އަލީރަސްގެފާނު ފަދަ އަޒުމު ވަރުގަދަ ދަރިން ދިވެހި ޖީލުގެ ކަރާމާތް ނަގަހައްޓާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މި މޭރުމުން ވިދާޅުވީ އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގަ އެވެ. ރައީސް ކުރެއްވި ޕޯސްޓުގައި ވިދާޅުވީ، ދިވެހި ގައުމުގެ ދިފާއުގައި ހަނގުރާމައިގެ މައިދާނުގައި ޖިހާދު ކުރައްވަނިކޮށް އަލިރަަސްގެފާނު ޝަހީދުވިތާ މިއަދަށް މި ފުރުނީ 482 އަހަރު ކަމަށެވެ.


"ހިޖުރައިން 965 ވަނަ އަހަރުގެ ޝައުބާންމަހުގެ ފުރުތަމަ ދުވަހު ދުޝްމަނުންގެ ކުރިމައްޗަށް ނުކުމެވަޑައިގެން އެންމެ ފަހު ނޭވަޔާ ހަމަޔަށް މި ހިތްވަރުގަދަ ގައުމީ ބަތަލު ދެއްކެވި ހިތްވަރާއި ފަންވަރުގެ ރޫހު ތާއަބަދު މި ގައުމުގައި ދިރިދިރި ހުންނާނެ،" --- ރައީސް އެކްސްގައި ހިއްސާކުރެއްވި ޕޯސްޓުގައި ވިދާޅުވި އެވެ.
ގައުމަށްޓަކައި ޖިހާދު ކުރައްވައި ޝަހީދުވި ފަހުލަވާނުންނާއި، ގައުމީ ހިދުމަތުގައި ވާޖިބު އަދާކުރަމުން ދަނިކޮށް ޝަހީދުވި ހިތްވަރުގަދަ ކެރޭ ދަރީންގެ ފަނޑުވުމެއް ނެތް ޒިކުރާ އާކުރަނީ ޝުކުރުވެރިކަމާއެކުގައި ކަމަށާއި އަލީރަސްގެފާނު ފަދަ އަޒުމު ވަރުގަދަ ދަރިން ދިވެހި ޖީލުގެ ކަރާމާތް ނަގަހައްޓާނެ ކަމަށް އެމަނިކުފާނު ކުރެއްވި ޕޯސްޓުގައި ވިދާޅުވި އެވެ.
ޝަހީދުންގެ ދުވަސް ފާހަގަކުރަނީ ގައުމަށްޓަކައި ޝަހީދުވެ ގޮސްފައިވާ ގައުމީ އަބްތާލުންގެ ހިދުމަތްތަކުގެ ހަނދާންކޮށް އެ އަބްތާލުންގެ ޒިކުރާ އާލާކުރުމަށެވެ. ޝަހީދުންގެ ދުވަސް ނިސްބަތްވެވަޑައިގަންނަވަނީ ގައުމުގެ މިނިވަންކަމާއި ދީނަށްޓަކައި ޕޯޗްގީޒުންނާ ދެކޮޅަށް ހަނގުރާމަ ކުރައްވައި އަލީރަސްގެފާނު ޝަހީދުވެވަޑައިގެންނެވި ދުވަހަށެވެ. އެއީ ހިޖުރައިން 965 ވަނަ އަހަރުގެ ޝައުބާން މަހުގެ ފުރުތަމަ ދުވަހެވެ.








