މަސްތުވާތަކެތީގެ މައްސަލައަކާ ގުޅިގެން ލ. ގަމުން ދެ މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ލ. ގަން، ތުނޑި / ޖަވާހިރުވިލާ، ހުސައިން އާމިރު (47އ) އާއި ލ. ގަން، ތުނޑި / ރޯސް، އާމިނަތު ނިއުމާ (43އ) ކަމަށެވެ. މި ދެ މީހުން ހައްޔަރުކޮށްފައިވަނީ މި މަހުގެ 15 ވަނަ ދުވަހު ރަށުތެރެ ޕެޓްރޯލުކުރަމުން ދިޔައިރު، ހުއްޓުވައި ބަލައިފާސްކޮށްފައި ކަމަށްވެސް ފުލުހުން ވަނީ ބުނެފަ އެވެ.
ފުލުހުން ބުނީ އެ މީހުންގެ އަމަލުތައް ހުރިގޮތުން ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 18 ރަބަރު ޕެކެޓު ފެނިފައިވާ ކަމަށެވެ. މި މައްސަލައާ ގުޅިގެން އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ ހުސައިން އާމިރު ފަސް ދުވަހަށް އަދި އާމިނަތު ނިއުމާ 15 ދުވަހަށް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފަ އެވެ.
ފުލުހުން ގެންދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.






