ކުޅިވަރުގެ މައިދާނުގައި މަނާކުރެވިފައިވާ ބޭސްތައް ބޭނުންކުރުން ހުއްޓުވުމަށާއި، ކުޅިވަރުގެ އަދުލުވެރިކަން ދެމެހެއްޓުމަށްޓަކައި "މޯލްޑިވްސް ނޭޝަނަލް އެންޓި ޑޯޕިން އެޖެންސީ" ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު އުފައްދަވައިފި އެވެ.މި އެޖެންސީއަކީ 19 މެއި 2025 ގައި ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރެއްވި ދިވެހިރާއްޖޭގެ ކުޅިވަރު ގާނޫނަށް 1 ވަނަ އިސްލާހު ގެނައުމުގެ ބިލުގެ ދަށުން އުފެއްދެވި އިދާރާއެކެވެ. މި އެޖެންސީގެ މައިގަނޑު މަގްސަދަކީ ކުޅިވަރުގެ ދާއިރާގައި އެންމެންނަށް ހަމަހަމަކަން އޮންނާނެކަން ކަށަވަރުކޮށްދިނުމެވެ.
ރައީސް އޮފީހުން ބުނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 116 ވަނަ މާއްދާގެ (ހ) އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިހުތިޔާރުގެ ދަށުން މި އެޖެންސީ އުފައްދަވާފައިވަނީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގެ ދަށުން ހިނގަމުންދާ ތަނެއްގެ ގޮތުގައި ކަމަށެވެ.
ނަމަވެސް މި އެޖެންސީއަކީ އިދާރީ ގޮތުން ވުޒާރާއާ ގުޅިފައިވާ ތަނަކަށް ވީނަމަވެސް، މިއީ މުސްތަގިއްލު ބޯޑެއްގެ ދަށުން ހިނގަމުންދާނެ އިދާރާއެކެވެ. އެގޮތުން ކުޅިވަރުގެ މައިދާނުގައި ޑޯޕިންގ ކޮންޓްރޯލްކުރުމުގެ ސިޔާސަތުތައް ތަންފީޒުކުރުމުގެ ފުރިހަމަ ޒިންމާ އުފުލާނީ މި ބޯޑުން ކަމަށް ރައީސް އޮފީހުން ފާހަގަކުރި އެވެ.
މީގެ އިތުރުން، ދައުލަތުގެ އިދާރާތަކުން މޯލްޑިވްސް ނޭޝަނަލް އެންޓި ޑޯޕިންގ އެޖެންސީއަށް ފޮނުވާ ސިޓީތަކުގައި ޖައްސަވާނެ ނަންބަރަކީ 484 ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވަނީ ކަނޑައަޅާފަ އެވެ.
މި އެޖެންސީ އުފެއްދެވުމަކީ ރާއްޖޭގެ ކުޅިވަރުގެ ފެންވަރު ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށާއި، ކުޅުންތެރިންގެ މެދުގައި އޮންނަންޖެހޭ އިންސާފުވެރި ވާދަވެރިކަން ދެމެހެއްޓުމަށް އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި ސަރުކާރުން ސިފަކުރެ އެވެ.