މި ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެނަށް" ސްކީމްގެ ދަށުން މާލެ ސަރަހައްދުން ގޯއްޗާއި ފްލެޓް ދޫކުރަން އިއްޔެ ހުޅުވާލި ފުރުސަތުގައި ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ޖުމްލަ 518 އެޕްލިކޭޝަން ހުށަހަޅާފައިވާ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓްރީން ހާމަކޮށްފި އެވެ.
ކޮންސްޓްރަކްޝަން މިނިސްޓްރީން މިކަން ހާމަކުރީ އެކްސްގައި ހިއްސާކުރި ޕޯސްޓެއްގަ އެވެ. އެ މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި ގޯއްޗާއި ފްލެޓަށް އެދި ހުށަހަޅާފައިވާ 518 އެޕްލިކޭޝަނުގެ ތެެެެެެެރެއިން 399 އެޕްލިކޭޝަނަކީ ފްލެޓް އެޕްލިކޭޝަން ކަމަށާއި 119 އެޕްލިކޭޝަނަކީ ގޯތި އެޕްލިކޭޝަން ކަމަށެވެ.
މީގެ އިތުރުން ޑްރާފްޓް ސްޓޭޖްގައި ޖުމްލަ 3،836 އެޕްލިކޭޝަން އެބައޮތް ކަމަށްވެސް ކޮންސްޓްރަކްޝަން މިނިސްޓްރީން ބުންޏެވެ.
"ބޯހިޔާވަހިކަން އެންމެންނަށް" ސްކީމްގެ ދަށުން ދޫކުރާ ފްލެޓްތަކަށް އެދުމުގެ ފުރުސަތު އެޕްރީލް މަހުގެ 17 ވާ ހުކުރު ދުވަހުގެ 23:59 ނިޔަލަށް ކޮންސްޓްރަކްޝަން މިނިސްޓްރީން ވަނީ ހުޅުވާލައިފަ އެވެ. އަދި މި ސްކީމްގެ ދަށުން ދޫކުރާ ގޯއްޗަށް އެދުމުގެ ފުރުސަތު ހުޅުވާލާއިވަނީ މާރިޗު މަހުގެ ހަތަރެއް ވާ ބުދަ ދުވަހުގެ 23:59 ގެ ނިޔަލަށެވެ. ގޯއްޗާއި ފުލެޓަށް އެދި ހުށަހަޅަންޖެހެނީ ”ބޯހިޔާވަހިކަން އެންމެނަށް“ ޕޯޓަލް މެދުވެރިކޮށެވެ.
ބޯހިޔާވަހިކަން އެންމެނަށް ސްކީމްގެ ދަށުން ޖުމްލަ 15،000 ގޯއްޗާއި 7،900 ފްލެޓް ދޫކުރުމަށް ހަމަޖެހިފައިވާއިރު، ގޯއްޗާއި ފްލެޓުތައް އޭގެ ހައްގުވެރިންނަށް މި ދައުރު ނިމުމުގެ ކުރިން ހަވާލުކުރާނެ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. މުއްތަލިބު ވަނީ އިއްޔެ ވިދާޅުވެފަ އެވެ.






