އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިސްވެ ހުރެ އަލަށް އުފެއްދި "ބޯޑް އޮފް ޕީސް" ރަސްމީކޮށް ލޯންޗުކޮށް، އެއްބަސްވުންތަކުގައި ސޮއިކޮށްފިއެވެ.
އދ. ގެ ޗާޓަރާއި ޚިލާފު ކަމެއް ކަމަށް ބުނެ ދުނިޔޭގެ ބޮޑެތި ބާރުތަކުން މި ބޯޑާއި ދޭތެރޭ ކަންބޮޑުވުން ފާޅުކުރަމުންދާއިރު، ޓްރަމްޕް ވިދާޅުވީ މި ބޯޑުން މަސައްކަތް ކުރާނީ އދ. އާއި ގުޅިގެންނެވެ.
ބޯޑް އޮފް ޕީސް ލޯންޗު ކުރީ ވޯލްޑް އިކޮނޮމިކް ފޯރަމް (ޑަބްލިޔުއީއެފް) ގެ އަހަރީ ބައްދަލުވުމުގެ ތެރެއިން ސްވިޒަލޭންޑްގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.
ޣައްޒާގެ ހަނގުރާމަ ހުއްޓާލުމަށް އެހީތެރިވެދިނުމަށާއި، ހަމަނުޖެހުން ތަކަށް ފަހު، ޓްރަމްޕް އިސްވެ ހުރެ ޣައްޒާގެ ބާރުތައް ނަގައި، ޙަމާސްގެ ހަތިޔާރުތައް އަތުލުމަށް ރާވާފައިވާ ޕްލޭން އިފްތިތާހް ކުރުމުގައި ބައިވެރިވެ ސޮއިކުރީ ދައުވަތު ލިބުނު ބައެއް ގައުމުތަކުގެ މަންދޫބުންނެވެ. އޭގެތެރޭގައި މޮރޮކޯ އާއި ގަތަރުގެ ވަޒީރުން ހިމެނެއެވެ.
ބޯޑުގެ ޗާޓަރުގައި ދުނިޔޭގެ ހަމަޖެހުން ގާއިމް ކުރުމަށް އަމާޒުކޮށްގެން އެކުލަވާލާފައިވާ އޮނިގަނޑެއް ވެސް ބަޔާންކޮށްފައި ވެއެވެ.
އެމެރިކާ ފިޔަވައި އދ.ގެ ސަލާމަތީ މަޖިލީހުގެ ދާއިމީ އެއްވެސް މެންބަރަކު އަދި މި ބޯޑުގައި ބައިވެރިވުމަށް ނިންމާފައެއް ނުވެ އެވެ






