ނިމިދިޔަ އަހަރުގެ ބަޖެޓް ޑެފިސިޓް ކުރީ އަހަރާ އަޅާބަލާއިރު 73.5 އިންސައްތަ ކުޑަ

އައިޝަތު ރުވާ ރިފްޢަތު | 5 ދުވަސް ކުރިން - 19 ޖެނުއަރީ 2026 20:42
ވެލާނާ އެއާޕޯޓުގައި ފަތުރުވެރިން. ޓީޖީއެސްޓީން ދައުލަތަށް ބޮޑު އާމްދަނީއެއް 2025 ވަނަ އަހަރު ލިބިފައިވޭ---ފޮޓޯ: ޚުލާސާ
ވެލާނާ އެއާޕޯޓުގައި ފަތުރުވެރިން. ޓީޖީއެސްޓީން ދައުލަތަށް ބޮޑު އާމްދަނީއެއް 2025 ވަނަ އަހަރު ލިބިފައިވޭ---ފޮޓޯ: ޚުލާސާ
ޚުލާސާ

ހިލޭ އެހީއާއި އާމްދަނީގެ ގޮތުގައި މިދިޔަ އަހަރު 39.6 ބިލިއަން ރުފިޔާ ލިބިފައިވާއިރު، ޖުމްލަ ހަރަދު ހުރީ 43.1 ބިލިއަން ރުފިޔާގައި.

މިދިޔަ އަހަރުގެ ނިޔަލަށް ދައުލަތުގެ ބަޖެޓަށް ލިބުނު އާމްދަނީއާއި ހަރަދުތައް ދައްކުވައިދޭ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓުން ދައްކާގޮތުގައި ދައުލަތުގެ ހަރަދު ކުރީ އަހަރާ އަޅާބަލާއިރު 73.5 އިންސައްތައިގެ ދަށްވެއްޖެ އެވެ. އެގޮތުން ދައުލަތުގެ އޯވަރޯލް ޑެފިސިޓް ވަނީ 2024 ވަނަ އަހަރާ އަޅާބަލާއިރު 9.6 ބިލިއަން ރުފިޔާ ދަށްވެފަ އެވެ.

ނިމިދިޔަ އަހަރުގެ ނިޔަލަށް ދައުލަތަށް ލިބުނު އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި 39.6 ބިލިއަން ރުފިޔާ ލިބިފައިވާއިރު މިއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 12.9 އިންސައްތަ ކުރިއެރުމެކެވެ.

ނިމިދިޔަ އަހަރަށް ދައުލަތުން އަންދާޒާ ކޮށްފައިވާ އާމްދަނީއަކީ 39.8 ބިލިއަން ރުފިޔާ އެވެ. ހިލޭ އެހީގެ ގޮތުގައި މިދިޔަ އަހަރު ލިބޭނެ ކަމަށް 2.6 ބިލިއަން ރުފިޔާ އަންދާޒާކުރި ނަމަވެސް، ލިބިފައިވަނީ 415.2 މިލިއަން ރުފިޔާ އެވެ.

ހިލޭ އެހީގެ ގޮތުގައި ލިބުނު މިންވަރު އަންދާޒާކުރި ވަރަށް ނުލިބުނު ނަމަވެސް ޓެކްސް ނޫން އާމްދަނީގެ ގޮތުގައި ލިބުނު މިންވަރު ވަނީ ދެ ބިލިއަން ރުފިޔާ އިތުރަށް ލިބިފަ އެވެ. ޓެކްސްގެ ގޮތުގައި 29.2 ބިލިއަން ރުފިޔާ ލިބުނުއިރު މިއީ ކުރީ އަހަރާ އަޅާބަލާއިރު 10.6 އިންސައްތަ ކުރިއެރުމެކެވެ. މީގެ ތެރޭގައި ޓީޖީއެސްޓީގެ ގޮތުގައި 11 ބިލިއަން ރުފިޔާ ލިބިފައިވާއިރު މިއީ ކުރީ އަހަރާ އަޅާބަލާއިރު 15.2 އިންސައްތަ އިތުރުވުމެކެވެ. އަދި ޓެކްސް ނޫން ގޮތުގައި 10 ބިލިއަން ރުފިޔާ ލިބިފައިވާއިރު މިއީ ކުރީ އަހަރާ އަޅާބަލާއިރު 24 އިންސައްތަ ކުރިއެރުމެކެވެ. އަދި މިއީ ލަފާކުރި އާމްދަނީއަށްވުރެ ދެ ބިލިއަން ރުފިޔާގެ އިތުރުވުމެއްކަން ވެސް ފާހަގަކޮށްލެވެ އެވެ.

