އީރާން، އެމެރިކާ އަދި އަދުގެ ހާލަތު!

މުޙައްމަދު ސަޢީދު މޫސާ ވަޖުދީ | 1 ދުވަސް ކުރިން - 23 ޖެނުއަރީ 2026 18:33
އީރާނާއި އެމެރިކާގެ ވެރިން: މަޝްވަރާއަށް ފުރުސަތު ދެއްވަން ޖެހޭ
އީރާނާއި އެމެރިކާގެ ވެރިން: މަޝްވަރާއަށް ފުރުސަތު ދެއްވަން ޖެހޭ
ޚުލާސާ

އީރާނުގެ އިގުތިސާދަށް ވަރަށް ބޮޑަށް އަސަރުކޮށްފައިވީ ނަމަވެސް އީރާނުން އެގައުމުގެ އަސާސީ ސިޔާސަތުން ފަހަތަށް ޖެހިފައެއް ނުވެއެވެ.

އީރާނާއި އެމެރިކާގެ ގުޅުމަކީ އީރާނުގެ އިސްލާމީ އިންގިލާބަށްފަހު، 1979 ވަނަ އަހަރުން ފެށިގެން ކޯޅުމާއި އިތުބާރު ނުކުރެވުމާއި މަސްލަހަތު ފުށުއަރާ ގުޅުމެއްގެ ރަމްޒެކެވެ. 

އީރާނުގެ ކުރީގެ ރަސްގެފާނު ޝާހުގެ ވެރިކަމަށް ފަހު އީރާނުގައި ސަރުކާރަކަށް ފަހު ސަރުކާރެއް ގާއިމުވެގެން ދިއަޔަސް އެމެރިކާ-އީރާނުގެ ގުޅުން ވަދެގެން ދިޔައީ ސުލްހަވެރި ކަމުގެ ފުރުޞަތުތައް ކުޑަވެ، ހަމަނުޖެހުން ތަކުގެ ނުރައްކާތައް އިތުރަށް ފާހަގަ ކުރެވުނު މަރުޙަލާ އަކަށެވެ. އެ މުއްދަތަށް ފަހު އީރާނުން ޚާރިޖީ ސިޔާސަތުގައި އިސްތިޤުލާލާއި ސަރަހައްދީ ނުފޫޒަށް މަރުކަޒީ މަގާމެއް ދިންއިރު، އެމެރިކާއިން ދެކެމުން ދިޔައީ އީރާނަކީ މެދުއިރުމަތީގެ މަސްލަހަތަށް ދާއިމީ ގޮންޖެހުމެއްގެ ގޮތުގައެވެ. އެމެރިކާގެ ސިޔާސަތު ވަރަށް ބޮޑަށް ބިނާވެފައި އޮތީ އީރާނަށް ޕްރެޝަރު ކުރުމުގެ މައްޗަށެވެ. އިގުތިސާދީ ދަތިކުރުމުގެ ފިޔަވަޅުތަކާއި، ޑިޕްލޮމެޓިކު ގޮތުން އެކަހެރި ކުރުމާއި، ޢަސްކަރީ އިންޒާރު ތަކަކީ މި ސްޓްރެޓެޖީގެ ބައެކެވެ. މިއާ ހިލާފަށް އީރާނުން މި ޕްރެޝަރަށް ރައްދު ދިނީ އަމިއްލަ ނަފްސަށް ބަރޯސާވެ، ގްލޯބަލް ޕާޓްނަޝިޕްތައް ހޯދައި، އެ ސަރަހައްދުގައި އެގައުމުގެ ގާބިލުކަން ހަރުދަނާ ކުރުމުގައެވެ. ނަތީޖާއެއްގެ ގޮތުން ހަމަނުޖެހުން ލުއިވުމުގެ ބަދަލުގައި ހަމަނުޖެހުތައް އެކި ގޮތްގޮތަށް ދެމިއޮތެވެ. މި މައްސަލައިގެ މައިގަނޑު ނުކުތާއަކަށް އީރާނުގެ ނިއުކްލިއާ ޕްރޮގްރާމް މިހާރު ވަނީ ވެފައެވެ. އީރާނުން ސުލްހަވެރި މަގުސަދުތަކާ ގުޅުވައިގެން އުޅުނު ނަމަވެސް އެމެރިކާއާއި އެގައުމުގެ އެކުވެރި ގައުމުތަކުން އެއީ ސަލާމަތީ ނުރައްކަލެއް ކަމަށް ދެކެއެވެ.

ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން އީރާނުގެ އިގުތިސާދަށް ވަރަށް ބޮޑަށް އަސަރުކޮށްފައިވީ ނަމަވެސް އީރާނުން އެގައުމުގެ އަސާސީ ސިޔާސަތުން ފަހަތަށް ޖެހިފައެއް ނުވެއެވެ. މީގެ އިތުރުން އީރާނުގެ ސަރަހައްދީ ދައުރު ވެސް ވަނީ ޚިޔާލު ތަފާތުވުން ތަކުގެ ބޮޑު ސަބަބަކަށް ވެފައެވެ.

