ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު، "މޯލްޑިވްސް ޑިޖިޓަލް ސާވިސް" އުފައްދަވައި ނޭޝަނަލް ސެންޓަ ފޯ އިންފޮމޭޝަން ޓެކްނޯލޮޖީ (އެންސީއައިޓީ) މިއަދު އުވައިލައްވައިފި އެވެ.
"މޯލްޑިވްސް ޑިޖިޓަލް ސާވިސް"ގެ ނަމުގައި އިދާރާއެއް އުފައްދަވައި، އެންސީއައިޓީ އުވާލިކަން އިއުލާންކުރީ މިއަދު ރައީސް އޮފީހުން ނެރުނު ދެންނެވުމެއްގަ އެވެ.
އަލަށް އުފެއްފި މޯލްޑިވްސް ޑިޖިޓަލް ސާވިސް ހިންގާނީ ހޯމްލޭންޑް މިނިސްޓްރީގެ ދަށުންނެވެ.
ރައީސް އޮފީހުން ނެރުނު ދެންނެވުމުގައި ބުނެފައިވަނީ އެ އިދާރާ އުފެއްދީ ޑިޖިޓަލް-ފަސްޓް ނޭޝަން ތަސައްވުރާ ގުޅޭގޮތުން ވަޒީރުންގެ މަޖިލީހުގެ މަޝްވަރާކޮށް "މޯލްޑިވްސް 2.0 ރޯޑްމެޕް 2025-2028 - ޖާނީ ޓު ޑިޖިޓަލް ޓްރާންސްފޮމޭޝަން" މަގުޗާޓުގައިވާ ކަންކަން ތަންފީޒުކުރުމުގެ ޒިންމާ ހަވާލުކުރާ އެންމެ އިސް އިދާރާއަކީ، މޯލްޑިވްސް ޑިޖިޓަލް ސާވިސް ކަމުގައި ހަމަޖެއްސުމަށް އެ މަޖިލީހުން ނިންމާފައިވާތީ ކަމަށެވެ.
މޯލްޑިވްސް ޑިޖިޓަލް ސާވިސް އުފެއްދުމާ ގުޅިގެން، "މޯލްޑިވްސް 2.0 ރޯޑްމެޕް 2025-2028 - ޖާނީ ޓު ޑިޖިޓަލް ޓްރާންސްފޮމޭޝަން" މަގުޗާޓުގައިވާ ކަންކަން ތަންފީޒުކުރުމުގެ ޒިންމާ އަދާކުރާ އެންމެ އިސް އިދާރާގެ ހައިސިއްޔަތުން ކުރަންޖެހޭ މަސައްކަތްތަކުގެ އިތުރުން، އެން.ސީއައިޓީ އިން މިހާތަނަށް ކުރަމުން ގެންދިޔަ މަސައްކަތްތައް ދެން ކުރާނީ މޯލްޑިވްސް ޑިޖިޓަލް ސާވިސް އިންނެވެ.





