ކައުންސިލް އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުން ހޮވުމަށް އެމްޑީޕީ ޕްރައިމަރީގެ ވޯޓުލުން ފަށައިފި

އައިޝަތު ރުވާ ރިފްޢަތު | 2 ގަޑިއިރު ކުރިން - 16 ޖެނުއަރީ 2026 16:06
މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ޕްރައިމަރީގެ ވޯޓު ލައްވަނީ. އެމަނިކުފާނު މި އިންތިހާބުގައި ވާދަކުރައްވަނީ އަލީ އާޒިމްއާ---ފޮޓޯ: އެކްސް
މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ޕްރައިމަރީގެ ވޯޓު ލައްވަނީ. އެމަނިކުފާނު މި އިންތިހާބުގައި ވާދަކުރައްވަނީ އަލީ އާޒިމްއާ---ފޮޓޯ: އެކްސް
ޚުލާސާ

ވޯޓުލުން ކުރިއަށްދާނީ މިއަދު 14:30 އިން ފެށިގެން މިރޭ 20:00 އާ ހަމައަށް.

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިހާބަށް އެމްޑީޕީގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓުން ހޮވުމަށް ބާއްވާ އެ ޕާޓީގެ ޕްރައިމަރީގެ ވޯޓުލުން ފަށައިފި އެވެ.

ވޯޓުލުން ފަށާފައިވަނީ މިއަދު މެންދުރު ފަހު 14:30 ގަ އެވެ. މިރޭ 20:00 އާ ހަމައަށް އެ ޕާޓީގެ ދަފްތަރުގައި ތިބި ފަރާތްތަކަށް ވޯޓުލުމުގެ ފުރުސަތު އޮންނާނެ އެވެ. ޕްރައިމަރީގައި ޖުމްލަ 154 ކެންޑިޑޭޓުން ވާދަކުރާއިރު މީގެ ތެރޭގައި ކައުންސިލްގެ ރައީސް ކަމާއި މެންބަރު ކަމުގެ އިތުރުން މޭޔަރު ކަމަށް ވާދަކުރާ ފަރާތްތައް އިންތިހާބުކުރާނެ އެވެ. އަދި މީގެ އިތުރުން ޑަބްލިއުޑީސީ އަށް ހޮވާ މެންބަރުންނާއި ރައީސުންގެ މެދުގައި ވެސް ޕްރައިމަރީގެ ވޯޓުލުން ކުރިއަށްދާނެ އެވެ.

ކައުންސިލް އިންތިހާބަށް 25 ރަށަކުން 92 ކެންޑިޑޭޓުން ކުރިމަތިލާފައިވާއިރު ފަސް ސިޓީއިން 37 ކެންޑިޑޭޓުން ވާދަކުރެ އެވެ. ޑަބްލިއުޑީސީގެ ޕްރައިމަރީގައި ވާދަކުރަނީ 23 ކެންޑިޑޭޓުންނެވެ.

މި އިންތިހާބު މިއަދު ކުރިއަށްދާއިރު މިވަގުތު ރާއްޖޭގެ އެންމެ ގިނަ ބަޔަކު އިންތިޒާރުކުރާނީ މާލެ ސިޓީ މޭޔަރުގެ މަގާމަށް ވާދަކުރާ އަލީ އާޒިމާއި އާދަމް އާޒިމްގެ ޕްރައިމަރީގެ ނަތީޖާ އަށެވެ. ސަބަބަކީ މި ދެބޭފުޅުންގެ ޕްރައިމަރީ ފޯރީގައި ކުރިއަށް ގެންގޮސް ނިންމާލާފައިވާއިރު މިއީ ފެކްޝަންތަކުގެ ވާދަވެރިކަމުގެ ނަތީޖާ އަނެއްކާވެސް ފާޅުވެގެންދާނެ ފަހަރެއް ކަމުގައިވާނެތީ އެވެ. އަދި ހަމަ އެގޮތުން ރައީސް ނަޝީދާއި ރައީސް ސޯލިހުގެ ސިޔާސީ ކުރިމަގަށް މިއީ ވަރަށް މުހިންމު އިންތިހާބަކަށް ވެގެންދާނެ އެވެ.

ލޯކަލް ކައުންސިލް އިންތިހާބުގެ ޕްރައިމަރީ އެންމެ ބޮޑު ޕާޓީ، ޕީއެންސީން މިދިޔަ މަހު ނިންމާލާފައިވާއިރު އެ ޕާޓީގެ ކެންޑިޑޭޓުން މިހާރު ދަނީ މައި އިންތިހާބަށް ކެމްޕެއިން ކުރަމުންނެވެ. އިންތިހާބު އޮންނާނީ އޭޕްރީލް މަހުގެ 4 ވަނަ ދުވަހުގަ އެވެ. ކުރިމަތިލާ ކެންޑިޑޭޓުންނަށް ފޯމު ހުށަހެޅުމުގެ ފުރުސަތު މާދާމާ ހުޅުވާލެވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ އިއުލާނުކޮށްފަ އެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%