ޣައްޒާގެ އިންތިޤާލީ ވެރިކަން ހިންގާނެ ޞުލްޙައިގެ ބޯޑުގެ މެންބަރަކަށް ވުމަށް ތުރްކިޔޭގެ ރައީސް ރަޖަބް ޠައްޔިބް އެރްދޮޣާން އަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދަޢުވަތު އަރުވައިފިއެވެ.
މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 10ވަނަ ދުވަހު ޙަމާސް އާއި އެކު ވެފައިވާ ހަނގުރާމަ ހުއްޓައިލުމުގެ އެއްބަސްވުމުގެ ދަށުން ޣައްޒާގައި ވެރިކަން ކުރާނެ އިންތިޤާލީ ކޮމިޓީއެއް އެކުލަވައިލުމަށް ބުނެފައި ވެއެވެ. އެ ކޮމިޓީގެ މައްޗަށް ބާރު ފޯރުވާނީ ރައީސް ޓްރަމްޕްގެ ބެލުމުގެ ދަށުން އުފައްދާ ސުލްޙައިގެ ބޯޑެވެ. އެ ބޯޑުގެ ރިޔާސަތު ބަލަހައްޓާނީ ސީދާ ޓްރަމްޕް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
ޓްރަމްޕުގެ ދަޢުވަތް އެރްދޮޣާން ޤަބޫލުފުޅު ކުރެއްވި ކަމެއް އަންކާރާއިން އަދި އިޢުލާނެއް ނުކުރެއެވެ. މި ބޯޑަށް ޓްރަމްޕް ވަނީ އިނގިރޭސިވިލާތުގެ ކުރީގެ ބޮޑުވަޒީރު ޓޯނީ ބުލެއާގެ އިތުރުން އެމެރިކާގެ ޚާރިޖީ ވަޒީރު މާކޯ ރޫބިޔޯ އާއި ޓްރަމްޕްގެ ޚާއްޞަ މަންދޫބު ސްޓީވް ވިޓްކޯފް އަދި ޓްރަމްޕްގެ ދަނބިދަރިފުޅު ޖެރެޑް ކުޝްނަރގެ ނަން ހުށަހަޅާފައެވެ.






