ގޯލްޑަން ފުޓްސަލް ޗެލެންޖުގައި ދެއްވަދޫ 0-3 އިން ބަލިކޮށް ގއ. އަތޮޅުގެ ޗެމްޕިއަންކަން ހަތަރު ވަނަ ފަހަރަށް ކަނޑުހުޅުދޫ ހޯދައިފި އެވެ. އަތޮޅު ޗެމްޕިއަންކަން ކަނޑުހުޅުދޫ މީގެ ކުރިން ހޯދާފައިވަނީ 2015، 2016، އަދި 2024 ގަ އެވެ.
މެޗުގައި ޖެހި ތިން ގޯލުވެސް ފެނިފައިވަނީ ފުރަތަމަ ހާފުގައި ކަމަށްވާއިރު ގޯލުތައް ޖަހާފައިވަނީ މުހައްމަދު ޒައިން ނިޔާޒް، އިބްރާހިމް ރާއިޝް އަބްދުލް އަޒީޒް އަދި އިސްމާއިލް އަންވާރު އެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފައިވަނީ ޒައިން ނިޔާޒެވެ.
މި މެޗުގައި ދެއްވަދޫ ޓީމުގެ ފަރާތުން ފެނިފައިވަނީ ދަށް ކުޅުމެކެވެ. ދެއްވަދޫ ޓީމުގެ މުހިންމު ކުޅުންތެރިންތަކެއް މިވަގުތު ތިބީ ގައުމީ ފުޓްސަލް ޓީމު ތަމްސީލު ތަމްސީލުކޮށްދިނުމުގެ ގޮތުން ތައިލަންޑުގަ އެވެ. އަތޮޅު ފައިނަލުގައި ދެއްވަދޫ ބަލިވި ނަމަވެސް މުބާރާތުން ނުކަޓާނެ އެވެ. ގޯލްޑަންގެ ގަވާއިދުގައިވާ ގޮތުން ރަނަރަޕް ޓީމު ވެސް ޒޯނުގެ ބުރަށް ދާނެ އެވެ.
ގއ. އަތޮޅުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ ކަނޑުހުޅުދޫގެ އަހްނަފު ނިޒާރެވެ. އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާ ވެސް ހޯދީ އޭނާ އެވެ.






