ގުޅީފަޅުން ގޯތި ލިބުނު 41 މީހަކަށް މިއަދު ބިން ހަވާލުކޮށްފި

އައިޝަތު ރުވާ ރިފްޢަތު | 1 ދުވަސް ކުރިން - 23 ޖެނުއަރީ 2026 13:41
ގުޅީފަޅުން ގޯތި ލިބުނު 41 މީހުންނަށް ބިން ހަވާލުކުރުން/ ފޮޓޯ: ހައުސިން މިނިސްޓްރީ
ގުޅީފަޅުން ގޯތި ލިބުނު 41 މީހުންނަށް ބިން ހަވާލުކުރުން/ ފޮޓޯ: ހައުސިން މިނިސްޓްރީ
ޚުލާސާ

ސަރުކާރުގެ މިހާރުގެ ޕްލޭނާ އެއްގޮތަށް ގުޅީފަޅުން ޖުމްލަ 2,438 ގޯތި ދޫކުރުމަށް ވަނީ ނިންމާފައި.

"ބިންވެރިޔާ" ސްކީމްގެ ދަށުން ގުޅީފަޅުން ދޫކުރާ ގޯތިތައް އޭގެ ވެރިފަރާތްތަކާ ހަވާލުކުރުމުގެ މަސައްކަތް ރަސްމީކޮށް ފަށައި، ބުރާސްފަތި ދުވަހު އެކަނިވެސް 41 މީހަކަށް ގޯތި ހަވާލުކޮށްފި އެވެ.

ހައުސިން މިނިސްޓްރީން ބުނި ގޮތުގައި، ގުޅީފަޅުން ގޯތި ދޫކުރުމުގެ މަސައްކަތް ކުރިއަށްދަނީ ބިންތައް ސާފުކޮށް، އިން ވަކިކުރުމަށް ފަހުގަ އެވެ. އިއްޔެ ބިން ހަވާލުކުރެވުނު 41 ފަރާތަކީ މި މަސައްކަތުގެ ފުރަތަމަ މަރުހަލާގައި ހިމެނޭ ފަރާތްތަކެވެ.

ކުރީ ސަރުކާރުން ގުޅީފަޅުން 150 ހެކްޓަރުގެ ބިން ހިއްކައި، މާލޭ ރައްޔިތުންނަށް ގޯތި ދީ ރަޖިސްޓްރީ ހަވާލުކޮށްފައި ވަނިކޮށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ވަނީ އެތަނުގެ ލޭންޑް ޔޫސް ޕްލޭނަށް ބަދަލުތަކެއް ގެނެސްފަ އެވެ. މި ބަދަލާ ގުޅިގެން ގޯތި ލިބޭ ތަންތަން އަލުން ކަނޑައަޅައި، އަލުން ގުރުއަތު ނެގުމަށްފަހު ވަނީ އައު ރަޖިސްޓްރީތައް ދޫކޮށްފަ އެވެ.

ސަރުކާރުގެ މިހާރުގެ ޕްލޭނާ އެއްގޮތަށް ގުޅީފަޅުން ޖުމްލަ 2,438 ގޯތި ދޫކުރުމަށް ވަނީ ނިންމާފަ އެވެ. މީގެ ތެރޭގައި ކުރިން ގިރާވަރު ފަޅުން ގޯތި ލިބި، ފަހުން ގުޅީފަޅަށް ބަދަލުކުރި ފަރާތްތަކުގެ ގޯތިތައްވެސް ހިމެނެ އެވެ.

ގުޅީފަޅުގެ އައު ލޭންޑް ޔޫސް ޕްލޭނަކީ ދިރިއުޅުމަށް ބޭނުންވާ އަސާސީ ހުރިހާ ވަސީލަތްތަކެއް ހިމެނޭ ގޮތަށް ފަރުމާކޮށްފައިވާ ޕްލޭނެކެވެ. އެގޮތުން، ދިރިއުޅުމަށް ދޫކުރާ ބިންތަކުގެ އިތުރުން، ސޯޝަލް ހައުސިންއަށާއި، ތައުލީމީ އަދި ސިއްހީ ހިދުމަތްތަކަށް ބިން ވަނީ ކަނޑައަޅާފަ އެވެ. އަދި އިންޑަސްޓްރިއަލް މަސައްކަތްތަކާއި، ސިޓީ ހޮޓާ ފަދަ ވިޔަފާރިތަކަށް ބިން ހާއްސަކޮށްފައިވާއިރު، ހިތްފަސޭހަ މާހައުލެއް ގާއިމުކުރުމަށްޓަކައި ގިނަ އަދަދެއްގެ ޕާކުތަކާއި ކުޅިވަރު ކުޅޭ ސަރަހައްދުތައްވެސް މި ޕްލޭނުގައި ހިމެނެ އެވެ.

މި ސަރުކާރުން އަމާޒު ހިފާފައިވަނީ ގުޅީފަޅަކީ ހުރިހާ ހިދުމަތްތަކެއް ފުރިހަމަވެފައިވާ، ދިރިއުޅެން ފަސޭހަ ތަނަކަށް ހެދުމަށެވެ. ގޯތިތައް ހަވާލުކުރުމުގެ މަސައްކަތް ކުރިއަށް އޮތް ދުވަސްތަކުގައިވެސް ބާރުމިނެއްގައި ކުރިއަށްދާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%