މި އަހަރުގެ ރޯދަ ހަދިޔާގެ ގޮތުގައި ގޭބީސީތަކަށް ސަރުކާރުން ދޭން ނިންމާފައިވާ މަސްދަޅު ކޭސް އަންނަ ހޮނިހިރު ދުވަހުން ފެށިގެން ބަހަން ފަށާނެ ކަމަށް ސިޓީސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.
ރޯދަ ހަދިޔާ ބެހުމުގެ މަސައްކަތްތަކާ ގުޅޭގޮތުން މައުލޫމާތު ދެއްވުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ ސަރުކާރުން ރޯދަ ހަދިޔާގެ ގޮތުގައި ދޫކުރާ މަސްދަޅު ކޭސް ބެހުމުގެ އެންމެހާ ތައްޔާރީތައް ނިމިފައިވާކަމަށެވެ. އެތުން، މިއަދު މެންދުރު 12:00 އިން ފެށިގެން އެކަަމަށް ހާއްސަ ޕޯޓަލް އެއް މެދުވެރިކޮށް ނަންބަރު ނެގޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައިވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ އެކަމަށް ހާއްސަ ޕޯޓަލް އެއް ހެދުމުގެ ބޭނުމަކީ ކިޔުގައި ޖެހުމުގެ އުނދަގުލެއް ނެތި އާންމުންނަށް ފަސޭހަކަމާއެކު މަސްދަޅު ކޭސް ލިބޭނެ ގޮތް ހެދުން ކަމަށެވެ. އަދި ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް އަންނަ ހޮނިހިރު ދުވަހުން ފެށިގެން މަސްދަޅު ކޭސް ބެހުމުގެ ކަންކަން ފަށާނެ ކަމަށްވެސް ވިދާޅުވި އެވެ.
ރަށްރަށުގައި މިކަން ކުރިއަށްދާނީ އެސްޓީއޯ އާއި ކައުންސިލްތައް ގުޅިގެން، ރަށުގެ ގޭބިސީތަކުގެ ލިސްޓަށް ބަލައިގެންނެވެ. މާލެ ސަރަހައްދުގައި މަސްދަޅު ކޭސް ދޫކުރުމަށް ހަމަޖެހިފައިވަނީ ކޮންމެ ފެން މީޓަރަކަށް ކޭހެއްގެ އުސޫލުންނެވެ.
މިއަހަރުގެ ރޯދަމަހު މަހު ޖުމްލަ 118,673 ގޭބިސީއަކަށް މަސްދަޅު ކޭސް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. މީގެ ތެރޭގައި އަތޮޅުތަކުގެ 56,918 ގޭބިސީއާއި މާލެ ސަރަހައްދުގެ 61,755 ގޭބިސީ ހިމެނެ އެވެ.
މިނިސްޓަރު ޝަރީފް ވިދާޅުވި ގޮތުގައި، ހުރިހާ ގޭބިސީއަކަށްވެސް މަސްދަޅު ކޭސް ލިބޭނެކަން ސަރުކާރުން ކަށަވަރު ކުރާނެ އެވެ. މިކަމުގައި ބަލާނީ މާލޭގައި ކަރަންޓު މީޓަރުތަކަށް ކަމަށާއި، ރަށްރަށުގައި ކައުންސިލްތަކުގެ އަތުގައި ހުރި ގޭބިސީތަކުގެ މައުލޫމާތަށް ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
މާލެ ސަރަހައްދުގައި މަސްދަޅު ދޫކުރުމަށް 15 މަރުކަޒެއް ވަނީ ކަނޑައަޅާފަ އެވެ. މާލޭގައި މިފްކޯ މަރުކަޒު، ސޯޝަލް ސެންޓަރު، އެމްޓީސީސީ ސޯ މިލް، ހެންވޭރު ދަނޑު އަދި ގަލޮޅު ދަނޑުގެ ހަތަރު ސަރަހައްދަކުން މަސްދަޅުކޭސްތައް ލިބޭނެ އެވެ. ހުޅުމާލޭގައި އުމަރު ޒާހިރު ބިލްޑިން، ޕޮލްކޯ، މުހައްމަދު ގާސިމް ޕްރީ ސްކޫލް، ކާމިލް ދީދީ ސްކޫލް، ހިޔާ ޓަވަރު 10 އަދި ވިނަރެސް ފްލެޓްތަކުން ދޫކުރާ އިރު، ވިލިމާލޭގައި މިކަން ކުރިއަށްދާނީ ވެމްކޯ ސައިޓުގަ އެވެ.
މާލެ ސަރަހައްދުގައި މަސްދަޅު ކޭސް ދޫކުރާނީ އަންނަ މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށެވެ. މަސްދަޅު ކޭސް ދޫކުރާނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ރެއަކު 20:30 އިން 23:00 އަށެވެ. ކޮންމެ ގޭބިސީއަކަށް 48 ދަޅުގެ ކޭހެއް ދިނުމަށް ނިންމާފައިވާއިރު، މިއަހަރުގެ އިންތިޒާމުތައް ކުރިއަށްވުރެ ބޮޑަށް ލުއިފަސޭހަވާނެ ކަމުގެ ޔަގީންކަން ވަޒީރު ވަނީ ދެއްވާފަ އެވެ.










