ސްޕެއިންގައި ހިނގި ހައި ސްޕީޑް ރޭލު އެކްސިޑެންޓާއި ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު، އެގައުމުގެ ބޮޑުވަޒީރު ޕެޑްރޯ ސަންޗޭޒް ޕޭރެޒް ކަސްތެހޯންއަށް ތައުޒިޔާގެ މެސެޖެއް ފޮނުއްވައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، އެތައް ފުރާނައެއް ގެއްލި، ގިނަ ބަޔަކު ޒަހަމްވި އެ ނުރައްކާތެރި އެކްސިޑެންޓާ ގުޅިގެން ނުހަނު ފުން ހިތާމައެއް ލިބިވަޑައިގެންނެވިކަން ހާމަކުރައްވައި، ސްޕެއިން ސަރުކާރަށާ، ރައްޔިތުންނަށް، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި، ތައުޒިޔާ ވަނީ ވިދާޅުވެފަ އެވެ.
އަދި މި ހާދިސާގައި، ނިޔާވި ފަރާތްތަކުގެ އާއިލާތަކަށް ތައުޒިޔާ ވިދާޅުވެ، ޒަހަމްވި މީހުންނަށް އަވަސް ޝިފާއަކަށް އެދިވަޑައިގެން ހާދިސާގައި ލިބުނު ގެއްލުންތަކުން އަރައިގަތުމަށްޓަކައި، ކުރެވެމުންދާ މަސައްކަތްތައް ކާމިޔާބު ވުމަށް ވެސް އެދިވަޑައިގެންފައިވެ އެވެ.
މިދިޔަ އާދީއްތަ ދުވަހުގެ ރޭ ސްޕެއިންގައި ދެ ރޭލެއް ޖެހި ހިނގި އެކްސިޑެންޓުގައި މިހާތަނަށް 39 މީހަކު މަރުވެފައިވާކަން އެގައުމުގެ އޮފިޝަލުން ވަނީ ކަށަވަރުކޮށްދީފަ އެވެ. އެކްސިޑެންޓުވި އެއް ރޭލުގައި 300 އެއްހާ ޕަސިންޖަރުން ތިބިއިރު ދެވަނަ ރޭލުގައި 200 އެއްހާ ޕަސިންޖަރުން ތިބި ކަމަށް މަސްދަރުތަކުން ބުނެ އެވެ.
މިހާދިސާގައި ޒަހަމްވި އެތައް ބަޔަކު ހޮސްޕިޓަލްތަކަށް ގެންގޮސް ފަރުވާދެމުން އަންނަ އިރު ވީނުވީއެއް ނޭނގި އެތައް ބަޔަކު ގެއްލިފައިވާކަމަށް ވެސް އެ ގައުމުގެ އޮފިޝަލުންނާ ހަވާލާދީ މަސްދަރުތައް ބުނެ އެވެ. އަދި ގެއްލިފައިވާ މީހުން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ އިރު، މަރުވި މީހުންގެ އަދަދު އިތުރުވެދާނެ ކަމުގެ އިންޒާރު ސްޕެއިންގެ އޮފިޝަލުން ވަނީ ދީފަ އެވެ.






