އެމެރިކާގެ މަޝްހޫރު ރެޕް ލަވަކިޔުންތެރިޔާ ކާންޔޭ ވެސްޓްގެ ފުރަތަމަ އޮފިޝަލް ކޮންސާޓް އަންނަ އެޕްރީލް މަހު އިންޑިއާގައި ބޭއްވުމަށް ތައްޔާރުވަމުން އަންނަކަމަށް ރިޕޯޓްތައް ބުނެފި އެވެ.
އިންޑިއާގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ދުނިޔޭގެ ފެންވަރުގެ ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ރެޕް އާޓިސްޓް އަދި މިއުޒިކް ޕްރޮޑިއުސަރު ކާންޔޭ، އޭނާގެ ވޯލްޑް ޓުއާގެ ތެރެއިން އިންޑިއާގައި ޝޯއެއް ބޭއްވުމަށް މިހާރު ދަނީ ރާވަމުންނެވެ. މިއީ ކާންޔޭ އިންޑިއާގައި ލައިވްކޮށް ޕާފޯމްކުރާ ފުރަތަމަ ފަހަރަށް ވާނެތީ، މިއީ އޭނާގެ ފޭނުންނަށް ލިބިގެންދާނެ ވަރަށް ބޮޑު އުފަލެކެވެ.
މި ޝޯއާ ބެހޭ ގޮތުން މިހާތަނަށް ލިބިފައިވާ މައުލޫމާތުތަކަށް ބަލާއިރު، ޝޯ ބާއްވާނެ ވަކި ސިޓީއެއް ނުވަތަ ޓިކެޓްގެ އަގުތަކާ ބެހޭ އެއްވެސް ތަފްސީލެއް އަދި ރަސްމީކޮށް އިއުލާންކޮށްފައެއް ނުވެ އެވެ. ނަމަވެސް ކުރިއަށް އޮތް ހަފުތާތަކުގެ ތެރޭގައި މިކަމާ ގުޅޭ އިތުރު މައުލޫމާތުތައް ހާމަކުރާނެ ކަމަށް ބެލެވެއެވެ.
މީގެ ކުރިން ކާންޔޭ ވަނީ ދެ ފަހަރެއްގެ މަތިން އިންޑިއާއަށް ޒިޔާރަތްކޮށްފަ އެވެ. އެގޮތުން 2009 ވަނަ އަހަރު އޭނާގެ އަމިއްލަ ދަތުރެއްގައި އިންޑިއާއަށް ގޮސްފައިވާއިރު، 2012 ވަނަ އަހަރު އޭނާގެ އަމިއްލަ ފެޝަން ބްރޭންޑް އިޝްތިހާރު ކުރުމަށް މުމްބާއީއަށް ވެސް ދަތުރުކޮށްފައިވެ އެވެ.
ޖުމްލަ 24 ގްރެމީ އެވޯޑް ހާސިލްކޮށްފައިވާ ކާންޔޭ އަކީ މި ޒަމާނުގެ މިއުޒިކީ އެކި ސްޓައިލްތަކަށް ބޮޑު ނުފޫޒެއް ފޯރުވާފައިވާ ފަންނާނެކެވެ. އޭނާގެ މަޝްހޫރު ލަވަތަކުގެ ތެރޭގައި "ސްޓްރޯންގާ"، "ގޯލްޑް ޑިގާ" އަދި "ގުޑް ލައިފް" ފަދަ ކާމިޔާބު ލަވަތައް ހިމެނެ އެވެ.






