ރައީސް ޑރ. މުހައްމަދު މުއިއްަޒުގެ ވައުދުފުޅާ އެއްގޮތަށް ރާއްޖޭގެ ކޮންމެ އަތޮޅެއްގައި ޕިކްނިކް އައިލެންޑެއް ގާއިމުކުރުމުގެ މަޝްރޫއުއަށް ބޭނުންވާ ކޮންސަލްޓެންސީގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމުގެ މަސައްކަތް ސަރުކާރުން ފަށައިފިއެވެ.
ޕިކްނިކް އައިލެންޑް ޑިވެލޮޕްމަންޓް މަޝްރޫއު ކުރިއަށްގެންދަނީ ސޯޝަލް އެންޑް ފެމިލީ މިނިސްޓްރީގެ ބެލުމުގެ ދަށުންނެވެ. އެ މިނިސްޓްރީން މިއަދު ވަނީ އެ މަޝްރޫއުއަށް ބޭނުންވާ ކޮންސަލްޓެންސީ ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާނުކޮށްފަ އެވެ.
މިނިސްޓްރީގެ އިއުލާނުގައި ބުނެފައިވަނީ އެ މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން ބީލަން ހުށައެޅުމަށްޓަކައި މިމަހުގެ 21 ވަނަ ދުވަހުގެ 14:00ގެ ކުރިން އީޕޯޓަލް މެދުވެރިކޮށް ރަޖިސްޓްރީވާން ޖެހޭނެ ކަމަށެވެ. އަދި ބީލަމާ ގުޅޭ އެއްވެސް ސުވާލެއް ނުވަތަ އޮޅުން ފިލުވަން ބޭނުންވާ މައުލޫމާތެއް ވާނަމަ މިމަހުގެ 25 ވަނަ ދުވަހުގެ 14:00ގެ ކުރިން bid@msfd.gov.mv އަށް އީމެއިލް ކުރުމަށް ވެސް ވަނީ އެދިފަ އެވެ.
މިމަޝްރޫއު އަށް ބޭނުންވާ އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ މި މަހުގެ 28 ވާ ބުދަދުވަހުގެ ހެނދުނު 10 ޖަހާއިރު ކަމަށް އެ އިއުލާނުގައި ވަނީ ބުނެފަ އެވެ. އަންދާސީ ހިސާބު ހުށަހަޅަންޖެހެނީ މިނިސްޓްރީ އަށެވެ.
މިދިޔަ އަހަރު ރާއްޖޭގެ ހުރިހާ ރަށަކަށް ރައީސް ޑރ. މުހައްމަދު ކުރެއްވި ދަތުރުފުޅުގެ ތެރެއިން ރާއްޖޭގެ ބައެއް އަތޮޅުތަކުގައި ރައްޔިތުން ހިތްހަމަޖެހިލާ އާއިލާއާއެކު ދަތުރުދާނެ ސަރަހައްދުތަކެއް ނެތްކަމުގެ ކަންބޮޑުވުން ގިނަ ރަށްރަށުން އެމަނިކުފާނާ ވަނީ ހިއްސާކޮށްފަ އެވެ. ރައްޔިތުންގެ އެ ކަންބޮޑުވުމަށް އިޖާބަ ދެއްވައި ރައީސް ވަނީ ރާއްޖޭގެ ކޮންމެ އަތޮޅެއްގައި އެއަތޮޅެއްގެ ރައްޔިތުން ދަތުރުދާނެ ރަށެއް ތަރައްގީ ކުރައްވާނެކަމަށް އިއުލާނުކުރައްވާފަ އެވެ. އެގޮތުން އެކަމަށް ބޭނުންވާ ދިރާސާތައް ކުރާނެކަމަށް އޭރު އެމަނިކުފާނު ވަނީ ވިދާޅުވެފަ އެވެ.









