ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޑެންގީ ހުމާއި ނޭވާލާ ނިޒާމަށް ޖެހޭ ބަލިތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފި އެވެ.
އެޗްޕީއޭ އިން ހާމަކުރި ގޮތުގައި، ޑެންގީއާއި ނޭވާލާ ނިޒާމުގެ އުނދަގޫތައް ހުންނަ މީހުން ރިޕޯޓްކުރާ މިންވަރު މިހާރު ވަނީ މައްޗަށް ގޮސްފަ އެވެ. މީގެ އިތުރުން މާލޭ ސަރަހައްދުގައި ބޭރަށް ހިންގުމާއި ހޮޑުލުމުގެ ބަލިމަޑުކަން ފެތުރެމުންދާކަން ތަފާސްހިސާބުތަކުން އެނގެން އޮތް ކަމަށްވެސް އެޗްޕީއޭއިން ފާހަގަކުރި އެވެ. އެހެންކަމުން ބަލިތަކުން ރައްކާތެރިވެ، ބަލި ފެތުރުން ހުއްޓުވުމަށްޓަކައި ހާއްސަ ސަމާލުކަމެއް ދިނުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ.
އަރިދަފުސް ރޯގާއިން ސަލާމަތްވުމަށްޓަކައި، ގިނަ މީހުން އެއްވާ ތަންތަނުގައި އުޅޭއިރު މާސްކު އެޅުމާއި، ސައިބޯނިލައިގެން އަތްދޮވުން ނުވަތަ ސެނިޓައިޒާ ބޭނުންކުރުން މުހިންމެވެ. އަދި ބަލި މީހުންނާއި ކުޑަކުދިންނާ ބައްދަލުކުރުމުން ދުރުހެލިވުމަށާއި، ބަލީގެ އަލާމާތްތައް ހުރިނަމަ ރަނގަޅުވަންދެން އާންމު ތަންތަނަށް ނުދިއުމަށް ވަނީ އަންގާފަ އެވެ.
އަދި މަދިރީގެ ޒަރިއްޔާއިން ފެތުރޭ ޑެންގީ ހުމުން ރައްކާތެރިވުމަށްޓަކައި، މަދިރި އާލާވާ ފަދަ ފެން ހަރުލާ ތަންތަން ސާފުކުރުމަށާއި، މަދިރި ހެފުމުން ސަލާމަތްވުމަށް ލޯޝަން ފަދަ ތަކެތި ބޭނުންކުރުމަށް އެޗްޕީއޭއިން ވަނީ ލަފާދީފަ އެވެ.
އޭގެ އިތުރުން ބޭރަށް ހިންގުމާއި ހޮޑުލުމުން ސަލާމަތްވުމަށްޓަކައި، ކާބޯތަކެތި ތައްޔާރުކުރުމުގެ ކުރިންނާއި ފާހާނާ ކުރުމަށްފަހު ރަނގަޅަށް އަތްދޮވުމަށާއި، ކާނާ މަތިޖަހާފައި ބެހެއްޓުމަށް ސަމާލުކަން ދޭންޖެހޭ ކަމަށާއި ބަލި ޖެހިއްޖެނަމަ ގިނަގިނައިން ދިޔާ ތަކެތި ބޭނުންކުރުމަށް އެޗްޕީއޭ އިން ވަނީ އިރުޝާދު ދީފަ އެވެ.
އެޗްޕީއޭގެ ހިސާބުތަކުން ދައްކާގޮތުގައި، ވޭތުވެދިޔަ މަހު ޑެންގީ ހުން ޖެހުނު މީހުންގެ އަދަދު ވަނީ އޭގެ ކުރީ މަހަށްވުރެ އިތުރުވެފަ އެވެ. ޑެންގީގެ އިތުރުން އިންފްލުއެންޒާއާއި އަރިދަފުސް ރޯގާގެ ކޭސްތައް ވެސް މިދުވަސްވަރު ދަނީ އިތުރުވަމުންނެވެ.






