ނ. ކުޑަފަރިއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނުކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ނ. ކުޑަފަރި / ކެތި، ސަހުލު މުހައްމަދު (48އ) ކަމަށެވެ. އޭނާ ހައްޔަރުކޮށްފައިވަނީ މާޅެންދޫއިން ކުޑަފަރިއަށް މަސްތުވާތަކެތި އެތެރެކުރާ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކުޑަފަރި ޕޮލިހާއި މާޅެންދޫ ޕޮލިހުން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ފުލުހުން ބުނީ، މި މަހު 15 ވަނަ ދުވަހު ކުރިއަށްގެންދިޔަ މި އޮޕަރޭޝަނުގައި ކުޑަފަރިއަށް ޑިންގީއެއްގައި އައުމުން އޭނާ ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 23 ރަބަރު ޕެކެޓު ފެނިފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން ސަހުލު މުހައްމަދުގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ ފަސް ދުވަހަށް އޭނާ ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފަ އެވެ.

ފުލުހުން ގެންދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.