ދައުލަތުގެ ޖުމްލަ ހަރަދު 2025 ގެ ނިޔަލަށް ހުރީ 43.1 ބިލިއަން ރުފިޔާގަ އެވެ. މިއީ 2024 ވަނަ އަހަރުގެ 48.2 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 10.6 އިންސައްތަ ދަށްވުމެކެވެ. ދައުލަތުގެ މުވައްޒަފުންގެ މުސާރަ އެއްހަމަ ކުރުން ފަދަ ސިޔާސަތުތައް މިދިޔަ އަހަރު ތަންފީޒުކުރަން ފަށުމުގެ ސަބަބުން ރިކަރަންޓް ހަރަދުތައް ވަނީ 36.3 އަށް އަރާފަ އެވެ. އެހެންކަމުން މިއީ ކުރީ އަހަރާ އަޅާބަލާއިރު 4.1 އިންސައްތަ އިތުރުވުމެކެވެ.

ކެޕިޓަލް ހަރަދަށް ބަލާއިރު މި އަދަދު މިދިޔަ އަހަރު ހުރީ 6.8 ބިލިއަން ރުފިޔާގަ އެވެ. މިއީ ކުރީ އަހަރާ އަޅާބަލާއިރު 48.8 އިންސައްތައިގެ ދަށްވުމެކެވެ. ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ހަފްތާ ރިޕޯޓުން ދައްކާ ގޮތުގައި މިދިޔަ ހަފްތާގައި ކެޕިޓަލް ހަރަދު އިތުރުވެފައިވަނީ މަގުތަކާއި، ބްރިޖު އަދި އެއާޕޯޓުތައް ތަރައްގީކުރުން ފަދަ މަޝްރޫއުތަކަށް ކުރި ހަރަދުތަކުގެ ސަބަބުންނެވެ. ޖުމްލަ ހަރަދު ވަކި މިންގަނޑެއްގައި ހިފަހައްޓަމުން ވެސް އުމްރާނީ ތަރައްގީއަށް އިސްކަންދޭ މިންވަރު މިއިން ފާހަގަކުރެވެ އެވެ.

ދައުލަތުގެ ބަޖެޓު އޯވަރޯލް ޑެފިސިޓް 2024 ވަނަ އަހަރު ހުރީ 13.1 ބިލިއަން ރުފިޔާގަ އެވެ. މި އަދަދު މިދިޔަ އަހަރު ވަނީ 3.5 ބިލިއަން ރުފިޔާ އަށް ކުޑަކުރެވިފަ އެވެ. މިއީ ދައުލަތުގެ ހަރަދުތައް ކޮންޓްރޯލް ކުރެވި އާމްދަނީ އިތުރުކުރުމަށް ގެނެސްފައިވާ ބަދަލުތަކުގެ ނަތީޖާ އެވެ.

8.4 ބިލިއަން ރުފިޔާއިން 2024 ވަނަ އަހަރު ޑެފިސިޓްވި ޕްރައިމަރީ ބެލެންސް، މިދިޔަ އަހަރު ނިމުނުއިރު ހުރީ 1.2 ބިލިއަން ރުފިޔާގެ ސާޕްލަސްއެއްގަ އެވެ. މިއީ ފަހުގެ ތާރީހެއްގައި މާލީ އަހަރެއް ނިންމާލެވުނު ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެ އެވެ.

ސޮވެރިން ޑިވެލޮޕްމަންޓު ފަންޑު (އެސްޑީއެފް) އަށް މިދިޔަ އަހަރު ޖަމާކުރެވުނު އަދަދަކީ 2.7 ބިލިއަން ރުފިޔާ އެވެ. މިއީ އޭގެ ކުރީ އަހަރު ޖަމާކުރެވުނު 2.1 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 91.2 އިންސައްތަ ކުރިއެރުމެކެވެ. މިއީ ބައިނަލްއަގުވާމީ އިންވެސްޓަރުންނާއި މާލީ އިދާރާތްތައް އެންމެ ބޮޑަށް ސަމާލުކަންދޭ އެއް ކަމެވެ. މިއީ ދައުލަތުގެ ދަރަނި އަދާކޮށް، ރަސްމީ ރިޒާވަށް ހުރި ޕްރެޝަރުތައް ކުޑަކޮށްދޭ ކަމެކެވެ.

ނިމިދިޔަ އަހަރު 2.2 މިލިއަން ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވާއިރު، ފަތުރުވެރިކަމުގެ ދާއިރާއިން ލިބޭ ޓެކްސްތަކުގެ އާމްދަނީ ގޮތުގައި 1.2 ބިލިއަން ޑޮލަރު ލިބިފައިވެ އެވެ. މިއީ 2024 ވަނަ އަހަރާ އަޅާބަލާއިރު ބޮޑު އިތުރުވުމެކެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%