށް ފަސާދަ އުފައްދާ އިރުގައި ވެސް އެކަމަށް އެއްވެސް ފަރާތަކުން ފިޔަވަޅު އަޅަން ބިރު ގަންނަނީ ހޭ؟ ބުނެ މީހަކު ފޭސްބުކް ގައި ވެސް ލިޔެފައި އޮތެވެ.

"އަދަދު" ނޫހުން މިފަދައިން ކާޓޫނު ކުރެހުމުން މީޑިއާ ކޮމިޝަނުން އަންނަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ. އެ ކޮމިޝަނުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ ގާނޫނު އަސާސީގެ 10 ވަނަ މާއްދާގެ (ހ) އާއި، 27 ވަނަ މާއްދާ އާއި، މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުގެ ރެގިއުލޭޝަން ގާނޫނުގެ 39 ވަނަ މާއްދާގެ (ހ) އާއި 30 ވަނަ މާއްދާގެ (ހ) އަދި ބްރޯޑްކާސްޓަރުންނާއި މީޑިއާގައި މަސައްކަތް ކުރާ ފަރާތްތަކާއި، ނޫސްވެރިންގެ ސުލޫކީ މިންގަނޑުގެ ދެވަނަ މާއްދާގެ (ހ) އާއި، ހަތަރުވަނަ މާއްދާގެ (ހ) އާއި ހިލާފަށް "އަދަދު" ނޫހުން ކޮންޓެންޓެއް ޝާއިއު ކޮށްފައިވާތީ އެ މައްސަލަ އެ ކޮމިޝަނުން ބަލަމުން އަންނަ ކަމަށެވެ.

މި މައްސަލާގައި މީޑިއާ ކޮމިޝަނުން ވަނީ "އަދަދު" ނޫސް ފަސް ދުވަހުގެ ތެރޭގައި އެ ކޮމިޝަނަށް ޖަވާބުދާރީވުމަށް އަންގައިފަ އެވެ. އަދި ހަމައެހެންމެ މި މައްސަލަ ބަލައި ނިމެންދެން އެ ކާޓޫނު ނެގުމަށް ވެސް އެ ކޮމިޝަނުން ވަނީ "އަދަދު" ނޫހަށް އަންގައިފަ އެވެ.

"އަދަދު" ނޫހަކީ މީގެ ކުރިން ވެސް މީހުންނަށް ފުރައްސާރަކުރުމުގެ ގޮތުން މިފަދަ ކާޓޫނުތައް ހަދައި، ސޯޝަލް މީޑިއާގައި ހިއްސާކޮށް، މީހުންގެ ސަމާލުކަން ހޯދަން މަސައްކަތް ކޮށްފައިވާ ނޫހެކެވެ. ނަމަވެސް އެ ނޫހާއި މެދު ކަމާ ބެހޭ އިދާރާތަކުން މީގެ ކުރިން އެއްވެސް ފިޔަވަޅެއް އަޅައިފައެއް ނުވެ އެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%