އިސްދޫ އަދި ތިމަރަފުށިން އަތޮޅު ޗެމްޕިއަންކަން ދިފާއުކޮށްފި

އައިޝަތު ރުވާ ރިފްޢަތު | 2 ދުވަސް ކުރިން - 22 ޖެނުއަރީ 2026 09:03
ޗެމްޕިއަންކަން ހޯދި ތިމަރަފުށި އަދި އިސްދޫއިން އުފާފާޅުކުރަނީ. / ފޮޓޯ: އިމޭޖަސް.އެމްވީ
ޗެމްޕިއަންކަން ހޯދި ތިމަރަފުށި އަދި އިސްދޫއިން އުފާފާޅުކުރަނީ. / ފޮޓޯ: އިމޭޖަސް.އެމްވީ
ޚުލާސާ

އިސްދޫ އިން ޗެމްޕިއަންކަން ހޯދީ ޕެނަލްޓީ ޖަހައި 6-7 ގެ ނަތީޖާއިން ގަން ބަލިކޮށްގެން. ތިމަރަފުށިން ޗެމްޕިއަންކަން ހޯދީ 1-2 ގެ ނަތީޖާއިން ކިނބިދީ ބަލިކޮށްގެން.

ގޯލްޑަން ފުޓްސަލް ޗެލެންޖުގައި ލ. އިސްދޫ އަދި ތ. ތިމަރަފުށިން އަތޮޅު ޗެމްޕިއަންކަން ދިފާއުކޮށްފި އެވެ.

ރާއްޖޭގައި ކުރިއަށްދާ އެންމެ ބޮޑު ފުޓްސަލް މުބާރާތުގެ އަތޮޅު ފައިނަލުގައި އިސްދޫ އިން ވާދަކޮށްފައިވަނީ ގަމާ އެވެ. ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ނަތީޖާ ނެރެފައިވަނީ ޕެނަލްޓީ ޖަހައިގެން 6-7 ގެ ނަތީޖާ އިންނެވެ. މެޗުގެ ފުރިހަމަ މިނެޓު ހަމަވިއިރު ނަތީޖާއަކީ 1-1 އެވެ. އިސްދޫގެ ގޯލު ޖަހާފައިވަނީ އަލީ ހުމޭޒު އެވެ. އަދި ގަމުގެ ގޯލު ޖެހީ އަހްމަދު އަޖުވަދު އެވެ. ޕެނަލްޓީ ޝޫޓްއައުޓުގައި އިސްދޫގެ ޕެނަލްޓީތައް ކާމިޔާބުކޮށްފައިވަނީ ލޫތު، ހުމޭޒު، އަފްސަމް، ހޫދު، މީސާގު އަދި ސާމިނު އެވެ. ގަމުގެ ޕެނަލްޓީތައް ވައްދާލާފައިވަނީ ހަލީމް، ނާޝިދު، ޖިނާހު، އަރުޝަދު އަދި ޒައިދާން އެވެ. މިދިޔަ އަހަރު ވެސް މި އަތޮޅުގެ ފައިނަލުގައި ވާދަކުރީ މި ދެ ރަށެވެ. އެ ފަހަރު ޕެނަލްޓީ ޝޫޓްއައުޓް އިސްދޫއިން ކާމިޔާބުކުރީ 3-4 ގެ ނަތީޖާއިންނެވެ.

ތ. އަތޮޅުގެ ފައިނަލުގައި ތިމަރަފުށިން ވާދަކޮށްފައިވަނީ ކިނބިދޫއާ އެވެ. ތިމަރަފުށިގެ ގޯލުތައް ޖަހާފައިވަނީ އަހްމަދު ނާސިހު އަދި އަފްލާޒެވެ. ކިބިދޫގެ ހަމައެކަނި ގޯލު ޖެހީ ޝާފިއު އެވެ. މިއީ ތިމަރަފުށިން އަތޮޅު ތަށި ކާމިޔާބުކުރި ތިން ވަނަ ފަހަރެވެ. ޖުމްލަ އަށް ފަހަރު އެ ރަށުން އަތޮޅު ތަށި ކާމިޔާބުކޮށްފައިވެ އެވެ.

ލ. އަތޮޅު ފައިނަލުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފައިވަނީ އިސްދޫގެ ހުމޭޒު އެވެ. އަދި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ މަގާމާއި އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ އިސްދޫގެ މީސާގު އެވެ.

ތ. އަތޮޅު ފައިނަލުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފައިވަނީ އާދަމް ނާސިހް އެވެ. އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ މަގާމު ކިނބިދޫގެ މުހައްމަދު ޝާފިއު ހޯދާފައިވާއިރު އަތޮޅު މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ ތިމަރަފުށީގެ އަހްމަދު އަފްލާޒެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%