ރޯދައިގެ ފުރިހަމަ ސަވާބު ލިބޭނީ އުރެދުންތަކާ ދުރުހެލިވެގެން: ހުތުބާ

މުޙައްމަދު ޖިނާން ހުސައިން ޖަބީން | 1 ދުވަސް ކުރިން - 23 ޖެނުއަރީ 2026 14:35
އިސްލާމީ މަރުކަޒު. ރަމަޟާން މަހުގައި ގިނަގިނައިން އަޅުކަންތަކުގައި ހޭދަކުރުމަށް ހުތުބާގައި ވަނީ ނަސޭހަތްތެރިވެފަ--- ފޮޓޯ: ޚުލާސާ
އިސްލާމީ މަރުކަޒު. ރަމަޟާން މަހުގައި ގިނަގިނައިން އަޅުކަންތަކުގައި ހޭދަކުރުމަށް ހުތުބާގައި ވަނީ ނަސޭހަތްތެރިވެފަ--- ފޮޓޯ: ޚުލާސާ
ޚުލާސާ

ރަމަޟާން މަހަކީ ކީރިތި ގުރުއާނުގެ މަސް ކަމުން އެ މަހަކީ ގިނަގިނައިން ކީރިތި ގުރުއާން ކިޔަވާ މަހަކަށް ހެދުމަށް ހުތުބާގައި ވަނީ ނަސޭހަތްތެރިވެފައި.

ރޯދައިގެ ފުރިހަމަ ސަވާބު ލިބޭނީ، ދުލާއި އެހެނިހެން ގުނަވަންތައް އުރެދުމުން ރައްކާތެރިކޮށްގެން ކަަމަށް ހުކުރު ހުތުބާގައި ބުނެފި އެވެ.

މިއަދުގެ ހުކުރު ހުތުބާގައި ބުނީ، ރޯދައިގެ ފުރިހަމަ ސަވާބާއި ދަރުމަ ހޯދުމަށްޓަކައި ރޯދަވެރިޔާ ހުތުރު ބަހުން ވާހަކަދެއްކުމާއި، ޒުވާބުކުރުން ފަދަ އަމަލުތަކުން ދުރުހެލިވާންޖެހޭނެ ކަމަށެވެ. އަދި ހަމައެހެންމެ، ވޭތުވެ ދިޔަ އަހަރުތަކުގައި ގަޟާނުކުރެވި ހުރި ފަރުޟު ރޯދައެއްވާނަމަ އެ ރޯދަތައް ގަޟާކުރުމަށް އަވަސްވެގަތުމަށް ހުތުބާގައި ވަނީ ހަނދާންކޮށްދީފަ އެވެ.

ރަމަޟާން މަހަކީ ކީރިތި ގުރުއާނުގެ މަސް ކަމަށާއި، އެހެންކަމުން އެ މަހަކީ ގިނަގިނައިން ކީރިތި ގުރުއާން ކިޔަވާ މަހަކަށް ހެދުމަށާއި، ކުރާ ހުރިހާ ކަމެއް ވެސް ކީރިތި ގުރްއާނާއި ނަބިއްޔާގެ ސުންނަތާ އެއްގޮތަށް ބައްޓަންކުރުމަށް ހުތުބާގައި ވަނީ ނަސޭހަތްތެރިވެފަ އެވެ.

މީގެ އިތުރުން ނަމާދުތަކަށް ފަރުވާތެރިވެ ސުންނަތް ނަމާދުތަކާއި އެހެނިހެން ސުންނަތް އަޅުކަންތައް އަދާކުރާ ބަޔަކަށްވުމަށް ހުތުބާގައި ނަސޭހަތްތެރިވެފައިވެ އެވެ.

ރަމަޟާން މަހަކީ ދީނީ ދަރުސްތައް ގިނައިން ދެވޭ މަހެއް ކަމުގައިވާތީ އެ ދަރުސްތައް އަޑުއެހުމަށް ވަގުތު ހުސްކުރުމުގެ މުހިއްމު ކަމަށް ވެސް ހުތުބާގައި އަލިއަޅުވާލި އެވެ. ދަރުސްތައް އަޑުއަހައި، ދީނުގެ ހުކުމްފުޅުތައް އޮޅުފިލުވާ ބަޔަކަށްވުމަށް ހުތުބާގައި ވަނީ ނަސޭހަތްތެރިވެފަ އެވެ. ސަބަބަކީ އިންސާނުންނަކީ އަބަދާއި އަބަދު ހަނދާން އާކުރުމަށް ބޭނުންވާ ބަޔަކަށްވާތީ އެވެ.

ރަމަޟާން މަސް އައިސް ކުޑަތަންވުމުން ރޯދައާ ބެހޭ ހުކުމްތައް އުނގެނި ދަސްކުރުމަށާއި ރަމަޟާން މަހު ރޯދަވެރިޔާގެ އަމަލުތައް ބައްޓަންކުރަންޖެހޭ ގޮތް އުނގެނި ދަސްކުރުމަށް މިއަދުގެ ހުކުރު ހުތުބާގައި ވަނީ ނަސޭހަތްތެރިވެފަ އެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%