އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގެ ސަބަބުން ހަމަސްތެރޭ 2600 މާބަނޑު މީހުންގެ ދަރިފުޅު ބައިގެން ދިޔަ ކަމަށް ބައިނަލްއަގުވާމީ މަސްދަރުތަކުން ބުނެފިއެވެ. ބައިނަލްއަގުވާމީ ސިއްހީ އިދާރާތަކާއި ގުޅުން ހުރި ފަރާތްތަކުން ބުނީ ޣައްޒާ ހަނގުރާމައިގެ ސަބަބުން އުފަންވާ މިންވަރު ދަށްވެ، މައިންނާއި އަލަށް އުފަންވާ ކުދިން މަރުވާ މިންވަރު ވެސް ވަރަށް ބޮޑަށް އިތުރުވެ، ރިޕްރޮޑަކްޓިވް ހެލްތްކެއާ ސިސްޓަމް ގާތްގަނޑަކަށް މުޅިން ފުނޑުފުނޑުވެއްޖެ އެވެ.
އިންސާނީ ހައްގުތަކާ ބެހޭ ރިޕޯޓްތަކާއި ހަވާލާދީ އިނގިރޭސިވިލާތުން ބުނީ ޣައްޒާގައި ވިހެއުމުގެ ނިސްބަތް 41 ޕަސެންޓް ދަށްވެފައިވާއިރު، ދުވަސް ނުފުރާ ވިހެއުން ދަނީ އިތުރުވަމުންނެވެ. އަސި ބައިގެން ދިޔުން އިތުރުވެފައިވާ ކަމަށެވެ.
ޔުނިވާސިޓީ އޮފް ޗިކާގޯ ލޯ ސްކޫލްގެ ގްލޯބަލް ހިއުމަން ރައިޓްސް ކްލިނިކާއި ގުޅިގެން ފިޒިޝަންސް ފޯ ހިއުމަން ރައިޓްސް (ޕީއެޗްއާރު) އިން ނެރުނު ދެ ރިޕޯޓެއްގައިވާ ގޮތުން 2025 ވަނަ އަހަރުގެ ޖެނުއަރީ މަހާއި ޖޫން މަހާއި ދެމެދު ޣައްޒާގައި ގާތްގަނޑަކަށް 2،600 މީހުންގެ ބަނޑުގައިވާ ދަރިން ވަނީ ބައިގެން ގޮސްފައެވެ. އަދި މާބަނޑު 220 އަށް ވުރެ ގިނަ މީހުން ޝަހީދުވެ، ދުވަސް ނުފުރާ ވިހެއި މީހުން އަދަދު ވެސް 1،460 އަށް އރައެވެ. މީގެ އިތުރުން ކާނާ ނުލިބުމުގެ ސަބަބުން 1،700 އަށް ވުރެ ގިނަ ކުދިން ވިހާފައި ވަނީ ބަރުދަން ހަމަނުވާ ކުދީންގެ ގޮތުގައެވެ.






