މި އަހަރު އެކަނި ވެސް އަތޮޅުތަކުގެ ސްކޫލްތަކުން މާލޭ ސަރަހައްދުގެ ސްކޫލްތަކަށް 1،500 އަށްވުރެ ގިނަ ދަރިވަރުން ބަދަލުވެފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، އަތޮޅުތަކުގެ ސްކޫލްތަކުން މާލޭގެ ސްކޫލްތަކަށް ޖުމްލަ 1،530 ދަރިވަރުން ބަދަލުވެފައިވެ އެވެ. މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އަތޮޅުތެރޭގެ ސްކޫލްތަކުން ހުޅުމާލޭގެ ސްކޫލްތަކަށް 753 ދަރިވަރުން، މާލޭގެ ސްކޫލްތަކަށް 694 ދަރިވަރުން އަދި ވިލިމާލޭގެ ސްކޫލްތަކަށް 83 ދަރިވަރަކު ބަދަލުވެފައިވެ އެވެ.
މާލޭ ސަރަހައްދުގެ ސްކޫލްތަކުން ގްރޭޑު އެކަކަށް ވަނުމަށް 1،748 ދަރިވަރުން އެދިފައިވާއިރު، އަތޮޅުތަކުގެ ސުކޫލްތަކުން ގްރޭޑު އެކަކަށް ވަނުމަށް 3،042 ދަރިވަރުން އެދިފައިވެ އެވެ. މީގެ އިތުރުން މާލޭގެ ސްކޫލަކުން ހުޅުމާލޭގެ ސްކޫލަކަށް ބަދަލުވުމަށް ޖުމްލަ 836 ދަރިވަރުން ވަނީ އެދިފަ އެވެ.
އަތޮޅުތަކުން މާލޭގެ ސްކޫލްތަކަށް ބަދަލުވުމަށް ބޭނުންވާ ދަރިވަރުންގެ ޖާގައަށް ހުޅުވާލި މުއްދަތު އިއްޔެ ހަމަވެފައިވާއިރު، ފާހަގަކޮށްލެވޭ އެއްކަމަކީ ކޮންމެ އަހަރަކު ވެސް ތައުލީމް ހާސިލުކުރުމަށް މާލެއަށް ބަދަލުވާ އާއިލާތައް އެއްދުވަހުން އަނެއް ދުވަހަށް އިތުރުވަމުންދާ ކަމެވެ.
މި އަހަރުގެ ދިރާސީ އާ އަހަރުގެ ކިޔެވުން މި މަހުގެ 27 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާއިރު ސްކޫލްތައް ހުޅުވުމުގެ ކުރިން ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައްވުމުގެ މަސައްކަތް އެޑިއުކޭޝަން މިނިސްޓްރީން އަންނަނީ ވަމުންނެވެ. އެގޮތުން ދަރިވަރުންނަށް ބޭނުންވާ ޓެކްސްޓް ފޮތްތައް ލިބިފައިވާކަން ކަށަވަރު ކުރުމުގެ ގޮތުން، ސްކޫލްތަކާއި އެޑިއުކޭޝަން މިނިސްޓްރީ ގުޅިގެން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.









