"ބަލްމާ-6" ނަމަކަށް ކިޔާ ދޯންޏެއް ބަންޑުންޖަހާލައި ހިނގި ހިތާމަވެރި ހާދިސާގައި ގެއްލުނު ބިދޭސީ މީހާ އަދިވެސް ނުފެންނަ ކަމަށާއި އޭނާ ހޯދުމުގެ މަސައްކަތް އަދިވެސް ކުރަމުން އަންނަ ކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނެފި އެވެ.
މި ދޯނި ބަންޑުންޖަހާލާފައިވަނީ އިއްޔެ ހެނދުނު 07:27 އެހައިކަންހާއިރު ތާޖު އެގްޒޯޓިކާ ރިސޯޓު ކައިރިއަށެވެ. މުދާ އުފުލާ އެ ދޯނި ބަނޑުންޖަހާލި ވަގުތު ދޯނިން ދަތުރުކުރަމުން ދިޔައީ ހަތަރު ފަޅުވެރިންނެވެ. އޭގެތެރެއިން ދެ މީހަކު އެ ސަރަހައްދުން ދަތުރުކުރި ދޯންޏަކަށް ހަމަ އެ ވަގުތު ނަގާފައިވާ ކަމަށް އެމްއެންޑީއެފްއިން ބުންޏެވެ.
ދޯނި ބަންޑުންޖަހާލުމާ ގުޅިގެން ހޯދަމުން ދިޔައީ ދިވެއްސަކާ ބަންގްލަދޭޝްއަށް ނިސްބަތްވާ މީހެކެވެ. އޭގެ ތެރެއިން ދިވެހި މީހާ ނިޔާވެފައި އޮއްވާ ތާޖު އެގްޒޯޓިކާ ރިސޯޓު ކައިރިން އިއްޔެ ވަނީ ފެނިފަ އެވެ. މައްޔިތާގެ ހަށިގަނޑު މިހާރު ވަނީ ޕޮލިހަށް ހަވާލުކޮށްފަ އެވެ.
ދޯނި ބަންޑުންޖަހާލުމާ ގުޅިގެން ގެއްލުނު ބިދޭސީ މީހާ ހޯދުމަށް އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންއާއި ކޯސްޓުގާޑް ޑައިވަރުންގެ ޓީމެއް ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.