އެމެރިކާއާއި އެގައުމުގެ އެކުވެރި ގައުމުތަކުން އިރާގާއި ސީރިއާ އާއި ލުބުނާނާއި ޔަމަނުގައި އީރާނުގެ ނުފޫޒު ފޯރުވުމަކީ ނުތަނަވަސްކަން އުފެދޭ ސަބަބެއް ކަމަށް ދެކޭއިރު، އީރާނުން އެއީ ދިފާއީ ސްޓްރެޓެޖީގެ މުހިންމު ބައެއްގެ ގޮތުގައި ދެކެއެވެ. މި ޚިޔާލު ތަފާތުވުން ތަކުން ތަކުރާރު ކޮށް ފާރިސީ ކަނޑުގެ ސަރަހައްދުގައި ނުރައްކާތެރި ހާލަތްތައް އުފެދިފައި ވެއެވެ. ހަމަ އެޔާއެކު އީރާނަށް ވެސް އެތެރޭގެ ފެންވަރުގައި ދަނީ ޕްރެޝަރު ކުރިމަތި ވަމުންނެވެ. އެއީ އެމެރިކާ އާއި އިޒުރޭލާއި ހުޅަނގުގެ ގައުމުތަކުން އުފައްދާ ހައިޖާނުގެ ސަބަބުން ކުރިމަތިވާ ޕްރެޝަރެވެ.

ފަހަކަށް އައިސް އިގުތިސާދީ ދަތިތަކާއި، އިންފްލޭޝަނާއި ފައިސާގެ އަގު ދަށްވުމުން، ސަރުކާރުން ވަރަށް ބާރަށް ކޮންޓްރޯލް ކުރަން މަސައްކަތް ކޮށްފައިވާތީ، އީރާނުގެ އެކި ސިޓީތަކުގައި އާންމުންގެ މުޒާހަރާތައް ފަށާފައި ވެއެވެ. މި އެތެރޭގެ ޕްރެޝަރުގެ ސަބަބުން އީރާނުގެ ޚާރިޖީ ސިޔާސަތާއި ދުނިޔޭގެ މުއާމަލާތުގެ ސްޓްރެޓެޖީއަށް ވެސް އަސަރު ކުރަމުންދާ ކަން ވަރަށް ބޮޑަށް ފާހަގަ ކުރެވެއެވެ. ނަމަވެސް މިހާރުގެ ހާލަތު ދެނެގަތުމަށްޓަކައި ސަރަހައްދީ މުހިންމު އެއް ބަދަލަކަށް އަޅާނުލައި ނުތިބެވޭނެ ކަމަށް ގަބޫލުކުރަން ޖެހެއެވެ. ހަމައެޔާއެކު ސައުދީ އަރަބިއްޔާގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާންގެ ސިޔާސަތުގެ ދައުރު ބަދަލުވަމުންދާ ކަމަށް ވެސްގަބޫލުކުރަން ޖެހެއެވެ. މީގެ ކުރިން ސައުދީ އަރަބިއްޔާ އާއި އީރާނަކީ އެ ސަރަހައްދުގައި ގުދުރަތީ ވާދަވެރިންގެ ގޮތުގައި ބެލެވުނެވެ. ސައުދީ ސިޔާސަތަކީ އީރާނާ ދެކޮޅު އެއްބައިވަންތަކަމުގެ ބައެއްކަން ސާފުކޮށް އެނގެއެވެ.

ފާއިތުވި އަހަރުތަކުގައި މުހައްމަދު ބިން ސަލްމާން ވަނީ މި ސިޔާސަތަށް ވަރަށް ބޮޑަށް ބަދަލު ގެންނަވާފައެވެ. މިހާރު ސައުދީ ލީޑަޝިޕުން އީރާނާ ފާޅުގައި ކުރިމަތިލުމުގެ ބަދަލުގައި ވިސްނުންތެރިކަމާއި ހަމަހަމަ ސިޔާސަތެއް ކުރިއަށްގެންދާ ކަމަށް ފެނެއެވެ.

ޗައިނާގެ އެހީތެރިކަމާއެކު، އީރާނާއި ސައުދީ އަރަބިއްޔާއާ ދެމެދު ޑިޕްލޮމެޓިކް ގުޅުންތައް އަލުން ގާއިމު ކުރުމަކީ މި ބަދަލުގެ ސާފު ހެއްކެކެވެ. މިހާރު އީރާނާއި އެމެރިކާއާ ދެމެދު އޮތް ފިތުނަވެރިކަމުގައި ސައުދީ އަރަބިއްޔާގެ މި ނަޒަރިއްޔާތު ވަނީ ކުރިއާ ޚިލާފަށް އީރާނަށް މުހިންމު ޑިޕްލޮމެޓިކް ފެސިލިޓީއެއްގެ ގޮތުގައި ފާހަގަ ކުރެވިފައެވެ. މި ބަދަލަކީ އެމެރިކާއަށް ވެސް އާ ހަގީގަތެކެވެ.

