ރާއްޖެއިން ބަންގްލަދޭޝް ކޮޅަށް ލަނޑު ގޯންޏެއް ޖަހައި އެއްވަނައިގައި ހަމަޖެހިލައިފި

އައިޝަތު ރުވާ ރިފްޢަތު | 8 ދުވަސް ކުރިން - 16 ޖެނުއަރީ 2026 19:46
އަހްމަދު ރާހިލް ރަޝީދު (ރާއްކޮ). އޭނާ ވަނީ މި މެޗުގައި ދެ ގޯލު ޖަހާފައި---ފޮޓޯ: ސާފް
އަހްމަދު ރާހިލް ރަޝީދު (ރާއްކޮ). އޭނާ ވަނީ މި މެޗުގައި ދެ ގޯލު ޖަހާފައި---ފޮޓޯ: ސާފް
ޚުލާސާ

ރާއްޖެ ވަނީ ފުރަތަމަ ހާފުގައި ހަތަރު ގޯލު ޖަހާފައި. މި މޮޅާއެކު ރާއްޖެ ވަނީ ތާވަލުގެ އެއްވަނައިގައި ހަމަޖެހިލާފައި.

ސައުތް އޭޝިއަން ފުޓްބޯލް ފެޑަރޭޝަން (ސާފް) ފުޓްސަލް ޗެމްޕިއަންޝިޕުގައި ބަންގްލަދޭޝް ފަސޭހަކަމާއެކު ބަލިކުރުމަށްފަހު ރާއްޖެ ތާވަލުގެ އެއްވަނައިގައި ހަމަޖެހިލައިފި އެވެ.

ތައިލަންޑުގައި މިހާރު ކުރިއަށްދާ މި މުބާރާތުގައި ރާއްޖެއިން ބަންގްލަދޭޝް ބަލިކޮށްފައިވަނީ 1-6 ގެ ނަތީޖާއިންނެވެ. މި މެޗުގެ ފުރަތަމަ ހާފުގައި ރާއްޖެއިން ހަތަރު ގޯލު ޖެހިއިރު ފަހު ގޯލު ޖެހީ ދެވަނަ ހާފުގަ އެވެ. ބަންގްލަދޭޝްގެ ހަމައެކަނި ގޯލު ފެނިފައިވަނީ ފުރަތަމަ ހާފުގަ އެވެ.

މި މެޗުގައި ރާއްޖެ ޓީމަށް ފުރަތަމަ ގޯލު ކާމިޔާބުކޮށްދިނީ މުހައްމަދު އިމްރާން (އިންމި) އެވެ. ދެވަނަ ގޯލު އިޝާން އިބްރާހިމް (ސައްޓު) ކާމިޔާބުކޮށްދިން އިރު ތިން ވަނަ ގޯލު ޖަހައިދިނީ އަހްމަދު ރާހިލް ރަޝީދު (ރާއްކޮ) އެވެ. މިއީ ރާހިލްގެ ފުރަތަމަ ބައިނަލްއަގްވާމީ ގޯލެވެ. މި މެޗުގެ ފަސް ވަނަ ގޯލު ވެސް ޖަހައިދިނީ ރާހިލް އެވެ. ހަތަރު ވަނަ ގޯލު ލިބުނު ޕެނަލްޓީއެއްގައި ކާމިޔާބުކުރީ އަލީ ޝިޔާހު (ޝިޔަޅޭ) އެވެ. މެޗުގެ ފަހު ގޯލު ރާއްޖެއަށް މެޗު ނިމެން ކުޑައިރުކޮޅެއްވެފައި ވަނިކޮށް ކާމިޔާބުކުރީ އަބްދުﷲ ޝާފިއު (ޝާއްޕެ) އެވެ. ބަންގްލަދޭޝްގެ ހަމައެކަނި ގޯލު ކާމިޔާބުކުރީ އިބްރާހިމް އަހްމަދު އެވެ.

މި މޮޅާއެކު ރާއްޖެ އެއްވަނައިގައި ހަމަޖެހިލައިގެން އޮތީ ހަ ޕޮއިންޓާއެކު 11 ގޯލުގެ ފައިދާއާ އެކު އެވެ. ފުރަތަމަ މެޗުގައި ޕާކިސްތާނާ ދެކޮޅަށް ރާއްޖެ މޮޅުވީ 1-7 ގެ ނަތީޖާއިންނެވެ.

އަންނަ އަންގާރަ ދުވަހު ރާއްޖެ ނިކުންނާނީ ވާދަވެރި އިންޑިއާ ދެކޮޅަށެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%