ޣައްޒާ ހަނގުރާމައިގެ ސަބަބުން ސުއޭޒް ކެނަލުން މިސްރަށް ނުވަބިލިއަން ޑޮލަރު ގެއްލުނު

ހުސައިން އިސްމާއިލް | 3 ދުވަސް ކުރިން - 21 ޖެނުއަރީ 2026 22:58
މިހާރު ކުރިޔަށްދާ ވޯލްޑް އިކޮނޮމިކް ފޯރަމްގައި މިޞްރުގެ ރައީސް ސީސީ. (21 ޖަނަވަރީ 2026)
މިހާރު ކުރިޔަށްދާ ވޯލްޑް އިކޮނޮމިކް ފޯރަމްގައި މިޞްރުގެ ރައީސް ސީސީ. (21 ޖަނަވަރީ 2026)
ޚުލާސާ

ސިސީ ވިދާޅުވީ ޣައްޒާ ހަނގުރާމައިގެ ސަބަބުން ސުއޭޒް ކެނަލްގެ ޝިޕިން ރޫޓަށް ވަރަށް ބޮޑަށް އަސަރު ކުރި ކަމަށް

ޣައްޒާގައި އިސްރާއީލުން ހިންގި ހަނގުރާމައާއި ގުޅިގެން ދެ އަހަރު ދުވަހުގެ ތެރޭގައި ސުއޭޒް ކެނަލް އިން މިސްރަށް ވަންނަން ޖެހޭ ނުވަ ބިލިއަން ޑޮލަރު ގެއްލިފައިވާ ކަމަށް މިސްރުގެ ރައީސް އަބްދުލް ފައްތާހު އަލް ސީސީ ވިދާޅުވެއްޖެއެވެ. 

ސްވިޒަލޭންޑްގައި މިހާރު ކުރިއަށްދާ ވޯލްޑް އިކޮނޮމިކް ފޯރަމް ގައި ވާހަކަ ދައްކަވަމުން ސިސީ ވިދާޅުވީ ޣައްޒާ ހަނގުރާމައިގެ ސަބަބުން ސުއޭޒް ކެނަލްގެ ޝިޕިން ރޫޓަށް ވަރަށް ބޮޑަށް އަސަރު ކުރި ކަމަށެވެ.

އެމެރިކާގެ ތާއީދާއެކު އިސްރާއީލުން 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ޣައްޒާއާ ދެކޮޅަށް ފެށި ހަނގުރާމަ ނިންމާލި އިރު ފަލަސްތީނުގެ 71،000 އަށް ވުރެ ގިނަ މީހުން ޝަހީދުވެ، 171،000 އަށް ވުރެ ގިނަ މީހުން ޒަހަމްވެފައި ވެއެވެ.

ހަނގުރާމަ ހުއްޓާލުމަށް އޮކްޓޯބަރު 10 ވަނަ ދުވަހު އަމަލުކުރަން ފެށި ނަމަވެސް އިސްރާއީލުން ވަނީ އެއްބަސްވުމާއި އެތައް ފަހަރަކު ހިލަފު ވެފައެވެ. ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވި ފަހުން ވެސް ޒައެނިސްޓުން ވަނީ ފަލަސްތީނުގެ 483 މީހުން ޝަހީދުކޮށް 1،294 މީހުން ޒަހަމް ކޮށްލާފައެވެ.

ގާތްގަނޑަކަށް 2.4 މިލިއަން ފަލަސްތީނު މީހުން ދިރިއުޅޭ ޣައްޒާއަށް ކާބޯތަކެއްޗާއި ބޭހާއި ސިއްހީ ސާމާނާއި ބޯހިޔާވަހިކަމާއި އެނޫންވެސް ބޭނުން ތައް ފުއްދުމަށް އިސްރާއީލުން ވަނީ ހުރަސް އަޅާފައެވެ.

ޣައްޒާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ ދެވަނަ ފިޔަވަހި ފެށުމާ ގުޅިގެން އެމެރިކާއިން ކުރި އިއުލާނަށް ސީސީ ވަނީ މަރުހަބާ ވިދާޅުވެފައެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%