ޕާކިސްތާނުގެ ކަރާޗީގައި ހުންނަ ގުލް ޕްލާޒާ ޝޮޕިން މޯލްގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، އެ ގައުމުގެ ބޮޑުވަޒީރު މުހައްމަދު ޝާހްބާޒް ޝަރީފަށް ތައުޒިޔާ ފޮނުއްވައިފި އެވެ.
ތައުޒިޔާގެ މެސެޖުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، އެ ހާދިސާގައި ގެއްލުން ލިބުނު އާއިލާތަކުގެ ހިތާމާގައި ބައިވެރިވެވަޑައިގަންނަވާ ކަމަށް ވިދާޅުވެ، ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި، ޕާކިސްތާނުގެ ބޮޑުވަޒީރަށާއި، ސަރުކާރަށާއި ރައްޔިތުންނަށް ތައުޒިޔާ ވިދާޅުވެ، ހަމްދަރުދީ ފާޅުކުރައްވައިފަ އެވެ.
މީގެ އިތުރުން މި ހިތާމަވެރި ދަނޑިވަޅުގައި، ހާދިސާގައި ޒަހަމްވެފައިވާ މީހުންނަށް އަވަސް ޝިފާއަކަށް އެދިވަޑައިގެން، ހާދިސާއިން ލިބުނު ގެއްލުމުން އަރައިގަތުމަށް ކުރާ މަސައްކަތްތަކުގައި ކާމިޔާބީއަށް އެދިވަޑައިގަންނަވާ ކަމަށް އެ މަނިކުފާނު ވަނީ ވިދާޅުވެފަ އެވެ.
ގާތްގަނޑަކަށް 1،200 ފިހާރަ ހުންނަ އެ މޯލުގައި ހިނގި އަލިފާނުގެ ހާދިސާގައި މަރުވި މީހުންގެ ތެރެއިން މިހާތަނަށް 26 މީހެއްގެ ހަށިގަނޑު ފެނިފައިވާއިރު، އަނދައި ހުލިވެފައިވާ ތަންތަނުގެ ތެރެއިން އިތުރު ހަށިތައް ފެނި، މަރުވެފައިވާ މީހުންގެ އަދަދު އިތުރުވެދާނެ ކަމަށް ބެލެވޭ ކަމަށް ކަމާބެހޭ ފަރާތްތަކާ ހަވާލާދީ އެ ގައުމުގެ މީޑިއާތަކުގައި ވަނީ ރިޕޯޓުކޮށްފަ އެވެ.
މި ހާދިސާގައި 80 އަށް ވުރެ ގިނަ މީހުން ވީނުވީ އެއް ނޭނގި ގެއްލިފައިވާއިރު، މިހާތަނަށް ފެނުނު ގިނަ ހަށިތަކަކީ ކޮން ބައެއްކަން ދެނެގަނެވިފައި ނުވާ ކަމަށް ކަމާބެހޭ ފަރާތްތަކާ ހަވާލާދީ އެ ގައުމުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވެ އެވެ.