ސައުދީ އަރަބިއްޔާއިން މިހާރު އިސްކަންދެނީ އީރާނާ ސީދާ ކުރިމަތިލުމަށްވުރެ ހަމަޖެހުމާއި ބުއްދި ކުރިއަށް ނެރުމަށެވެ. އެ ސިޔާސަތުގެ ސަބަބުން އީރާން މުޅިން އެކަހެރި ކުރުމަށް އެމެރިކާއިން ކުރަމުންދާ މަސައްކަތްތައް ވަނީ ހަނިވެފައެވެ. މިއީ ހަމަ ޔަގީނުން ވެސް އީރާނަށް ލިބުނު މޮޅެކެވެ.

މުހައްމަދު ބިން ސަލްމާންގެ ދައުރު ބަދަލުވެ، އީރާނުގެ އެތެރޭގެ ޕްރެޝަރާއި، ސަރަހައްދުގެ އާ ޑިޕްލޮމެޓިކް ގުޅުންތަކުން މި ކޯޅުން ވަނީ އާ މަރުހަލާއަކަށް ގެންގޮސްފައެވެ. މިހާރު އުފެދޭ އަސްލު ސުވާލަކީ ބާރުގެ ބޭނުން ކުރުމަށް އިސްކަންދެނީތޯ ނުވަތަ މި ހަމަނުޖެހުން މައިތިރި ކުރެވޭނީ ޑިޕްލޮމެސީގެ ތެރެއިންތޯ އެވެ. މިހާރުގެ ހާލަތުގައި މި ސަރަހައްދުގެ ރައްޔިތުން މިހާރު ވަރުބަލިވެފައި ތިބީ މެދުނުކެނޑި ފިތުނަވެރިކަމާއި ދަތިކުރުމުގެ ފިޔަވަޅުތަކާއި ޔަގީންކަން ނެތް ކަންކަމަށެވެ. މެދުއިރުމައްޗަށް ކުރިމަތިވެފައިވާ ހަގީގީ ގޮންޖެހުމަކީ އަސްކަރީ މޮޅުވުމެއް ނޫން ކަމަށާއި ސިޔާސީ ހަމަޖެހުމާއި އިގުތިސާދީ ކުރިއެރުންކަމަށް ގަބޫލުކުރަން ޖެހެއެވެ. އީރާނާއި އެމެރިކާ ވެސް އެމީހުންގެ ސިޔާސަތުތަކުގައި ފަސޭހަކަން އުފެއްދުމަށް ތައްޔާރަށް ތިބި ނަމަ ކުރިމަތިލުމުގެ ބަދަލުގައި މަޝްވަރާ ކުރުމަށް ޖާގަ އެބައޮތެވެ.

މުޙައްމަދު ބިން ސަލްމާން ސުލްހައިގެ މަގުން އަޅުއްވާ ފިޔަވަޅަކީ އެ ސަރަޙައްދުގެ ބާރަށްވުރެ ހަމަޖެހުމަށް އިސްކަންދޭކަމުގެ ނިޝާނެކެވެ.

އީރާނަށް ވެސް މިއީ އެތެރޭގެ މައްސަލަތައް ހައްލު ނުކޮށް ބޭރުގެ ފަރާތްތަކާ ކޯޅުމުގައި ދެމިތިބެންޖެހޭ ހިނދުކޮޅެއްތޯ ކަނޑައަޅަން އެބަޖެހެއެވެ. ހަމައެފަދައިން އެމެރިކާއަށް ވެސް ޕްރެޝަރުގެ ސިޔާސަތުން މިހާތަނަށް އެދެވޭ ނަތީޖާއެއް ނުލިބުނު ކަމަށް ހީކުރެވޭ ހިސާބަށް މިހާރު ވަނީ ދަތުރުކުރެވިފައެވެ. ދުނިޔޭގެ ސިޔާސަތަކީ މިހާރު ބޭނުންހާ ކަމެއް ބޭނުންހާ ގޮތަކަށް ބޭނުންހާ ބަޔަކަށް ކުރެވޭ ޒަމާނެއް ނޫންކަމަށާއި އައު ހަގީގަތްތައް ހަޖަމު ކުރުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށް ގަބޫލުކުރަން އެބަ ޖެހެއެވެ.

ޑިޕްލޮމެސީއަށް ފުރުސަތު ދީފިނަމަ، ޓެންޝަންގެ ބުރަ އުފުލަން ޖެހިފައިވާ އީރާނުގެ ސަރަހައްދަށް ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ލިބިދާނެއެވެ. އެހެން ނޫނީ ބާރުގެ ކުޅިން ނަތީޖާ އެއް ނުފެނި އަބަދަށްވެސް އެންމެންނަށް ވެސް ކުރިމަތިލާން ޖެހޭނީ ނުރައްކަލާއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%